ގދ. ތިނަދޫ

ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ 98 ޕަސެންޓް ނިމިއްޖެ

ގދ. ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ 98 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ. މި މަސައްކަތަކީ ސަރުކާރުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓަޑް (އެމްއާރްޑީސީ) އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ.

އެ މަސައްކަތް ކުރިޔަށްދާ ގޮތުގެ މައުލޫމާތު "އަވަސް"އަށް ދެއްމުން ތިނަދޫ ކައުންސިލް މެންބަރު ސައުދު އަލީ ވިދާޅުވީ އެ ރަށުގައި ތާރު އެޅުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް މިއުޒިއަމް ޕާކު ސަރަހައްދާއި އެހެން ބައެއް ތަންތަނުގައި ދުވާރު ގާ އެތުރުމާއި، މަގު އެއްވަރު ނުވާ ސަރަހައްދު ލެވަލްކޮށް ޕެޗް ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާ ކަމަށެވެ.

"މަސައްކަތް ހުއްޓާ ނުލާ ކުރިޔަށް ކުރިޔަށް އެބަދޭ. މިހާރު ގާތްގަނޑަކަށް 98 ޕަސަންޓު ނިމިއްޖެ،" ސައުދު ވިދާޅުވި އެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ފެބްރުއަރީ އެމްއާރްޑީސީއާ ހަވާލުކުރި މި މަސައްކަތުގައި ތިނަދޫ 21 މަގެއްގައި ތާރު އެޅުމަށް ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން އަށް ކިލޯމީޓަރު މަގުގައި ތާރު އެޅުމުގެ މަސައްކަތް އެ ކުންފުނިން ކުރިޔަށް ގެންދެއެވެ.

ތިނަދޫގައި ތާރު އެޅުމުގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއު އާއި 120 ފްލެޓްގެ އަމަލީ މަސައްކަތް ވެސް ދަނީ ހިނގަމުންނެވެ. ތިނަދޫގައި އަލުން މީހުން އާބާދުވިތާ 50 އަހަރު ފުރޭ މުނާސަބަތުގެ ކުރިން އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ. ނަމަވެސް އެ މަސައްކަތްތައް ނުނިމޭތީ އެ މުނާސަބަތު ފާހަގަ ކުރުން ވަނީ އަންނަ އަހަރު ފެބްރުއަރީ މަހަށް ފަސްކޮށްފައެވެ.