އަންހެނުންގެ ދުވަސް

ގޮއިދޫގެ އަންހެނުން މިއީ ފިސާރި ބައެއް: މަހަށް ދަނީ އެވެރިން

"މަސް އޮޑި މަހުން ލެފީމާ، މަސް ބައި ގެއަށް ގެނައިމާ، މަސް ލާރިއަށް މަސް ލާރިއަށް އެ ހަދަނީ މަސްވެރިވި އަންހެނުންނޭ،" މިއީ ދުލަށް ވަރަށް ފަރިތަ ލަވައެއްގެ ތަންކޮޅެކެވެ. މީގައި ބުނަނީ ފިރިހެންވެރިން މަހަށް ގޮސް މަސް ބާނައިގެން މަސް ހިފައިގެން ގެއަށް އައުމުން އެ މަސްތައް ކައްކާ، އެއިން ނަފާއެއް ލިބޭނެ ގޮތް ހަދަނީ އަންހެނުން ކަމަށެވެ. އެހެނަސް މިހާރު މި ލަވަ ވެސް މިވަނީ ބަދަލުކުރަން ޖެހިފަ އެވެ. އެކަމަށް ބ. ގޮއިދޫގެ އަންހެނުން މިވަނީ މަޖުބޫރުކޮށްފަ އެވެ.

ގޮއިދޫގެ އަންހެވެރިންނަކީ ވަރަށް ފިސާރި ބައެކެވެ. އަބަދުވެސް ވަރަށް ޖޯޝާއި ފޯރީގައި ތިބޭ ބަޔެކެވެ. އެ ފޯރީގައި، އެ ފިސާރި އަންހެނުން މިހާރު މިވަނީ ފިރިން ގޭގައި ބޭތިއްބުމަށްފަހު މަހަށް ދާން ފަށާފަ އެވެ. ދޯނި ފަހަރުގައި ކަނޑަށް ނިކުމެ، މަސް ބާނަނީ މިހާރު އެ ފިސާރި ކަނބަލުންނެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ، އެ ރަށު އަންހެންވެރިން ބައި ހަދާފައި މަހަށް ދާ ކަމަށެވެ. އެގޮތުން ދޯނި އަދި ޑިންގީތަކުގައި މަހަށް އަންހެނުން ނިކުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ތައްޔާރުވެގެން ވަރަށް ފޯރީގައި އަންހެންވެރިން މަހަށް ނިކުންނަނީ، ފޮނި ބޯކިބާ ފަދަ ތަކެތި ވެސް ތައްޔާރުކޮށްގެން ވަރަށް ރޫހުގައި އެކަން ކުރަނީ،" މުހައްމަދު އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވި ގޮތުގައި އެ ރަށުގެ 80 އަށްވުރެ ގިނަ އަންހެނުން މަހަށް ނިކުމެ އެވެ. އަންހެނުން އާންމު ގޮތެއްގައި މަހަށް ނިކުންނަނީ ހަވީރު ވަގުތުގަ އެވެ. ނަނު އެޅުމާއި މަސް ބޭނުމުގެ ހުރިހާ ކަމެއް ކުރަނީ އެ އަންހެންނުންނެވެ. އަދި މަހަށް ގޮސް ހުސްއަތާ އަންނަނީއެއް ނޫނެވެ. ފިރިހެނުންނަކަށް ވަކި ދުލެއް ނުކުރެ އެވެ. ކޮންމެ ދުވަހަކު ވެސް 15 ވަރަކަށް ދޯނީގައި މަހަށް ނިކުންނައިރު ކޮންމެ ދޯންޏެއް ވެސް ތިރީހުން ސާޅީހުން ބާނައިގެން އިރު އޮއްސުމުގެ ކުރިން ރަށަށް ލަފަ އެވެ.

"ވަރަށް ފިސާރި އަންހެނުން އުޅޭ ރަށެއް މި، ކޮންމެ ކަމެއްގައި ވެސް ވަރަށް ޖޯޝާ ފޯރީގައި އަންހެންވެރިން ތިބޭނީ،" އަންހެން ކައުންސިލް މެންބަރެއް ވެސް ހިމެނޭ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މުޅި އެ އަތޮޅުގައި އެ ބައެއްގެ ފިސާރި ހުނަރުގެ ވާހަކަ ދައްކާ ގޮއިދޫ ންހެންވެރިން މިހާ ފޯރީގައި މިކަން ފަށާފައިވަނީ މިއީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށްވާތީ އެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށުނު މިކަމަކީ ރާއްޖޭގައި އާންމު ކަމެއް ނޫނެވެ. މިފަދަ ގޮތަކަށް އަންހެންވެރިން މަހަށް ނިކުމެ އުޅޭތަން މި ފެނުނީ ގޮއިދޫއިން އެކަންޏެވެ. ވަރުގަދަ ރިކޯޑެއް އެ އަންހެންވެރިން މިވަނީ ހަދާފަ އެވެ.

ގާތްގަނޑަކަށް 790 އެއްހާ މީހުން ދިރިއުޅުމުންދާ ގޮއިދޫއަކީ ކުރިން ވަރަށް މަސްވެރި ރަށެކެވެ. އެ ރަށުގައި މަސްވެރިކަމުގެ އިތުރުން ދަނޑުވެރިކަން ވެސް ފުޅާ ދާއިރާއެއްގައި ކުރެ އެވެ. ރަށުގެ ޒުވާނުންގެ މަސައްކަތަކީ ކައިރި ރިސޯޓްތަކުގައި ވަޒީފާ އަދާކުރުމެވެ.