ކުޅިވަރު

ކުރިމަތިލުމުގެ ކުރިން މޮއިސްގެ ފާޑުކިޔުން ޔުނައިޓެޑަށް

Dec 24, 2016

މެންޗެސްޓާ ޔުނައިޑެޓްގެ ކޯޗު ކަމުން ވަކިކުރި ބަދުނަސީބު ދުވަސްތަކަށް ފަހު ޑޭވިޑް މޮއެސް ފުރަތަމަ ފަހަރަށް އޯލްޑް ޓްރެފޮޑަށް އެނބުރި އަންނައިރު އޭނާ ގެންދަނީ ބަހުގެ ހަމަލާތަކުން ޔުނައިޓެޑްގެ ކުޅުމަށާއި ސަގާފަތަށް ވެސް ހަމަލާ ދެމުންނެވެ.

ސަންޑަލޭންޑް ގޮވައިގެން ހޯމަ ދުވަހު ހޯސޭ މޮރީނިއޯގެ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު މޮއެސް ބުނަނީ އޭނާ މިއަދު ވާދަކުރަން ޖެހިފައިވަނީ ޒަމާންވީ ކްލަބު ސަގާފަތުން ބޭރުވެފައި އޮތް ޓީމަކާ ދެކޮޅަށް ކަމަށެވެ. މޮއެސް ބުނަނީ ޔުނައިޓެޑަކީ އިނގިރޭސި ވިލާތުގެ ކޯޗުންނަށް ހާއްސަ ކަމެއް ދިން ޓީމެއް ކަމަށާއި ޓްރާންފާ މާކެޓުގައި ކުޅުންތެރިން ފަހަތުން ދުވަން ޖެހުނު ޓީމެއް ވެސް ނޫން ކަމަށެވެ.

"އެކަމަކު އެ ސަގާފަތް މިހާރު ގޮސް ނިމިއްޖެއޭ އަހަންނަށް ބުނެވިދާނެ،" މޮއިސް ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗު ކަމަށް މޮއެސް ގެންދިޔައީ 26 އަހަރަށް ފަހު އެލެކްސް ފާގަސަން 2013 ވަނަ އަހަރު ރިޓަޔާކުރުމުންނެވެ. ނަމަވެސް ދަށް ނަތީޖާތަކަށް ފަހު ޔުނައިޓެޑުން ވަނީ ސީޒަން ވެސް ނުނިމެނީސް 2014 ވަނަ އަހަރު މޮއެސް ވަކިކޮށްފަ އެވެ. އެއަށް ފަހު މެންޗެސްޓާ ޔުނައިޓެޑް އުޅެނީ އަދިވެސް ހަމައަކަށް ނޭޅިގެންނެވެ.

އެހެންވީމަ އެމީހުންގެ ސަގާފަތަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށް މޮއެސް ބުނާ ވާހަކައިގައި ހަގީގަތެއްވެ އެވެ.

ފާގަސަންގެ ޒަމާނަށް އިރު އޮއްސުމަށް ފަހު އަލުން އިނގިރޭސި ފުޓްބޯޅައިގެ ބޮންތިއަށް އެރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމީހުން 480 މިލިއަން ޕައުންޑް ކުޅުންތެރިންނަށް ހޭދަކޮށްފައިވެ އެވެ. ކްލަބު ރިކޯޑް މުގުރާލުމަށް ފަހު 2014 ވަނަ އަހަރު ހުއާން މަޓާ 37 މިލިއަން ޕައުންޑަށް ގެންދިޔައިރު އިނގިރޭސި ވިލާތުގެ ރިކޯޑް އަގަކަށް، 59 މިލިއަން ޕައުންޑަށް އެންޖެލް ޑި މަރިއާ ވެސް ގެންދިޔަ އެވެ.

އެއަށް ފަހު ދުނިޔޭގެ ރިކޯޑް އަގަކަށް، 89 މިލިއަން ޕައުންޑަށް ޔުވެންޓަސް އިން ޕޯލް ޕޮގްވާ ވެސް ވަނީ ގެންގޮސްފަ އެވެ. ފާގަސަން އަށް ފަހު މެންޗެސްޓާ އަށް ވަނީ މި ސީޒަނާ ހަމަ އަށް ތިން ކޯޗުން ވެސް ގެނެސްފަ އެވެ.

"ކުރިން (މެންޗެސްޓާ ޔުނައިޓެޑަކީ) އެމީހުންގެ ސަގާފަތަށް ލޯބިކުރި، ހޭދަކުރުންތަކުގައި ވަކި ގޮތަކަށް އުޅުނު ބައެއް. އެހެން ކްލަބްތަކާ ވާދަކުރަން އެމީހުންނެއް ނުނިކުމޭ މިގޮތަކަށް،" މޮއިސް ބުންޏެވެ.

"ވެދާނެ ފަހަރެއްގައި ފާގަސަންގެ ދުވަސްތަކަށް ދިމާވިގޮތުން ކަމަށް ވެސް މިގޮތަށް އުޅެން ޖެހިފައި ވަނީ."

މި މޭރުމުން ފާޑުކިޔުމަށް ފަހު މޮއިސް ބުނީ އޭނާ އަށް ޔުނައިޓެޑުން އިއްވީ އިންސާފުވެރި ނިޔާތަކެއް ނޫން ކަމަށާއި ފުރިހަމަ އަށް އޭނާ އަށް ވަގުތު ވެސް ނުދޭ ކަމަށެވެ. މޮއިސް ބުނީ އޭނާ ބޭނުންވި ހަގީގީ ކުޅުންތެރިންތަކެއް ވެސް ކްލަބަށް ނުގެންދެވުނު ކަމަށެވެ.

"ފުރަތަމަ ޓާގެޓަކަށް އަހަރެން ހެދީ ގެރެތު ބޭލް. އެންމެ ކުރިން ވެސް އަހަންނަށް އެނގޭ އޭނާ އަކީ ޔުނައިޓެޑް ކަހަލަ ކުޅުންތެރިއެއްކަން. އަހަރެމެން އޭނާ އަށް ރެއާލް މެޑްރިޑަށް ވުރެން ވެސް ބޮޑު އަގެއް ހުށަހެޅިން. އެކަމަކު އެންމެފަހުން އޭނާ ނިންމީ ރެއާލަށް ދާން،" މޮއިސް ބުންޏެވެ.