ރާއްޖެ ކުޅިވަރު

މިފަހަރު ރެއާލް އަށް އުނދަގޫ ޓީމު، ބާސާ އަށް ފަސޭހަ ޓީމު!

Dec 24, 2016
1

ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ގުރު ލުމާއެކު ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ސަޕޯޓްރުނަގެ މެދުގައި ހުޅު ފަޅައިގެން ދިޔައީ އަބަދު ބާސާ އަށް އުނދަގޫ ޓީމުތަކާ ޖެހި ރެއާލް އަށް ފަސޭހަ ޓީމު ތަކާ ޖެހޭތީއެވެ. ނަމަވެސް ސްޕެނިޝް ކަޕް ނުވަތަ ކޮޕަޑެލްރޭ ވީ އެއާ ތަފާތު ގޮތެކެވެ. ރެއާލް އަށް ޖެހުނީ މިވަގުތު އޮތް އެންމެ އަނދަގޫ ޓީމު ސެވިއްޔާ އެވެ. ބާސާ އަށް ވެސް ޖެހުނީ ވަކި ފަސޭހަ ޓީމެއް ނޫނެވެ. އެތުލެޓިކް ބިލްބާއޯއެވެ.

މިދިޔަ އަހަރު ޗިލީ އަށް ކޮޕާ އެމެރިކާގެ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްދިން ޖޯޖް ސަމްޕޯލީ ސެވިއްޔާގެ ކޯޗް ކަމާ ހަވާލުވެ އޭނާ ވަނީ ސެވިއްޔާ އަކީ ވަރުގަދަ ޓީމެއްގެ ގޮތުގައި ހަދާފައެވެ. މިދިޔަ ތިން ވަރަކަށް އަހަރު ތެރޭ ސެވިއްޔާ އަކީ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނޭ ޓީމެއް ނޫނެވެ. ނަމަވެސް އޭނާ އައިސް ސެވިއްޔާ ބަދަލު ކޮށްފިއެވެ. ކުރިން ތިން ވަނައިގައި އޮތް އެތުލެޓިކޯގެ ބަދަލުގައި މި ސީޒަންގައި ތިން ވަނައިގައި ހިފަހައްޓަމުން ގެންދަނީ ސެވިއްޔާ އެވެ.

ރެއާލް އާ ސެވިއްޔާ ވަނީ މި ސީޒަނަށް ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޔޫއެފްއާ ސްޕާކަޕް ގައި ބައްދަލު ކޮށްފައެވެ. ރެއާލް އަށް ތަށި ޔަގީން ކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސް މެޗްގެ އެންމެ ފަހު ވަގުތަުގައި ބޮލުން ކާމިޔާބު ކުރި ލަނޑުން ނެވެ.

ރެއާލްއާ ސެވިއްޔާ ބައްދަލު ކުރަން ޖެހުމުން މިއަންނަ މަހު ތިން ފަހަރެއްގެ މަތިން އެ ޓީމުން ސެވިއްޔާއާ ދެކޮޅަށް ނިކުންނަން ޖެހޭނެ އެވެ. އެއީ ކަޕްޑެލްރޭގެ ދެ ލެގް މެޗާއި ސްޕެނިޝް ލީގް މެޗު ގައެވެ.

ކުރީ ސީޒަންގައި ދެ ކާޑު ހަމަވެފައި ހުރި ކުޅުންތެރިޔަކު، މިދިޔަ ސީޒަންގައި ކުޅެން ނެރެގެން، އަދަބެއްގެ ގޮތުން މެޗުން ބަލިވި ކަމަށް ނިންމު މުން، ރެއާލް މުބާރާތުން ކެޓީ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ބޭސެލޯނާ އަކީ ސްޕެނިޝް ކަޕްގެ އެންމެ ކާމިޔާބު ޓީމެވެ. ބާސާ އިން ވަނީ 28 ފަހަރަށް މުބާާޜްތ ކާމިޔާބު ކޮށްފައެވެ.

ފުރަތަމަ ބުރުގައި ރެއާލް އާއި ބާސާއާ ދެ ޓީމަށް ވެސް ޖެހުނީ ފަސޭހަ ދެ ޓީމެވެ. ރެއާލް އަށް ޖެހުނީ ކަލްޗަރަލް ލިއޯންސޭ އެވެ. ކުޅުނު ދެ ލެގްގައި ރެއާލުން ވަނީ އެޓީމު ކޮޅަށް 13 ލަނޑު ޖަހާފަ އެވެ. ބާސާ އަށް ޖެހުނީ ހާކިއުލަސްއާ ދެކޮޅަށެވެ. އެޓީމު ކޮޅަށް ބާސާއިން ވެސް އަށް ލަނޑު ޖެހި އެވެ.

ނަމަވެސް ދެ ވަނަ ބުރުގައި ބާސާ އަށް ފަސޭހަ ނުވާނެ ކަން އެނގެނީ ލީގްގައި ބިލްބާއޯ ދެކޮޅަށް ކުޅުނު މެޗުގައި އުނދަގޫ މޮޅަކުން ފަރުޖައްސާލަން ޖެހުމުން ނެވެ. އަދި ސެވިއްޔާ އާއި މަލާގާ އާއި ވިލަރެއާލް ފަދަ ވަރުގަދަ ޓީމުތަކުގެ މައްޗަށް މޮޅުވެފައިވުމަކީ ބިލްބޯއާ ބާސާ އަށް ފަސޭހަ ނުވާނެ ކަމުގެ ހެއްކެކެވެ.

ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރާނީ ލަސްޕަލަމްސް އާ ދެކޮޅަށެވެ. ރެއާލް ސޮސިއަދާދު ނިކުންނާނީ ވިލަރެއާލް ދެކޮޅަށެވެ. ވެލެންސިއާ ނިކުންނާނީ ސެލްޓަވީގޯއާ ދެކޮޅަށެވެ.

މިފަހަރު މުބާރާތުގައި އެންމެ ތަފާތު ކޮށް ފެންނަނީ ދެ ވަނަ ޑިވިޝަންގެ ދެ ޓީމު ކަމަށްވާ އަލްކޮރޮކޮން އާއި ކޮޑްބާއެވެ. މި ދެ ޓީމަކީ އެސްޕެނިޔޯލް އާއި މަލާގާ ކަޓްވާލި ދެ ޓީމެވެ. ދެ ވަނަ ބުރުގައި ބައްދަލު ކުރާނީ އެ ދެޓީމެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ ލެގް މެޗްތައް އޮންނާނީ އަންނަ މަހު ހަތަރު ވަނަ ދުވަހު އެވެ. ދެ ވަނަ މެޗުތައް އޮންނާނީ ޖެނުއަރީ 11 ވަނަ ދުވަހު އެވެ.