މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުސް މީހާގައިގަ ސައިކަލުން ޖެއްސި މީހާ ހައްޔަރުކޮށްފި

ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާކޮށި ކައިރީގައި ޗެކް ޕޮއިންޓް ޖަހައިގެން ވެހިކަލް ޗެކްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ފުލުސް މީހާގެ ގައިގާ ސައިކަލުން ޖައްސައި ފިލައިގެންދިޔަ މީހާ ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި މިއަދު މެންދުރު ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ އަކީ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.

ސައިކަލުން ޖެއްސުމުގެ ސަބަބުން އަނިޔާވެފައިވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ޕޮލިސް ކޮންސްޓަބަލް އަލީ ރިފާއު އެވެ.

ރޭ 9:45 ހާއިރު ހާއިރު ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލް މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސް ފުލުސް މީހާގެ ގައިގާ ޖެއްސުމުގެ ސަބަބުން އޭނާގެ ކަނާތު ފައިގެ ކުޑަހުޅު ނެއްޓި ކަށިގަނޑުން ބައެއް ބިންދައިގެން ގޮސް ބޮޑެތި އަނިޔާތައް ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާއަށް އައިޖީއެމް ހޮސްޕިޓަލުން ފަރުވާދެމުންދާއިރު އިތުރު ފަރުވާއަށް އިންޑިޔާއަށް ފޮނުވުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ކުރަމުންނެވެ.

މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ޓްރެފިކް ބަލަހައްޓާ ފުލުހުންނަށް ކުރިމަތިވެފައި ވެއެވެ. އޭގެ އެއް ހާދިސާއެއްގައި ފުލުހަކު މަރުވެސް ވެފައި ވެއެވެ.