ބޭރު ކުޅިވަރު

ޒިދާނަށް މޮޅު ކޯޗުގެ އެވޯޑް ހައްގު ނުވޭތަ؟

މި އަހަރުގެ ޖެނުއަރީ މަހު ތިން ވަނަ ދުވަހު ރެއާލް މެޑްރިޑްގެ ކޯޗް ކަމާ ޒައިނުއްދީން ޒިދާން ހަވާލު ވިއިރު، އެޓީމު އޮތީ ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއާ 13 ޕޮއިންޓް ފަހަތުގައެވެ. ރަފޭލް ބެނިޓޭޒަށް ސްޕެއިންގައި ޖާދޫ ނުދެއްކުމުގެ ނަތީޖާ އަކީ އޭނާ ވަކި ކުރަން ގޮވާލާ އަޑުތައް ރެއާލް މެޑްރިޑްގެ އެތެރޭގައި ގިނަ ވުމެވެ. ސީޒަންގެ މެދުތެރެއިން ބެނިޓޭޒް ވަކި ކުރުމަށްފަހު ރެއާލުން އެޓީމު ހަވާލު ކުރީ ރެއާލްގެ ބީ ޓީމަށް ކޯޗު ކޮށްދެމުން ދިޔަ ޒިދާން އަށެވެ.

ރެއާލް އަކީ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުލަބުތކުގެ ތެރެއިން އެއް ކުލަބެވެ. އެކަން އެގޮތުގައި ދަމަހައްޓަން ބޭނުން ނަމަ، ޒިދާޏްގެ ކޯޗިން ފިލޯސަފީ އަށް ބަދަލު ގެންނަން ޖެހޭ ކަން އޭނާ ރަނގަޅަށް ދެނެގަތެވެ. މިއަހަރު ޖޫން މަހު ސީއެއެން އަށް ދިން އިންޓަވިއުގައި ޒދާން ބުނެފައި ވަނީ އޭނާ ވެސް ރެއާލުގައި ކޯޗް ކޮށްދޭން ނިންމީ ކޯޗިންގެ އާންމު ފިލޯސަފީ އަށް ކަމަށެވެ. ނަމަވެސް އެ ވިސްނުމު ގައި ބާސާ އަތު ނުލެވޭނެ ކަން ހުދު އޭނާ އަމިއްލަ އަށް ދެނެގަތެވެ. އޭނާ ގެނައި ބަދަލުގެ އެންމެ ހާއްސަ ޑިޕާޓްމެންޓާކީ ޒިދާން ގެވެސް ޖާގަ އެވެ. ޓީމުގެ މެދުތެރެއެވެ.

މެދުތެރެއަށް އޭނާ ގެނައި ބަދަލާއެކު ބެނިޓޭޒް ދައުރުގައި ފުރަތަމަ 11 އިން ޖާގަ ނުލިބޭ ޖަރުމަންގެ ޓޯނީ ކްރޫޒް އާއި ބްރެޒިލްގެ ކެސެމީރޯ އަށް ފުރަތަމަ 11 އިން ޖާގަ ދީ މެދުތެރޭގައި ޑިފެންސިވް މިޑްފީލްޑަރެއްގެ ދައުރާއެކު ކެސެމީރޯގެ ދައުރު ބޮޑުވިއެވެ.

ބާސާގެ ފަހަތުން 13 ޕޮއިންޓްގައި އޮތް ޓީމު، ފަރަގު ކުޑަ ކުރަމުން ގޮސް ނިމުނު އިރު ބާސާއާ ދެމެދު އޮތް ފަރަގު އެންމެ ޕއިންޓަކަށް ކުޑަ ކުރި އެވެ.

ޒިދާންގެ ކޯޗު ކަމުގެ ދަށުން ރެއާލް ބަލިވީ އެންމެ ދެ މެޗުން ނެވެ. އެއީ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގެ ފުރަތަމަ ލެގް ގައި ޖަރުންމަންގެ ވުލްފްސްބާގް އަތުންނާއި ލީގް ގައި އެތުލެޓިކޯ މެޑްރިޑް އަތުން ނެވެ. ނަމަވެސް ޔޫރަޕްގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ޒިދާން ކާމިޔާބު ކުރީ އެތުލެޓީކޯ ބަލި ކުރުމަށް ފަހު އެވެ.

އާ ސީޒަނަށް ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅުނު ޔޫއެފްއާ ސްޕަ ކަޕް މެޗުވެސް ކާމިޔާބު ކުރިއެވެ. ޒިދާން ރެއާލް ނެގީ އުނދަގޫ ހާލަތެއްގެ ތެރޭގައި އޮއްވައެވެ. ލީގް ދެ ވަނަ ހޯދީ ދިގު މަރުހަލާއެއްގެ ތެރެއިން ނެވެ.

ޒިދާންގެ މަސައްކަތާއި ރެއާލް ކާމިޔާބާ ހަމަޔަށް ގެނައުމުގައި އޭނާ ކުރި ދަތުރުގެ މަންޒަރު ފީފާގެ ކެމެރާ ތަކަށް ވެސް އެރިއެވެ. އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ "ދަ ބެސްޓް އެވޯޑް" ގެ ގަދަ ތިނަ ކަށް ޒިދާންވެސް ވަނީ ނޮމިނޭޓް ވެފައެވެ. މި އެވޯޑަށް ދެން ނޮމިނޭޓް ވެފައިވަނީ މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗްގަލް އަށް ހޯދައިދިން ފެނާންޑޯ ސަންޓޯސް އާއި އިނގިރޭސި ޕްރިމިއާ ލީގް އާދައިގެ ޓީމަކާ އެކު ހޯދި ލެސްޓާ ސިޓީގެ ކޯޗް ކްލައުޑީއޯ ރަނިއޭރިއެވެ.

އެވޯޑަށް ނޮމިނޭޓްވި ފަހުން ޒިދާން ވަނީ ކުލަބު ވޯލްޑްކަޕް ކާމިޔާބު ކޮށް، ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑްގެ އެންމެ އުންމީދީ ނަމަކަށް ވެފައެވެ. މީގެ އިތުރުން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ސްޕެނިޝް ލީގްގައި ހެދި އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑާ ޒިދާން ވަނީ އަރާ ހަމަ ކޮށްފައެވެ. އަދި ރެއާލު އަށް ކޯޗުކޮށްދިން ކޯޗުންގެ ތެރެއިން ބަލި ނުވެ އެންމެ ގިނަ މެޗު ފުރިހަމަ ކުރި ރެކޮޑުވެސް މިހާރު އޮތީ ޒިދާން އަތުގައެވެ.