ރިޕޯޓް

އާ ވެހިކަލްތަކުން އޮތީ ކޮން އުންމީދެއް؟

Dec 25, 2016
1
  • ގެންނަ 22 އުޅަނދުން ބައެއް ގެނެސްފި
  • ޝަކުވާ ބޮޑު ބައެއް ކުޑަވުމުގެ އުންމީދު
  • ކުރީގެ އުޅަނދުތައް ހަލާކުވެ، ބޭނުމެއް ނުކުރެވޭ

މާލެ ވިޔަފާރި ބަނދަރަށް މުދާ ނުބޭލި ލަސްވުމާއި މުދާ ނުނެރެވި، ޑެމަރޭޖް އެރުން މިއީ އަބަދުވެސް އާއްމު ޝަކުވާ އެކެވެ. އެކަމަކު މިއީ ހަމައެކަނި މިއަދުގެ ޝަކުވާއެއް ނޫނެވެ. މި ޝަކުވާ ކުރާތާ ލައްކަ ޒަމާން ވެއްޖެ އެވެ. އެންމެ ފަހުން މިކަން ހައްދުން ނެޓިގެން ދިޔައީ އެވެ. ވިޔަފާރި ބަނދަރުގައި ބޭނުންކުރާ ހެވީ ވެހިކަލްތައް ހަލާކުވެ ހުއްޓި، ހިދުމަތަށް ބުރޫ އެރީ އެވެ. އެހެންވެ އާ އުޅަނދު ތަކެއް ގެންނަން ބޮޑު މަޝްރޫއެއް ފަށައި، އާ އުޅަނދުތައް ރާއްޖެ ގެންނަން ފެށީ އެވެ. މިއާއެކު އުފެދޭ ސުވާލަކީ މިއީ ވިޔަފާރި ބަނދަރު އާ ދުވަހަށް އަލިވިލުމުގެ ފެށުން ހެއްޔެވެ؟ މިއިން ވިޔަފާރިވެރިންނަށް އޮތީ ކޮން އުންމީދެއް ހެއްޔެވެ؟

މި އުޅަނދުތަކުގެ ތެރެއިން ހަ އުޅަނދެއް މިހާރު ވަނީ ގެނެސްފަ އެވެ. މިގޮތުން ގެނެސްފައިވާ އުޅަނދުތަކަކީ ހަ ރިޗް ސްޓިކާ އުޅަނދާއި 40 ޓަނުގެ ބޮޑު ދެ ފޯކް ލިފްޓް ޓްރަކުގެ އިތުރުން ދެ އެމްޓީ ކޮންޓެއިނަރެވެ.

ރާއްޖޭގެ މައި ބަނދަރުގައި ހުރި ގިނަ އުޅަނދުތައް ހަލާކުވުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވަމުންދާ ބަޔަކީ ދިވެހި ވިޔަފާރިވެރިންނެވެ. ރާއްޖޭގެ އިގްތިސާދު "ރޮކެޓް ސްޕީޑު" ގައި ދިޔަ ނަމަވެސް ބަނދަރު އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އެހެންވެ ބަނދަރު ރަނގަޅު ކުރުމަށް މި އަހަރު ކުރީކޮޅު އެމްޕީއެލްއިން ވަނީ ބޮޑު މަޝްރޫއެއް ފަށާފަ އެވެ.

ބަނދަރަށް ބޭނުންވާ މުހިންމު އުޅަނދުތައް ހޯދުމަށް ފެށި މި މަޝްރޫއުގެ އަގު 9.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 140 މިލިއަން ރުފިޔާ) އަށް އަރަ އެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރުގެ ތާރީހުގައި އަލަށް ގެންނަ ވެހިކަލްތައް ވެސް ހިމެނެ އެވެ. މިގޮތުން 22 އުޅަނދެއް ގެންނަން ނިންމާފައިވެ އެވެ.

އަލަށް ގެންނަ 22 އުޅަނދު

  • ހަ ރިޗް ސްޓިކާ
  • ޓްރެއިން ކްރޭން 10
  • ފޯކްލިފްޓް ޓްރަކް 2
  • އެމްޓީ ކޮންޓެއިނާ ހޭންޑްލާ 4

މި އުޅަނދުތަކުގެ ތެރެއިން ހަ އުޅަނދެއް މިހާރު ވަނީ ގެނެސްފަ އެވެ. މިގޮތުން ގެނެސްފައިވާ އުޅަނދުތަކަކީ ހަ ރިޗް ސްޓިކާ އުޅަނދާއި 40 ޓަނުގެ ބޮޑު ދެ ފޯކް ލިފްޓް ޓްރަކުގެ އިތުރުން ދެ އެމްޓީ ކޮންޓެއިނަރެވެ.

ބަނދަރަށް އާ އުޅަނދުތައް ގެންނަން ފެށުމާއެކު، ރާއްޖެ އަށް މުދާ އެތެރެކުރާ ކުންފުނިތަކާއި ވިޔަފާރިވެރިންނަށް ވަނީ އާ އުންމީދު ތަކެއް ލިބިފައި ކަމަށް ވިޔަފާރިވެރިންގެ ބަހުން އެނގެ އެވެ. ނަމަވެސް އަދި ވެސް ގިނަ ކަންކަން ވިޔަފާރި ބަނދަރުން ރަނގަޅު ކުރަން ޖެހޭކަން ވިޔަފާރިވެރިން ފާހަގަ ކުރެ އެވެ.

ރާއްޖެ އަށް މުދާ ގެންނަ ސެންޗޫރިއަންގެ ޗެއާމަން، އަހުމަދު މައުމޫން (ކެޕްޓަން މާނު) ވިދާޅުވި ގޮތުގައި ވިޔަފާރި ބަނދަރުގެ މައްސަލަތަކަކީ ޒަމާންވީ ކަމެކެވެ. ނަމަވެސް އަލަށް ގެންނަ އުޅަނދުތަކާއެކު މި މައްސަލަ ހައްލުވެގެންދާނެ ކަމުގެ އުންމީދު އާވެއެވެ.

"މުދާ ނުބޭލި ލަސްވުމުން ކޮންމެ މަހަކު 200،000ރ. ގެ ގެއްލުމެއް އަޅުގަނޑުމެނަށްވޭ. މީގެ އިތުރުން ވިޔަފާރިވެރިންނަށް ލިބޭ ގެއްލުން އަދި ވަރަށް ބޮޑު. މީގެ އެކްސްކިއުޒްއަކަށް ވަނީ އިކްއިޕްމަންޓްތައް ހަލާކުވެފައި ހުރުން. އެހެންވެ މި އުޅަނދުތަކާއެކު އެ މައްސަލަ ހައްލުވާނެ ކަމަށް އުންމީދު ކުރެވޭ،" ބޭރުގެ ތިން ލައިނެއް އޮޕަރޭޓް ކުރާ ކުންފުނީގެ ޗެއާމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޕީއެލް އިން ފަހަކަށް އައިސް ހިދުމަތްތައް ރަނގަޅު ކުރަން މަސައްކަތް ކުރާކަން ފާހަގަ ކުރެވެ އެވެ

"ފަހަކަށް އައިސް ފެނޭ މަސައްކަތް ކުރާތަން. އެކަމަކު އިކްއިޕްމަންޓްތައް ހަލާކުވެފައި ހުރުމުން އެންމެ ރަނގަޅު ނުކުރެވެނީ ކަމަށް ގަބޫލުކުރެވެނީ،" މާނު ވިދާޅުވި އެވެ.

ވިޔަފާރި ބަނދަރުގެ މިހާރުގެ ހާލަތައް ބަލާއިރު، މިހާރު ބޯޓެއް ހުސް ކުރުމަށް އާއްމު ގޮތެއްގައި 10-12 ދުވަސް ނަގަ އެވެ. މީގެ ސަބަބުން ބޯޓު ފަހަރު ބަނދަރުގައި ގިނަވެ، ކިޔޫ ދިގުވެ އެވެ.

ނަމަވެސް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވި ގޮތުގައި މަގުސަދަކީ ވިޔަފާރިވެރިން އުފާވާނެ ފަދަ ހިދުމަތެއް ލިބޭ ތަނަކަށް ވިޔަފާރި ބަނދަރު ބަދަލުކޮށްލުމެވެ.

އަލަށް ގެންނަ ވެހިކަލްތަކުގެ ބައެއް ރާއްޖެ ގެނެސްފި އެވެ. އަދި ބާކީހުރި ބައި ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ދެން އޮތް ސުވާލަކީ މި މަސައްކަތާއެކު ވިޔަފާރިވެރިންގެ ޝަކުވާ އަށް ނިމުމެއް ލިބޭނެ ހެއްޔެވެ؟