ރާއްޖެ ކުޅިވަރު

ލިލީ ވެސް އެނބުރި ނިއުއަށް

Dec 24, 2016

މިދިޔަ ސީޒަންގައި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) ނިއުރޭޑިއަންޓަށް ކުޅުމަށް އެއްބަސްވެއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ނިއު އިން ހުށަހެޅި ހުށަހެޅުމަށް ލިލީ މިހާރު ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އަދި މިހާތަނަށް ރަސްމީކޮށް ކޮންޓްރެކްޓް ސޮއި ކުރި ކަމެއް އެނގިފައެއް ނުވެއެވެ.

ލިލީ އޭނާގެ ފުޓްބޯޅަ ކެރިއާ ފެށީ ވެސް ނިއު އިން ނެވެ. ދެހާސް ނުވަ ވަނަ އަހަރު ނިއުއިން ކެރިއާ ފަށައި އޭނާ ވަނީ މިދިޔަ އަހަރާ ހަމަޔަށް ނިއު އަށް ކުޅެފަ އެވެ.

ގައުމީ ޓީމުން ވެސް ޖާގަ ހޯދަމުން އަންނަ ލިލީ ނިއު އަށް ސޮއި ކުރުމާއެކު މިއީ އަންނަ ސީޒަނަށް އެޓީމު ވަރުގަދަ ކުރުމަށް އެޓީމަށް ގެނައި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ.

މީގެ ކުރިން ގޯލްކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) ގެ އިތުރުން އަކުރަމް އަބްދުލް ގަނީ ވެސް ވަނީ ނިއު އަށް ސޮއި ކޮށްފައެވެ. މި ތިން ކުޅުންތެރިންނަކީ ވެސް މީގެ ކުރިން ނިއު އަށް ސޮއި ކުރި ތިން ކުޅުންތެރިން ނެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުލަބު މި އަހަރު ސީޒަން ހުސް އަތާ ނިންމާލަން ޖެހުމުން، އެ ކުލަބުގެ ބޯޑު ވަނީ ކާމިޔާބު ހޯދައި ނުދެވުނު ކަމަށް ނިންމައި ބޯޑް އުވާލައި އިންތިހާބަކަށް އަލުން ދިއުމަށް ނިންމާފަ އެވެ. އިންތިހާބު އޮންނާނީ އަންނަ މަހު ހައެއް ގައެވެ.