ވާހަކަ

ގަމުން މުންޑުއަށް

Mar 13, 2015
6

ސުނާމީއަށް ފަހު ދަރިން ފަތި ގޮވައިގެން ދޮން ދައިތަ ހިޖުރަކުރީ މާލެ އަށެވެ. އަހަރެން ޖެއްސީ މުންޑޫކަޅައިދޫ މީހުންނަށް ގަމުގައި އެޅި ވަގުތީ ހިޔަލުގެ ދަފުތަރުގަ އެވެ. ހަތަރު އަހަރަށް ފަހު ކުލީ ކޮޓަރީގެ ދިރިއުޅުން ދޫކޮށް ދޮންދައިތަ އަހަރެންގެ ތައްޕާހަށް އައީ އިއްޔެ އެވެ. މާލޭގައި ނޫޅެވިގެނެވެ.

"އާދަނާ ދަރިފުޅާ! މި ދެން އާދަމުގެ ދަރިން ކައްކާ ކައިބޮއި ނިދާ ހަދަން ކުޅަދާނަ ގޮތެއްތަ؟"

ދޮންދައިތަ އަހަރެންގެ ގާތަށް އައުމުން އުފާވެފައި ހުއްޓާ ދެވަނަ ދުވަހު ޝަކުވާ އޮއްސަން ފަށައިފި އެވެ.

"ދޮންދައިތާ މިއީ މިއަދަށްް އޮތް ގޮތް،" އަހަރެން ހުރީ ފެންވަރައިގެން ނުކުމެ އުނަގަނޑުގައި ސޯރުފޮތިކޮޅު އައްސާށެވެ.

"އޭއި ޒުރުއަތޫ، މަންޖޭ ތެދުވޭ!"

ހިކިފަހަށް އަރުވާފައި އޮތް ނަރުނަގޫ މަޑިއެއްހެން ތަރަފާލަގަނޑު މަތީ ފެތުރިގެން އޮތް ދޮންދައިތަ ކައިރީ އިން އަހަރެންގެ ހަގު ކަނބުލޯ އޭނާގެ އަމާ ގާތަށް ފޮނުވައިލީ ޝަކުވާގެ ވަޖިދުގައި ދޮންދައިތަ ކޮންމެ ފަދަ އަވަގުރާނެއް ވެސް ގޮވާފާނެތީ އެވެ.

އަހަރެން ހިތަށް އަރަ އެވެ. ގުދަރަތީ ގާނޫނު ބޭނުން ގޮތަކަށް އިންސާނުންގެ ދުނިޔެ އަނބުރައި ފުރޮޅައި ކަންފަތިކުރަމުންދާނެ ނޫން ހެއްޔެވެ؟ ނިކަމެތި އިންސާނުންގެ ހަޔާތާ ކުޅޭނެ ނޫން ހެއްޔެވެ؟ ދުނިޔެއަކީ އެއީތާ އެވެ. ބައެއް ފަހަރު ހިތާމައަކަށް ވެދާނެ އެވެ. އެހެންނާ ނަސީބަކަށް ވެދާނެ އެވެ. ބައެއް ފަހަރަށް އާބާދު ކޮށްދޭއިރު އެހެންނާ ވީރާނާ ކޮށްފާނެ އެވެ. ދޮންތައިތައަށް އެވަރު ނުވިސްނެނީ ކީއްވެގެން ބާވައެވެ؟

"ދޮންދައިތާ ތައްޔާރެއް ނުވަމުތަ؟ ރަށް ބަލަން ދަންޏާ އިރުހުއްޓާ ދާންޖެހޭނެ. އެއީ ކުރީގެ މުންޑުއެއް ނޫން. މިހާރު އެއީ ފަޅުރަށެއް، ދަންޏާ އަވަސްކުރޭ،"

"ދަރިފުޅާ އާދަނާ! ދޮންދައިތަމެންގެ ގޯތި، ރުއްގަނޑަށް ދާންވާނެ ދޯ؟" އުފަން ވަޒަނާއި ރުއްގަނޑުގެ ވާހަކަ ދޮންދައިތަ ފެށުމާއެކު އަހަރެން ލޮލުން ކަރުނަ ހިލެން ފަށައިފި އެވެ. ފޯރިވެސް ކެނޑިއްޖެ އެވެ. ހަގީގަތުގައި ރަށަށް އަރައިލަންވެސް ނުދާން ހުންނަނީ އެހެންވެގެނެވެ. ކަށިބޯ ޖަންގައްޔަކަށްވެފައިވާ އުފަންވެއްޔާއި ފަނާވެފައިވާ އަމިއްލަ ގެދޮރު ފެނިފައި ބަޑިފަޅައިގެންދާނެތީ އެވެ. މިކަހަލަ ދުވަހެއްގައި ދޮންދައިތަ ތެޅިމަރުވެގެން ކޮންމެހެން މުންޑުއަށް ދާން ކުސްތަޅާފައި ޝަކުވާ ނުކުރާނަމަ ދުވަހަކުކޮޅުން ވެސް މުންޑޫގެ މޭގަ ފެންނަ ހިސާބަށް ދާން އަހަރެން ބޭނުމެއް ނޫނެވެ. އެ ރީތި މަލަ ފެންނަ އިރަށް އަހަންނަށް ރޮވޭނެ އެވެ. ހިތް ފޮތިފޮތިވެގެންދާނެ އެވެ.

ރާޅު އެރުމުން ވެސް ދޮންދައިތަމެނަށް ހީވެގެން އުޅެނީ އީދު އައިސްގެން އުޅޭހެނެވެ. އާފަލެއް އަންނާރެއް ނުލިބޭ ތާނގައި ބަނދަރެއް މުސްތަގުބަލެއް ވެސް ނެތް ރަށެކޭ ބުނެ ރަށަށް މަލާމަތްކޮށް މީހުން ޅަދަރިން ހަލާކުކުރާ މާލެއާ ދިމާއަށް ދުއްވައިގަތީ އެވެ. އެއީ ހަމަ މީހުންގެ ދަރިންގެ މަގު އޮޅުވާލާ ހަޑި މާލެ އެވެ. އެ ރަށުގައި ދޮންދައިތަގެ ދަރިންކޮޅު ހަލާކުކޮށްލައިގެން އެ އައީ އެވެ. އެ ކުދިވެރިންނާ ޖެހުމުން މިހާރު އަހަރެންގެ ދޮށީ ގޮލާ، މިންހާލްގެ ސިކުނޑި ވެސް ހިކިއްޖެ އެވެ. މިދާ ގޮތަށް ދަންޏާ މާދަމާ ޒުރުއަތު ވެސް އަހަރެން މޫނުމަތީގައި އަތް އުކަން ފަށާނެ އެވެ.

މިއަދު ދޮންދައިތަ މި ފަށާ ދަތުރުން އަހަރެންގެ ހިތުގައި ޅިޔަ އެޅިގެންދާނެ އެވެ.

ދޮންދައިތަމެނަށް މަޖަލަކަށް ވިޔަސް އެއީވާ ޖެހުނު، ބޮޑުވެގެންވާ މުސީބާތެކެވެ. އެއީވާ ދުވަހެކެވެ. ރުޅިގަދަވެ ކެކި އަރައިގެން ބަންޑުންވި މާސިންގާ އެ ރާޅާއެކު އަހަރެމެން ފުރަތަމަ ގަންބާލީ ކަރުނަޔާ ހިތާމައިގެ ތެރެއަށެވެ. ދެން އޮޔާ ބައްސާލީ އެވެ. އެ ރާޅު ހޮޅިދަށުވީ މީހުންގެ ތެރެއިން އަހަރެން ހިމެނެނީ ވަޒަނުން ފައްސާލެވުނު މީހުންގެ ތެރޭގަ އެވެ.

އަހައްމަދުފުޅު ބޭގެ ކުޑަ ބައްތެލީގައި ދޮންދައިތަ އާއި ކުދިވެރިން ގޮވައިގެން އަހަރެން ދަތުރު ފެށީ މެންދުރެއްހާއިރު އެވެ. ރީތީ ރޯޅީގައި ކުޑަ ބައްތެލި ނަލައަށް ދުވެލައި ބެރެސްދުއާ ކަޅައިދުއާ ކުޑަކަޅައިދޫ ފަހަށްލައި ބޮކެއްފުށީ ކޮޅުން ރެސްމައްޗަށް ނުކުތްއިރު ސާފު އުޑު ހީވަނީ ބޯމަތީގައި އޮތް ޒަބަރުޖުދު ގުއްބެއްހެނެވެ. ސަރާސަރު ދޮންފަޅު ހީވަނީ ހިސާބެއްގެ ރުލެއް ޖެހިފައިވާ ހީރާގެ ދޫލައެއް އެހެނެވެ. ދިމާއަށް ފެންނާން އޮތީ އަހަރެމެން ރަށުގެ މޭގަ އެވެ. ރީތި ރުއްކަރަ އާއި ހިމުން ވެއްޔެވެ.

އަހަރެމެން ހަތް ސަތޭކައެއްހާ މީހުން އުޅުނު މުންޑޫއަކީ އަންހެން ކުދިން ރީތިރަށެއްގެ ގޮތުގައި މި ޖަޒީރާތަކަށް މަޝްހޫރުވި ރަށެކެވެ. އަހަރެމެން ބޭރުކޮށްލެވުނު އެރަށަކީ ދިވެހި ތާރީހުގެ މުހިންމު ސޮފުތާކެއް އޮތް ރަށެކެވެ. ދިވެހި ސަގާފަތުގެ ތެރެއިން ތާރައިގެ މުރީދުންގެ މައި އެއް ރަށެވެ.

އަހަރެންގެ ލޯބިވާ އެރަށަކީ އުނދަގޫ ކަމެއް ނެތް ފަސޭހަ، ރީތި ރަށެކެވެ. އެހާ ދޮން، އެހާން ފުން ފަޅެކެވެ. ދެ މޫސުމަށް ވޮޑޭ ދޮން ވެލީގެ ބޮޑު ތުނޑިއެއް އޮވެ އެވެ. އިރުވައި ހަޅައަށް އޮންނަނީ ހުންގާނު ދޫންޏެއްގެ ސިފައިގަ އެވެ. ހުޅަނގަށް ހީވާނީ ކޮށްޖަހަން ތުންގަނޑު ދަމާލައިގެން އިންނަ ރާބޮންޖެއްޖެ ކަރުހެނެވެ. އެއީ ހާދަ ހިމުން ވެލިގަނޑެކެވެ. އެއީ އަހަރެންގެ ޅަފުރާ އެކަށް ހޭދަކުރި ހިމުން ވެލިގަނޑެވެ. އަންހެން ކުއްޖަކަށް ފުރަތަމަ އަހަރެން ލޯބި ހުށަހެޅީ ވެސް އެ ވެލިގަނޑުގެ މަތީގަ އެވެ. އެއީ މި ކުޑަ ބައްތެލީގެ ފެންފިލާމަތީގައި އެއިން މުއާޒުގެ މަންމަ ޒުލޭހާ އެވެ. ރާޅުގައި އޭނާ ގެންދިޔައީ ކޮން ތާކަށްކަމެއް އެކަކަށް ވެސް ނޭގެ އެވެ. އަހަރެމެން ފާތިހާ ކިޔެވީ ޝަހީދު މަރެއްވީ ކަމަށް ބަލައިފަ އެވެ.

އާ ނެރުގެ ބޭރުން ބައްތެލި މުންޑޫ ފަޅަށް ވަދެއްޖެ އެވެ. އަހަންނަށް ހީކުރެވެމުން ދިޔައީ ރަށުގެ ހިކިފަހަށް ވެސް އެރިއްޖެ ކަމަށެވެ.

އެހެރީ އަހަރެން ބަނޑު ލޫދައިގެން އަރައި އުޅުނު ކުރި ރުކެވެ. ތައްޖަހައިފައި އެހުރީ އަހަރެމެން ކުރުނބާ އިހާ ބާލައި އުޅުނު ފެންމީރު ނޫ ރުކެވެ. ޅައިރު އެ ރުކުގެ ކުރުނބައެއްގެ ފެން ދަމާލާއިރު އަހަރެންގެ ބަނޑު ހީވާނީ ތޮއްޑޫ ކަރައެއްހެނޭ ބައްޕަ ވަރަށް ފަހުން ވެސް ކިޔައި އުޅެ އެވެ.

އެހެރީ ކާފަގެ ދުނިޔޭގައި ބަހައިގެން ލިބުނު ރުކެކެވެ. ކާފަ ރާކޮށްފައި އެންމެ ފަހުން ދޫކޮށްލި ރުކަކީ އެއީ ކަމަށް މިހާރު ވެސް ދުނިޔޭގައި އިނދެ ރަނބަތަޅުވާ މާމަ ބުނެ އެވެ.

އަހަރެންގެ މިއޮށް ރީތި، މިއޮށް ފަސޭހަ ވަޒަން އޮއްވާ މިހާރު ދިރިއުޅެން ޖެހިފައި މިވަނީ ކޮންތާކު ހެއްޔެވެ؟

ގަމަކީ ދިވެހި ތާރީހާއި ޖުގުރާފީ ފަހުރުވެރިވާނެ ރަށެކެވެ. އަހަރެންގެ އާ ވަޒަނެވެ. އެކަމަކު އަމިއްލަ ވަޒަނަށް އޮތް ލޯބި އެ ރަށަށް ދޭނީ ކިހިނެއް ހެއްޔެވެ؟ ހާދަ ހިރަފުސް ބޮލެވެ. ހާދަ ހޫނުގަދަ އެވެ. ވާރޭ ވެހިއްޖެއްޔާ ކަށިމައްޗަށް ފެންހެދެ އެވެ. ވައިފެން ވެސް ހެވެއް ނޫނެވެ. މުންޑޫގައި އުޅުނުހާ އުފާވެރި ދިރިއުޅުމެއް ދެން ނޫޅެވެނެކަން ގައިމެވެ.

މިހާރު ރަށަށް ލަފަނީ އެވެ. ބައްތެލީގެ ތެރޭގައި ދޮން ދައިތަމެން ރަކަރަކަ ޖައްސާވަރުން މީހަކަށް ވިސްނާލާން ވެސް އިނދެވޭހައެއް ނުވެ އެވެ.

"ހިކިފަހަށް އެރެންދެން ހިމޭނުން ތިބެލަ؟" އަހަރެން ބުނެލީމެވެ.

ތިލޯއްޓަށް ފަނާ ލާފައި ލޮތާރި އެއްގަމަށް ލާން ކުޑަކުޑަ މުއާޒު ގާތުގައި ބުނެފައި އަހަރެން ބައްތެލި ބީއްސާލީ އެވެ. ދޮންދައިތަ އާއި ކުދިވެރިން ތެމިފޯވެގެން ރަށު ތެރެއަށް ދުވައްވައިގަތީ ރާސް ރާސް ކުކުޅު ބައެއް ހެނެވެ.

އަހަރެން ފޭބީ އިރުކޮޅަކު އިނުމަށް ފަހު އަހަރެންގެ ލޯބިވާ ރަށުގެ ހޭޅިމަތިން "މިހާރު އަންނާށޭ ކުރިއަށްވުރެ މާ ބޮޑަށް އަހަރެން އާދަނު ދެކެ ލޯބިވާނަމޭ" ބުނެ ގޮވާހެން ހީވުމުން އުފަލުގެ ކަރުނަ އޮއްސަމުންނެވެ.

ބައްތެލި ލެފި ދިމާއަކީ ބޮޑު ރާޅު އެރުމުގެ ހައެއްކަ މަސް ކުރިން ވަކި ގެދޮރުވެގެން އަހަންނާ ޒުލޭހާ ބަދަލުވި ގޯތި "މިނިވަން އައްސޭރި" އޮތް ދިމާ އެވެ. ފުރަތަމަވެސް ބަލައިލެވުނީ އެ މިނިވަން މާހައުލަށެވެ.

މަގުލާއި ވަލުމިރިގަނޑެއް ހެދިފައި އޮތެވެ. އެ ދިމާއިން ކަނބިއްޔެއް ބޮނދައިގަތެވެ. މަތި ތަޅައިގެން ގޮސްފައި ހުރި ވަޅުގެ ކައިރީ ބޮނޑިއަކަށް ހުރީ ކޯދުލާފައިވާ ރުއް ފުންޏެކެވެ. އެއީ ގޭގެ ގިފިއްޔެވެ. އެ ކޯދުތަކަކީ އެންމެ ފަހުން ފުއްޓަށް ދިޔަ ދުވަހު ތެލަށް ގާނަން ގެނައި ނާގަބާޑި ކާށިތަކެވެ. އެކަމަކު ގިފިލީގެ ފުޅަށް ކޮބައި ހެއްޔެވެ؟ އެއްބައި ސަތަރިން އަނެއްބައި ގޯނިން ހެދި ފުޅަލިގަނޑު ނުވެސް ހައްދަވަ އެވެ. ފުޅަފީގައި ދެމި ފަންތައް ހިސާބަކަށް އެބަހުއްޓެވެ. ގާފޮޅު މަތީގައި ޖެހި މެއްލަތައް ކޮޅަށް ހުއްޓެއް ކަމަކު އެހެރީ ފީވެފަ އެވެ. އެގޮތުގައި އެހުރީ އުންޏާ މަގުލުން ޖެހި މެއްލަތައް މައްޗަށް އަރައި ދުވެލާފައިވާ ފަހަނޑަވެލަކާ ތެޔޮފިލާ ވެޔޮ ގަދަވެގަނެގެން އޮތުމުންނެވެ.

ކުޑަ ޖާފާނު ރުށް ދޮށުގައި އެހެރީ ބަދިގެއެވެ. ހިފާ ގެންގުޅުނު އެއްޗެހި ކޮބައި ހެއްޔެވެ؟ ޖެހުނުތާ ލަކުނު ވެސް ނެތެވެ.

ޒުލޭހާ ފެންދީ ހައްދައި އުޅުނު ސަބުދެލި ގަސް އެހެރީ ފޯދިފަ އެވެ. ކަށިކެޔޮ ހޮޅު ކަނޑައި ހުޅު އަލިފާނުގައި މިލުވައި ދުނބުރި ދަނޑިން ހެދި ގެ އެހުރީ ވީރާނާވެފަ އެވެ. އެގޭ ހަތަރު ބިތުގައި ތޮށަލިޖަހައި ކުކުޅުވަހި ހެދީ އެންމެ ދުވަހަކުންނެވެ. ޒުލޭހާ ފަން ދިއްކުރި އެވެ. އަހަރެން ރޯނުން ވެހުންޖެހީ އެވެ. ގޭގެ ބިންގާ އަހަރެން ދެމީ ހުވަން ނަކަތް ފެށުނުތަނާ އެވެ.

ވަރުވާ ކަނާ ދިމާ ބޭރުން ގަލަށްވެފައި އެހެރީ ވަށައިފާރު ރާނަން އަހައްމަދުފުޅުބޭ ހަދިޔާއަކަށް ދިން ދޮޅަހަކަށް ކޮތަޅު ސިމެންތި އެވެ. ހަގީގަތުގައި ވެސް އަހަރެންގެ ހަޔާތުގެ ބޮޑުބައި ވަނީ ވިރާނާވެފައި މިވާ "މިނިވަން އައްސޭރީ" ގަ އެވެ. މިއީ އަހަރެންގެ ރަށެވެ. ގެއާއި މުދަލާއި ލޯތްބެވެ. ހަޔާތުގެ ރީތި ހުވަފެނެވެ. މާޒީގައި އަހަރެން ކޮނުނު ހުރިހާ ރީތި ފަހެއްވީ މި ގޭތެރޭގަ އެވެ. މިރަށުގަ އެވެ.

ރަށް ކުޑަކޮށްފައި ދޮންދައިތަމެން އަންނާނެ ވަގުތެއްގެ އިންތިޒާރުގައި އަހަރެން މިނިވަން އައްސޭރީގެ ވިނަގަނޑު މަތީ ޖައްސައިލީމެވެ. ހިތަށް އެރި އެވެ. ދޫނި ވެސް އޭގެ ހާލި ދޫކޮށްފައި ކޮންމެވެސް ދުވަހަކުން ދާނެ އެވެ. ގެދޮރަކީ ވީރާނާވެ ދާ އެއްޗެކެވެ. އެ ތަންތަން ވީރާނާވަމުންދާތަން އަހަރެމެން ދެކޭފަދައިން އަހަރެމެން ވީރާނަވެގެންދާތަން އެތަންތަން ދެކޭނެބާވަ އެވެ؟ (ނިމުނީ)