- އުޅަނދުތަކާއެކު ހިދުމަތް އަވަސްވާނެ
- ޖުމްލަ 22 އުޅަނދު ގެންނާނެ
- އުޅަނދުތަކަށް 140 މިލިއަން ހޭދަކުރާނެ
މާލޭ ވިޔަފާރި ބަނދަރުގެ ފެންވަރު ރަނގަޅު ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގެންނަން އުޅަނދުތަކުގެ ތެރެއިން 10 އުޅަނދެއް ރާއްޖެ ގެނެސްފި އެވެ.
މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ހެވީ މެޝިނަރީ އުޅަނދުތައް އުފެއްދުމަށް މަޝްހޫރު ޗައިނާގެ ސަނީ ހެވީ އިންޑަސްޓްރީއާ އެކު އެއްބަސްވެ މާލޭ ވިޔަފާރި ބަނދަރުގެ ފެންވަރު ރަނގަޅު ކުރުމަށް 22 އުޅަނދެއް ގެންނަން ހަވާލުކުރި އެވެ.
މި އަހަރުގެ ޖޫން މަހު ޗައިނާގެ ސަނީ ކުންފުންޏަށް ހަވާލުކޮށްގެން ގެންދަ 22 އުޅަނދަށް ނުވަ މިލިއަން ޑޮލަރު (ގާތްގަނޑަކަށް 140 މިލިއަން ރުފިޔާ) ހޭދަ ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ރާއްޖެ ގެނައުމަށް ނިންމާފައިވަނީ ހަ ރިޗް ސްޓިކާ އާއި 10 ޓްރެއިން ކްރޭންގެ އިތުރުން ދެ ފޯކް ލިފްޓާއި ޓްރަކު އަދި ހަތަރު އެމްޓީ ކޮންޓެއިނަރު ހޭންޑްލާ އެވެ.
އެމްޕީއެލް އިން އަލަށް ގެންނަ އުޅަނދުތައް މާލެ ގެނެސްފައިވާކަން، ސީއީއޯ މުހައްމަދު ޖުނައިދު ޓީވީއެމް ރާއްޖެ މިއަދުގައި ރޭ ވަނީ އިއުލާނު ކުރައްވާފަ އެވެ. އަދި މިހާރު ކުރަމުން ދަނީ މި އުޅަނދުތައް ރޭވުމުގެ މަސައްކަތް ކަމަށް ޖުނައިދު ވިދާޅުވި އެވެ.
އެމްޕީއެލް އިން ފުރަތަމަ ގެނެސްފައިވަނީ ހަ ރިޗް ސްޓިކާ އުޅަނދާއި 40 ޓަނުގެ ބޮޑު ދެ ފޯކް ލިފްޓް ޓްރަކުގެ އިތުރުން ދެ އެމްޓީ ކޮންޓެއިނަރެވެ.
މާލެ ވިޔަފާރި ބަނދަރުގެ މަސައްކަތް ހަލުވި ކުރުމުގެ ގޮތުން ގެންނަ މި އުޅަނދު ފަހަރު ގެނެސް މަސައްކަތް ފެށުމުން ވިޔަފާރިވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ސީއީއޯ ޖުނައިދު ކުރިން ވިދާޅުވެފައިވެ އެވެ.