ފުޓްބޯޅައިގެ ބައިނަލްއަގުވާމީ ލީގަށް ޗައިނާ އިން ނިކަން ވަރުގަދަ ބިންހެލުމެއް ގެނެސްފި އެވެ. އެއަށް ފަހު ނަން މަޝްހޫރު ކުޅުންތެރިންނާއި ހުނަރުން ފުރިފައިވީ ގިނަ ކުޅުންތެރިންތަކެއް މި ވަނީ އެމީހުންގެ ފޮށިތަންމައްޗާއެކުއެކު އޭޝިއާގެ އިރުމަތީ ބިތަށް ޖަމާވާން ފަށައިފަ އެވެ.
މި ހުރިހާ ކުޅުންތެރިންގެ ވެސް އަމާޒަކީ ޗައިނީސް ސުޕަ ލީގެވެ. ފަހަރެއްގައި، ދެކޮޅުހަދައި ނުލެވޭ ވަރުގެ ހުށަހެޅުމެއް ޗައިނާ އިން ހުށަހެޅީ އެވެ. މި ހުށަހެޅުންތަކުގެ އަގު ވަރަށް ވެސް ބޮޑު ކަމަށް ބުނެވެ އެވެ. އަދި ދުނިޔޭގައި މިވަގުތު ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ ވެސް ނިސްބަތް ވަނީ ޗައިނާގެ މި ސުޕަ ލީގަކަށެވެ.
ހާސްވާނެ ކަމެއް ނެތެވެ. އެއީ ލިއޮނަލް މެސީ ނުވަތަ ކްރިސްޓިއާނޯ ރޮނާލްޑޯއެއް ނޫނެވެ. އެއީ ސުޕަ ލީގުގެ ޝަންހައި ޝެންހުއާ އަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނާ އާޖެންޓީނާގެ ތަރި ކާލޮސް ޓެވޭޒެވެ. އޭނާ އަށް އަންނަ އަހަރުން ފެށިގެން ހަފުތާއެއްގެ މައްޗަށް 615،000 ޕައުންޑްގެ ބޮޑު މުސާރައެއް ލިބޭނެ އެވެ.
ޗައިނާ ލީގަށް ކުޅެން ދިޔައީ ޓެވޭޒޭ ބުނީމަ ފުޓްބޯޅައިގެ ބައެއް ސަޕޯޓަރުން ގާތަށް ހިނި އަތުވެދާނެ އެވެ. ނަމަވެސް ޔޫރަޕްގެ ބޮޑެތި ލީގުތަކާއި ފުޓްބޯޅަ ކްލަބުތަކާއި މި ކްލަބުތަކުގެ ކޯޗުން ތިބީ ޗައިނާ އިން ފުޓްބޯޅަ އަށް އޮއްސަމުން ގެންދާ ފައިސާގެ ދޮލަނގުތައް ފެނި ބިރުން ފިނިވެފަ އެވެ. ނިކޮލަސް އަނެލްކާ އާއި ޑްރޮގްބާމެން ފަދަ ތަރިން ކުޅެން ދިޔަ ދުވަސްތަކަށް ވުރެ ޗައިނާގެ ލީގާއި ފުޓްބޯޅަ ވެސް ހައިބަތު ބޮޑުކޮށް ކުރިއަށް ޖެހިލާފައިވާތީ އެވެ.
ޗެލްސީ އާއި ބްރެޒިލްގެ ޒުވާން ތަރި، އޮސްކާ އުމުރުން 25 އަހަރުގައި 60 މިލިއަން ޕައުންޑަށް ޗައިނާގެ ޝަންހައި އެސްއައިޕީޖީ އަށް ބަދަލުވެފައިވާއިރު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި ލިވަޕޫލްގެ ކޯޗު ޖާގެން ކްލޮޕް ފަދަ މެނޭޖަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޗައިނާގެ ސުޕަ ލީގުގެ މުއްސަނދި ކުލަބުތައް ކޮންޓޭ ސިފަކޮށްފައި ވަނީ މުޅި ދުނިޔޭގެ ވެސް ފުޓްބޯޅަށް ކުރިމަތިވެފައިވާ ބިރެއްގެ ގޮތުގަ އެވެ.
އެހެންކަމުން ތަޖުރިބާކާރުން ބުނަނީ މި ރޭޓުން ޗައިނާގެ ފުޓްބޯޅައިގެ ފޯރިގަނޑު ދާ ނަމަ ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެންމެ އަގުބޮޑު ކުޅުންތެރިންނާއި ހުނަރުވެރި ކުޅުންތެރިން ޔޫރަޕުން ހުސްވެ އެ ކުޅުންތެރިންގެ ހުނަރު ބެލުމަށް ޗައިނީސް ސުޕަލީގަށް ޓިއުންކުރަން ޖެހޭ ހިސާބަށް ގޮސްދާނެ އެވެ.
ޗައިނާގެ މާސްޓަޕްލޭނަކީ ފުޓްބޯޅައިގެ ބޮޑު ބާރަކަށްވުން
މި ވަގުތު ފީފާ ރޭންކިންގެ 83 ވަނާގައި އޮތް ޗައިނާ އަކީ ދުނިޔޭގެ ފުޓްބޯޅަ އަށް ބަލައިފި ނަމަ ހަގީގަތުގައި އެއްވެސް ގައުމެއް ނޫނޭ ބުނެވިދާނެ އެވެ. ވަކިން ހާއްސަކޮށް އާބާދީގެ ގޮތުންނާއި ތަރައްގީގެ ނިސްބަތުގައި ޗައިނާގެ ފުޓްބޯޅަ އޮތީ އޮންނަން ޖެހޭ ހިސާބެއްގައެއް ނޫނެވެ. މިކަން ޗައިނާގެ ރައީސް ޝީ ޖިންޕިންގް ގަބޫލުފުޅު ކުރެއްވުމަކީ އެގައުމުގެ ފުޓްބޯޅައިގެ އިންގިލާބުގެ ފެށުމެވެ.
ޗައިނާ އިން 2015 ވަނަ އަހަރުން ފެށިގެން 2025ގެ ނިޔަލަށް ފުޓްބޯޅައިގެ މާސްޓަޕްލޭނެއް އެކުލަވާލާފައިވާއިރު ޗައިނާގެ ފުޓްބޯޅައިގެ އިގްތިސާދު 600 ބިލިއަން ޕައުންޑަށް މަތިކުރުމަކީ އެމީހުންގެ އަމާޒެވެ. ޗައިނާގެ އަމާޒަކީ 2020 ވަނަ އަންނަންވާއިރަށް އެގައުމުން ބައިނަލްއަގުވާމީ ކޮލިޓީގެ 100،000 ކުޅުންތެރިން އުފައްދައި 20،000 ފުޓްބޯޅަ ސްކޫލް ހުޅުވައި 70،000 ފުޓްބޯޅަ ސްޓޭޑިއަމް ހުޅުވުމެވެ.
ދުނިޔޭގެ ސުޕަޕަވަރެއްގެ ގޮތުގައި އޮތް ޗައިނާ ފުޓްބޯޅައިގެ ސުޕަޕަވަރަކަށް ހެދުމަކީ ޝީގެ ބޮޑު ހުވަފެނެކެވެ. ވޯލްޑް ކަޕަށް ކޮލިފައިވުމާއި ވޯލްޑްކަޕް ބޭއްވޭ ވަރުގެ ގައުމަކަށް ޗައިނާ ހެދުން އަދި ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ ވެސް އެމީހުންގެ އަމާޒެކެވެ.
ޗައިނާ އިން ފަށައިގަނެގެން އުޅޭ ފުޓްބޯޅައިގެ މި އިންގިލާބެއްގެ އަސްލަކީ މިއީ އެވެ. މި އިންގިލާބެއް ފެށުމަށް ފަހު ޗައިނާގެ ކްލަބުތަކުން ދަނީ ޔޫރަޕުގެ އެންމެ މުއްސަނދި ކުލަބުތަކަށް ވެސް ގޮންޖަހަމުންނެވެ.
ޔޫރަޕާއި ޝަރަފްވެރި ފުޓްބޯޅަ ފައިސާ އަށް ދޫކޮށްލުން
ޗައިނާގެ ފުޓްބޯޅަ ލީގަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތަރިން ކުޅެން ޝައުގުވެރިނުވެދާނެ މައިދާނެކެވެ. އެކަން އެނގޭތީ ޗައިނާ އިން ހުށަހަޅަނީ މޮޅު ފުޓްބޯޅަ ލީގެއް ނޫނެވެ. މޮޅު ފުޓްބޯޅަ ލީގެއް އުފެއްދޭވަރުގެ މޮޅު ކުޅުންތެރިން ގަނެލެވޭ ވަރުގެ ފައިސާގެ ހުށަހެޅުންތަކެވެ. މި ސީޒަން ފެށުމުގެ ކުރިން ވެސް ޗައިނާ އިން 200 މިލިއަން ޕައުންޑް ހޭދަކޮށް 10 ދުވަސް ތެރޭގައި ޗައިނާގެ ފުޓްބޯޅަ ޓްރާންސްފާގެ ރިކޯޑްތައް ތިން ފަހަރެއްގެ މަތިން މުގުރާލި އެވެ.
އާ ސީޒަނަށް ތައްޔާރުވަމުން އަންނައިރު ވެސް އެމީހުން ފާރަލާ ގިނަ މަޝްހޫރު ކުޅުންތެރިންތަކެއް އެބަތިއްބެވެ. ޔުނައިޓެޑްގެ ތަރި ޒަލްޓާން އިބްރަހިމޮވިޗަށް ހަފުތާއެއްގެ މައްޗަށް އެއް މިލިއަން ޕައުންޑް ލިބޭ ހުށަހެޅުމެއް ވެސް ސުޕަ ލީގުގެ ކްލަބަކުން ވަނީ ހުށަހަޅައިފަ އެވެ. އަދި އިނގިރޭސި ތަރި ވޭން ރޫނީ އާއި އާސެނަލްގެ ޗިލީގެ ތަރި އެލެކްސިސް ސަންޗޭޒް ވެސް ގެންދަން ވަނީ ބޮޑު އަގެއް ހުށަހަޅައިފަ އެވެ.
ސަންޗޭނަށް ހަފުތާއަކު 500،000 ޕައުންޑް ލިބޭ ހުށަހެޅުމެއް ހުށަހަޅައިގެން އުޅެނީ މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު މެނުއެލް ޕެލެގްރިނީ ހަވާލުވެފައިވާ ޗައިނާގެ ކްލަބް ހެބެއި ޗައިނާ ފޯޗިއުން އިންނެވެ.
މެންޗެސްޓާ ސިޓީގެ ތަރި ޔާޔާ ޓޫރޭ ގެންދަން ވެސް ސުޕަ ލީގުގެ ޓީމުތައް ވަނީ ސަފުތައް ހަދައިފަ އެވެ.
ނަމަވެސް ނަން މަޝްހޫރު ބައެއް ކުޅުންތެރިން ފައިސާއަށްޓަކައި ޝަރަފްވެރި ފުޓްބޯޅަައިގެ މައިދާންތައް ދޫކޮށްލަން އަދި ބޭނުމެއް ނުވެ އެވެ. އެކަމަކު ވަރަށް ގިނަ މަޝްހޫރު ކުޅުންތެރިންތަކެއް ވަނީ މިހާރު ވެސް ޗައިނީސް ސުޕަލީގާ ގުޅިފަ އެވެ. އެގޮތުން ބްރެޒިލްގެ ފޯވާޑް ހަލްކު އާއި ރަމިރޭޒް އަދި ކޮލަމްބިއާގެ ތަރި ޖެކްސަން މާޓީނޭޒް ފަދަ ތަރިން ފާހަގަކޮށްލެވެ އެވެ.
ލިވަޕޫލުން ފާރަލަމުން ދިޔަ ޝަކްތަ ޑޮނެސްކްގެ ބްރެޒިލްގެ ތަރި އެލެކްސް ޓެކްޒީރިއާ ވެސް ވަނީ ސުޕަ ލީގުގެ ކްލަބަށް ސޮއިކޮށްފަ އެވެ. އާޖެންޓީނާގެ ތަރިއެއް ކަމުގައިވީ ލަވޭޒީ އާއި ޑެމްބާބާ ވެސް މިހާރު ކުޅެނީ ޗައިނާގެ ސުޕަ ލީގުގަ އެވެ. މީގެ އިތުރުން އާސެނަލް އާއި ރޯމާ އަށް ކުޅުނު ޖެވީނިއޯ އާއި ސައުތެމްޓަމްގެ ގްރެޒިއާނޯ ޕެއްލޭ އާއި ޓޮޓެންހަމްގެ ޕައުލީނިއޯ ވެސް ވަނީ ޗައިނާ ސުޕަ ލީގަށް ގޮސްފަ އެވެ.
މީގެ އިތުރުން މަޝްހޫރު ގިނަ ކޯޗުންތަކެއް ވެސް ޗައިނާ އިން ވަނީ ދަމައިގަނެފަ އެވެ. އެގޮތުން ޕެލެގްރިނީގެ އިތުރުން ޗެލްސީ އާއި ޕޯޓޯގެ ކުރީގެ ކޯޗު އަންދުރޭ ވިއަސް ބޯއަސް ވެސް ވަނީ ގެންގޮސްފަ އެވެ. އިޓަލީގެ ލެޖެންޑް ފަބިއޯ ކަނަވާރޯ ވެސް އަންނަ އަހަރު ފެނިގެންދާނީ ޗައިނާ ސުޕަ ލީގުގެ ކޯޗެއްގެ ގޮތުގަ އެވެ.
މަޝްހޫރު ކުޅުންތެރިންގެ ތަކުގެ ތެރެއިން އިޓަލީގެ ބަލޮޓެލީ އާއި އައިވަރީ ކޯސްޓްގެ ވިލްފްރެޑް ބޮނީ އަދި ޗެލްސީގެ އިވަނޮވިޗް ފަދަ ކުޅުންތެރިންނަށް ވެސް ވަނީ އަގުބޮޑު ހުށަހެޅުންތައް ލިބިފަ އެވެ.