ހަބަރު

މަހަށް ގޮސް އުޅުނު ދޯންޏެއްގައި ރޯވެ ގެއްލުންވެއްޖެ

ކ. ގާފަރު ބޭރުގައި މަސް ބާނަމުން ދިޔަ ދޯންނެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ ގެއްލުންތައްވެއްޖެ އެވެ. އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ ވަނީ ސަލާމަތްވެފަ އެވެ.

ރޯވީ ގާފަރު އިރުމަތިން އޮންނަ ގާފަރު ބޮއެއް ކައިރީ މަސް ބާނަމުން ދިޔަ އެ ރަށު، "ކުރަނގި" ދޯނީގަ އެވެ. އެ ދޯނީގައި އަލިފާން ރޯވީ މިއަދު ގަތްގަނޑަަށް 10:20 އެހާކަންހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ، ކުރަނގީގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގޭ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

ގާފަރު ކައުންސިލް މެންބަރު އަލީ ހާޝިމް މިއަދު ވިދާޅުވީ، ދޯނީގައި އަލިފާން ރޯވި އިރު 12 މީހުން ދޯނީގައި ތިބި ކަމަށާއި އަލިފާން ރޯވުމާއެކު އެންމެން ކަނޑަށް ފުންމާލި ކަމަށެވެ. އޭނާ ބުނީ، ކުރަނގި ދޯނީގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލައި ދޯނި ކަފު ޖަހައިގެން އެރަށަށް ގެންދަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި ވިދާޅުވީ އަލިފާނުން ސަލާމަތްވާން ކަނޑަށް ފުންމާލި މީހުންވެސް ސަލާމަތްކޮށްގެން ގާފަރަށް ގެނައުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.