ރާއްޖެ ކުޅިވަރު

ދިވެހި ކްރިކެޓް ދަނޑުގެ އުންމީދީ ތަރި

ކޮންމެ ކުޅިވަރެއް ގައިވެސް، ކޮންމެ ކުޅުންތެރިޔަކުވެސް ފަށަނީ ބެންޗުންނެވެ. ތަފާތު ދައްކަނީ، އަޖުމަ ބަލާލުމުގެ ގޮތުން ދޭ ފުރުސަތު ގައެވެ. ރާއްޖޭގެ ޒުވާން ކްރިކެޓް ކުޅުންތެރިޔާ އާދަމް ނާސިފް އުމަރުގެ ފެށުމަކީވެސް މިއެވެ. އުމުރުން 19 އަހަރުގައި އޭނާ ހުރީ ރާއްޖޭގެ އެންމެ ޓޮޕް ކުޅުންތެރިންނާއެކު ސީނިއާ ކްރިކެޓް ޓީމު ގައެވެ.

ވިލިމާލޭ މުހިއްއްދީން ސްކޫލުގެ އިންޓަ ހައުސް މުބާރާތުގެ ކްރިކެޓް މުބާރާތުގެ ފުރަތަމަ އަހަރުގައި އޭނާ ހުރީ ބެންޗުގައެވެ. ދެ ވަނަ އަހަރު ފުރުސަތު ލިބި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އޭނާ ހޯދި އެވެ.

"އެއީ 2005 ގައި އިންޓަ ހައުސް މުބާރާތުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީމަ، ދެން އިނގިއްޖެ މީ ކުޅޭވިދާނެ ކުޅިވަރެއް ކަން ދެން ހިތައް އެރީ ކެރިއާއެއްގެ ގޮތުގައި ކްރިކެޓް ކުޅޭނަމޭ،" ފުޓްބޯޅަ އަށް "މަރުދޭ" ދިވެހި ޒުވާން އާބާދީގެ ތެރެއިން ފުރެނިގެން އައިސް ކްރިކެޓަށް ޝައުގުވެރިވި ގޮތް އޭނާ ހިއްސާ ކުރި އެވެ.

ދިވެހި ކްރިކެޓް ދަނޑުގައި "އާދަޅޭ" ގެ ނަމުން މަޝްހޫރު ވެފައިވާ އާދަމް އަކީ ރާއްޖޭގެ އެންމެ މަތީފަންތީގައި ހިމެނޭނެ ކަމަށް ކްރިކެޓް ބޯޑުން އަންދާޒާ ކުރާ ޒުވާން ކުޅުންތެރިންގެ ތެރެއިން އެއް ނަމެވެ. ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު އަފްލާހް ވިދާޅުވާ ގޮތުންނަމަ ޒުވާން ކްރިކެޓް އާއިލާގައި އެންމެ ޑެޑިކޭޓެޑް ކުޅުންތެރިޔަކީ "އާދަޅޭ" އެވެ.

އިންސާނީ ތޮބީއީ ކޮންމެ ކަމެއް ގައިވެސް ފޫބައްދަން ޖެހޭ އުނި ކަންކަންވެސް ހުންނާނެއެވެ. ކުޅިވަރުގައި އެ އުނިކަން ތައްތައް ނުވަތަ އިތުރަށް ރަނގަޅު ކޮށްލަން ޖެހޭ ކަންކަން ރަނގަޅު ކުރެވޭނީ ގިނަ ދުވަހު ޕްރެކްޓިސް ކޮށްގެންނެވެ. އެކަމަކަށް ހާއްސަ ޓްރެއިނިން ހޯދައިގެން ނެވެ. އާދަޅޭގެ ކްރިކެޓް ކެރިއަރުގައިވެސް، ރަނގަޅު ކޮށް އިތުރަށް ފެންވަރު މަތި ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމަށް އޭނާ ވަރަށް ބޮޑަށް ސަމާލު ކަން ދިނެވެ. އަމިއްލަ އަށް އެކަން ދަނެގެންނާއި ކޯޗުން ފާހަގަ ކުރާ ކަންކަމަށް ރިއާޔަތް ކޮށްގެން ނެވެ.

"ބޭރު ކޯޗުންގެ ދަށުން މަސައްކަތް ކުރި އިރު އަޅުގަނޑު ވަރަށް ސަމާލުކަން ދިނިން އަޅުގަނޑުގެ ހުރި އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަމަށް، މިހާރު ކޯޗުން ބުނޭ މިހާރު މިކަމެއް ވަރަށް ރަނގަޅު ކޮށްފިއޭ އެއީ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ޓްރެއިނިން ތަކުގައި އެކަމަށް ފޯކަސް ކޮށްގެން ކުރި މަސައްކަތް އަދިވެސް އިތުރަށް ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންކަން ހުންނާނެ އެންމެ ފުރިހަމަ ކްރިކެޓް ކުޅުންތެރިޔަކަށް ވުމަށް ޓަކައި އެކަމަށް ވަރަށް ބޮޑަށް ސަމާލު ކަން ދެން."

އަމިއްލަ ހުނަރު މަތި ކުރުމަށް ދޭ ސަމާލު ކަމާ އެއްވަރަށް ޕްރޮފިޝަނަލް ކުޅުންތެރިޔަކަށް ވުމަށް ވެސް އާދަމްގެ ދޭ ސަމާލުކަން ބޮޑެވެ. ވަރަށް މޮޅަށް ކުޅެމުންދާ ކުޅުންތެރިޔަކުވެސް ވަކިވަކި ކަންމަށް ސަމާލުކަން ނުދިނުމުގެ ނަތީޖާ އަކީ އެ ކުޅުންތެރިޔަކު ކުޅިވަރުގެ ދަނޑުން ގެއްލުމެވެ. ކުޅުންތެރިންގެ ފިޓްނަސްއާ އެއްވަރަށް ކުޅުންތެރިންގެ ޑިސިޕްލިން އަކީ ޕްރޮފިޝަނަލިޒަމްގެ ތަނަބުގެ މައި ބުޑެވެ. އަނިޔާ އާއި ފިޓްނަސްގެ އުނދަގޫ މައްސަލަތަކުންވެސް އަރައި ގެނަެވޭނީވެސް އެކަމަށް ބޭނުންވާ މެންޓަލް ޑިސިޕްލިންގެ ތެރެއިންނެވެ.

އާދަޅޭގެ ވިސްނުމުގައި ކުޅިވަރު ކުޅުންތެރިޔަކަށް ވުމަކީ އެކަމުގައި ވަކި ކަހަލަ ޑިސިޕްލިންއެއް ހުރެގެން ކުރެވޭނެ ކަންކަމެވެ. އެ އެތުލީޓަކު ބޭރު ތެރޭގައި އުޅޭ ގޮތާއި މިޒަމާނުގެ އިޖުތިމާއީ ޕްލެޓްފޯމު ސޯޝަލް ނެޓްވޯކްތަކުގައި ދައުރުވާ ގޮތް ބަލާނެ ކިތަންމެ ލޮލެއް އުޅޭނެ އެވެ. އާދަމްގެ ކެރިއަރުގައި އެހެން ކުޅުންތެރިނަށް އޭނާ ނަމޫނާ އަކަށްވާ ސަބަބަކީ އެއީ އެވެ. އެހުރިހާ ކަމަކަށް ވިސްނައިގެން ކުޅިވަރުގެ ކެރިއާ ބިނާކޮށް ކޮޅަށް ޖަހަން ކުރާ މަސައްކަތެވެ.

"ފޭސްބުކްގައިވެސް ބަލަން ހަމަ ވަކި ޑިސިޕްލިން އެއް ހިފެހެއްޓޭތޯ ބޭރު ތެރޭގައި އުޅުނަސް އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެން ކުރުކޮށް ބުނަންޏާ ކެރިއާ އަށް ހީނަރުވެދާނެ ކޮންމެ ކަމަކުން ރައްކާތެރިވެގެން ހުރުމަށް ވަރަށް ބޮޑަށް ވިސްނަން."

އެހުރިހާ ކަމަކަށް ދިން ސަމާލުކަމާ އެކު އާދަމް ހުރީ ރާއްޖޭގެ އެންމެ މަތީ ލެވަލްގެ ކުޅުންތެރިނާ ވާދަ ކުރެވޭ ހިސާބުގައެވެ. އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގައިވެސް އެންމެ ޕްރޮމިނެންސް ކުޅުންތެރިޔާގެ އިތުރުން މުޅި މުބާރާތުގައިވެސް އެންމެ މޮޅު ބެޓްސް މަނަކީވެސް އޭނާއެވެ. ކްރިކެޓަކީ ވަކި ކެރެކްޓާއެއް އޭގައި ބަހައްޓާއިގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. މި ކާމިޔާބާ ހަމަޔަށްވެސް އޭނާ އައީ އެ ކެރެކްޓާތަކުގައި ހިފަހައްޓައިގެން ނެވެ.

ދިވެހި ކުޅުންތެރިޔަކު ބޭރުގެ ޓީމަކަށް ކުޅެން ގޮސް ޕާފޯމް ކުރުމަކީ ދިވެހިންނަށް ލިބޭ ފަހްރެކެވެ. އާދަމް ފާހަގަވީ ހަމައެކަނި ދިވެހި ކްރިކެޓް ދަނޑުން އެކަންޏެއް ނޫނެވެ. އޭނާއާ މެދު އުންމީދުތައް ހުރީކީ ދިވެހި ކުޅިވަރުގެ އާއިލާއަކުން އެކަންޏެއް ނުނެވެ. ދުނިޔޭގެ ކްރިކެޓް އެންމެ ފޯރިގަދަ ސަރަހައްދު މި ދެކުނު އޭޝިއާގެ ލަންކާއިންވެސް އާދަމް ވަނީ ފާހަގަ ވެފައެވެ. އޭނާ ވަނީ މިދިޔަ އަހަރު ލަންކާގެ ދެ ވަނަ ޑިވިޝަންގެ ޓީމަކަށް ކުޅެފައެވެ. އަދި އެއް ވަނަ ޑިވީޝަންގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް އޭނާ ކުޅުނެވެ. މިއީ އޭނާގެ ކެރިއަރަށް ލިބުނު ވަރަށް ބޮޑު ކުރިއަރަށާއި ދެިވެހި ކުޅިވަރަށް ވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ކުޅަދާނަ ބެޓްސްމަނެއްގެ އިތުރުން އާދަޅޭ އަކީ ބެޓްސްމަނުންނަށް ނުރައްކާ ބޯލަރެއް ނުވަތަ އުކުންތެރިޔެއްވެސް މެއެވެ. ރާއްޖޭގެ އެންމެ ޕްރޮމިނެންސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އާދަމްގެ އެންމެ ބޮޑު އުންމީދަކީ ރާއްޖޭގެ އެއް ވަނަ ކްރިކެޓް ކުޅުންތެރިޔަކަށް ވުމެވެ. ކުރިއަށް އޮތީ އޭނާ އަށްވެސް ވަރަށް މުހިންމު މެޗު ތަކެކެވެ. ދެ އަހަރު ފަހުން ސީނިއާ ގައުމީ ކްރިކެޓް ޓީމު ކުޅޭ ބައިނަލްއަގްވާމީ ފުރަތަމަ މެޗެވެ. މެލޭޝިއާ ދެކޮޅަށް ކުޅޭ ޓެސްޓް މެޗުތަކުގައި އާދަޅޭ ވެސް ވަނީ ސީނިއާ ޓީމުގައި ހިމެނިފައެވެ. މިއި ވެސް އޭނާގެ ކެރިއަރުގައި އިތުރަށް ވިދާލާނެ މެޗު ތަކަކަށް ވެގްނދިއުމަކީ ދވެހި ކްރިކެޓް އާއިލާގެ ބޮޑު އުންމީދެކެވެ.