ރިޕޯޓް

ކޮމަންވެލްތުން ރާއްޖެ ވަކިވެ ދުނިޔެ ސިއްސުވާލި!

Dec 31, 2016

ކޮމަންވެލްތަކީ ސުލްހަޔަށާއި ޑިމޮކްރަސީ ހަރުދަނާކޮށް ހަމަހަމަކަން ގާއިމު ކުރުމަށްޓަކައި 1949 ވަނަ އަހަރު އިނގިރޭސިވިލާތުން އުފައްދާފައިވާ ޖަމާއަތެކެވެ. ހަމަހަމަކަމާއި އެކު އިޖްތިމާއީ ސިޔާސީ އަދި ތަރައްގީގެ ދާއިރާއިން ގުޅިގެން މަސައްކަތްތަކޮށް، ކުދި އަދި ބޮޑެތި ގައުމުތަކުގެ ދެމެދުގައި އުފެދިގެން ދިޔަ ބޮޑު ފާލަމެއްގެ ގޮތުގައި ގިނަ ޑިޕްލޮމެޓުން ސިފަކުރައްވާ ޖަމިއްޔާތެކެވެ. އެ ޖަމިއްޔާތުގައި ރާއްޖެއިން ބައިވެރިވީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 1985 ގައެވެ. އެއަށް ފަހު 31 އަހަރުގެ ދައުރެއް ފުރިހަމަކޮށްފައި ވަނިކޮށް މިއަހަރު އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު މުޅި ދުނިޔެ ސިއްސުވާލީ ކޮމަންވެލްތުން ރާއްޖެ ވަކިވީ އަޑާއެކުގައެވެ.

ޔޫން އާއި ކޮމަންވެލްތުގެ ޗާޓާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރާއްޖެ ފަދަ މިނިވަން ކޮންމެ ގައުމަކީ އެ ގައުމެއްގެ ސިޔާދަތު ހިމާޔަތް ކުރުމުގެ ބާރު ލިބިފައިވާ ގައުމެކެވެ. އަދި ކޯ ވެލިއުސް ގޮތުގައި ކޮންމެ ގައުމެއްވެސް އެއްގައުމެއް އަނެއް ގައުމަކަށް އިހްތިރާމް ކުރުންވެސް އެ ޖަމިއްޔާތަކުގެ ޗާޓާގައި ހިމެނެއެވެ. ނަމަވެސް ކޮމަންވެލްތުން ވަކިވާން ނިންމާފައިވާ ކަން ސަރުކާރުން އިއުލާން ކުރި ދުވަހު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވީ ބަނޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވީ އެ ނިންމުން ނިންމަން ޖެހުނީ ގައުމުގެ ދާހިލީ ކަންކަމާއި ގާނޫނީ ނިޒާމްގެ ތެރެއަށް ނުފޫޒާ ބާރު ފޯރުވާ، ދާހިލީ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާ ފަދަ ގޮތަށް އެ ޖަމިއްޔާގެ އަމަލުތައް ހުރުމުން ކަމަށެވެ.

"ސީމެެގުން އަޅުގަނޑުމެންނަށް ހުށަހަޅާ ކަންކަމަށް ބަލާއިރު މި ހުންނަނީ ޑިމޮކްރެޓިކް ޕްރިންސިޕަލް ރާއްޖޭގައި އަށަގެންނެވުމަށް ބާރު އަޅާފައި. އަދި އެހެން ވިދާޅުވެފައި އަޅުގަނޑުމެން ކައިރީ ބުނަނީ ރާއްޖޭގެ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކަށް ސަރުކާރުން ބެހެން. މިވެނި ގޮތަކަށް މައްސަލަތައް ނިންމުމަށް. އަޅުގަނޑުމެން ދަންނަވަމުން މިދަނީ އެކަންކަމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް" ބަންޑާރަ ނައިބު ވިދާޅުވި އެވެ. "ދެހާސް ބާރާގެވެސް ސީމެގްގެ އެޖެންޑާގައިވެސް ހުށަހެޅުނު. އޭރުވެސް އަށް މަސް ފަހުން އެ މައްސަލަ ބަލާ ނިމުން އިރު ފާހަގަ ކުރެވުނީ ރާއްޖެއާ މެދު އިންސާފު ކުރެވުނީ ރަނގަޅަކަށް ނޫން ކަން. އެހެންނަމަވެސް އެހާތަނަށް ރާއްޖޭގެ އިގްތިސޯދަށާއި އިޖްތިމާއީ އަދި ސިޔާސީ ގޮތުން ރާއްޖެއަށް ވާނެ ގެއްލުމެއް ވެ ނިމިފައި. މިގޮތުން ޑިމޮކްރަސީގެ ނަމުގައި ގޮންޖެހުންތައް މިދަނީ ކޮމަންވެލްތުގެ ފަރާތުން ހާއްސަ ގޮތެއްގައި ސީމެގު ފަރާތުން ކުރި މަތިވަމުން،"

މި އަހަރުގެ ކުރީކޮޅުގައި ހިނގައިދިޔަ ބައެއް ކަންކަމަށް ބަލާއިރު ރާއްޖޭގެ ހާލަތު ބެލުމަށް ސަރުކާރުން ދައުވަތު ދީގެން ކޮމަންވެލްތުގެ އެކި ފަންތީގެ މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. އޭގެ އިތުރުން ކޮމަންވެލްތު މިނިސްޓްރިއަލް އެކްޝަން ގްރޫޕު، ސީމެގުގެ ވަފުދެއްވެސް ވަނީ ރާއްޖެ ވަޑައިގެން ހާލަތު ބައްލަވާފައިވެއެވެ. އޭގެ އިތުރުން ކޮމަންވެލްތުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ޑރ. ވިލީ މުޓުންގާވެސް ޒިޔާރަތް ކުރެއްވި އެވެ. އަދި ދަތުރު ނިންމަވާލާފައި ދާއިރު މާ ބޮޑު ކަންބޮޑުވުންތަކެއް ހުންނަ ކަމަކަށް ފާހަގައެއް ނުކުރެއެވެ. އޭގެ އިތުރުން ރާއްޖޭގެ ޖުޑީޝިއަލް ސާވިސް ކޮމިޝަނަށް ހާއްސަ މަންދޫބެއްވެސް ހަމަޖައްސަން އެ ޖަމާއަތުން މަސައްކަތް ކުރެއްވި އެވެ.

މި ހުރިހާ ކަމަކަށް ރާއްޖެއިން ހުރީ މަރުހަބާ ކިޔާ އެކުގައި މަސައްކަތް ކުރުމަށެވެ. ނަމަވެސް އަނެއްކާވެސް ފެނިގެން ދިޔައީ ޝަރުތުތަކެއް ކަނޑައަޅާ އެ ކަންތަކަށް އަމަލު ނުކޮށްފި ނަމަ ސީމެގުގެ ރަސްމީ އެޖެންޑާގައި ހިމަނާނެ ކަމުގެ އިންޒާރު ދެއްވި ތަނެވެ. އަދި އެކަންކަމަށް އަމަލު ކުރެއްވުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނިއެވެ. އޭގެ ސަބަބުން ބައިނަލްއަގުވާމީ ބޮޑެތި ޕްރެޝާތަކާ ސަރުކާރު ކުރިމަތިލާން ޖެހުނެވެ. ރާއްޖެއިން ކޮމަންވެލްތުން ވަކިވީ އެއަށް ފަހުގައެވެ. ދާހިލީކަންކަމާއި ސިޔާސީ އަދި ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވުމުންނެވެ.

ނަމަވެސް ސަރުކާރުން މި ނިންމުން ނިންމުމާ ގުޅިގެން ޕީޕީއެމް ދެބައިވެފައި އޮތުމުގެ ސަބަބުން ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމްއާއި އިދިކޮޅު އެކި ޕާޓީތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި އެ ނިންމުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން އިންޑިޔާ އެމެރިކާ އަދި އިނގިރޭސިވިލާތު ފަދަ ބޮޑެތި ގައުމުތަކުން ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް ގޮވާލެއްވި އެވެ. އަދި ރާއްޖެ ވަކިވުމާ ގުޅިގެން ކޮމަންވެލްތުގެ ސެކެޓަރީ ޖެނަރަލް ނެރުން ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއަށް އަނބުރާ ކޮމަންވެލްތާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް އެ ނިންމުމަށް ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވައެވެ. ސުވާލަކީ ކޮމަންވެލްތުން ވަކިވުމުން ރާއްޖެއަށް ލިބުނީ ކޮން ގެއްލުންތަކެއް ހެއްޔެވެ؟

މި ސުވާލަށް ޖަވާބު ދެއްވަމުން އިގްތިސޯދާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ގޮތުގައި ރާއްޖެ ކޮމަންވެލްތުން ވަކިވުމަކީ ރާއްޖޭގެ އިގްތިސާދަށް އެއިން ނޭދެވޭ އެއްވެސް އަަސަރެއް ނުކުރާނެ އެވެ. އަދި ރާއްޖެއަކީ ވަރަށް ރަނގަޅަށް ވިޔަފާރީގެ މުއާމަލާތްތަކާއި ތަރައްގީގެ ހުރިހާ ކާމިޔާބީ ތަކެއް ހޯދަމުން ގެންދާ ގައުމެއް ކަމަށާއި އޭގެ ހެއްކަކީ ވޯލްޑް ބޭންކު ފަދަ އިދާރާތަކުން ވެސް ރާއްޖޭގެ މާލީ ބާޒާރު ވަރުގަދަވެގެން އަންނާތީ، އެ ކަންކަމަށް މަރުހަބާ ކިޔުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އެއްވެސް ގޮންޖެހުމެއް ނާންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުވެސް ވަނީ ވިދާޅުވެފައެވެ.

"އިނގިރޭސި މާކެޓް ވެސް އަޅުގަނޑުމެންނަށް ހަމަ ރަނގަޅު، ގޯހެއް ނޫން، އިނގިރޭސިވިލާތުގައި އެވަރަށް ނެގަޓިވް ކެމްޕެއިން ކުރާ އިރު ވެސް ރާއްޖޭއަށް އޭގެ މާބޮޑު އަސަރެއް ނުކުރޭ، އެރައިވެލް ޑޭޓާއަކުން ނުދައްކާ އެކަމެއް، އެންމެންނަށް ވެސް އެނގޭ ރާއްޖެއާ ދޭތެރޭ މި އެޅޭ ފިޔަވަޅުތަކަކީ އެންމެ ހައްގުން އެޅޭ ފިޔަވަޅުތަކެއް ނޫންކަން،" ޒަމީރު ވިދާޅުވި އެވެ.

ނަމަވެސް ކުޑަވެސް ލޮޅުމެއް އައީ ކުޅިވަރުގެ ދާއިރާއަށެވެ. އެއީ ކޮމަންވެލްތު ގޭމްސް ރާއްޖެ އަށް ގެއްލޭނެ އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ ގޮތުގައި މަޖޫބުރުން ލަޒިމްވެގެން ކޮމަންވެލްތުން ވަކިވާން ޖެހުނު ނަމަވެސް އޭގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކެއްވެފައި ނުވާ ކަމަށެވެ.

"މިކުރާ މަސައްކަތުން ދިވެހިރާއްޖެ އަޑު ބޭރު ދުނިޔޭގައި އިވޭލެއް މަދެއް ނޫން، ފަނޑެއް ނޫން، އަދި އަޅުގަނޑުމެންނަށް ބޭރުގެ އެހީ ލިބޭލެއް ވެސް އަދި މަޑެއް ނޫން، އަދި ދިވެހިރާއްޖެއަށް އަމިއްލަ ބޭރު ފަރާތްތަކުން ކުރާ އިންވެސްޓްތައް ވެސް އެތައް ސަތޭކައެއް އިތިރުވެފައި އެވަނީ،" ރައީސް ވިދާޅުވި އެވެ.

ކޮންމެއަކަސް ކޮމަންވެލްތުން ރައްޖެ ވަކިވުމުން މުޅި ދުނިޔެ ސިހިގެން ދިޔައިރު ރާއްޖެއަށް ބޯމަތީ އޮތް ބޮޑެތި ޕްރެޝަރުތަކަށް ލުއިއެއް އައެވެ. ކޮމަންވެލްތުން ރާއްޖޭގެ އިތުރުން ވަކިވެފައިވާ އިތުރު ގައުމުތަކަށް ބަލާއިރު ޒިންބާބުވޭއާއި ގެންބިޔާ އަދި އަޔަލެންޑު ހިމެނެއެވެ. އަދި އެ ގައުމުތަކާ އެއްފަދައި ކޮމަންވެލްތު ވަކިވިކަމުގެ އެއްވެސް ތަފާތެއް މިހާތަނަށް އިހުސާސް ކުރެވިފައެއް ނުވެއެވެ.