އައްޑޫގައި ގެސްޓް ހައުސް ވިޔަފާރި ތަރައްގީ ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ މަސައްކަތްތަކެއް ކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ފަށައިފި އެވެ.
އައްޑޫގެ ބައެއް ވިޔަފާރިވެރިންނާ "އީކްއޭޓާ ވިލެޖު" ގައި ރޭ ބޭއްވި ބައްދަލު ކުރެއްވުމުގައި އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އައްޑޫގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ފުޅާ ކުރުމަށް ހާއްސަ ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.
"އައްޑޫ އަށް ހާއްސަކޮށްގެން ޓޫރިޒަމް ދާއިރާ އަށް ހާއްސަ ޕްރޮގްރާމެއް އެބަ ފަށަން. މިއީވެސް ކުރަމުންދާ މަސައްކަތް ތަކެއް. ކުދި އަދި މެދުފަންތީގެ ދާއިރާ އިން ގެސްޓް ހައުސްގެ ނަފާ އިތުރު ކުރުމަށްޓަކައި. މިނިސްޓްރީއާ ގުޅިގެން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މަސައްކަތް ފަށާނަން،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ވިޔަފާރި ފުޅާ ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަގުސަދު ކަމަށާއި، އެކަމަށްޓަކައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި މަސައްކަތް ކުރުމަށް ކައުންސިލްގެ ދައުރު ވެސް ބޮޑު ކަމަށެވެ.
"ކައުންސިލްތަކުން ވެސް ވިސްނަން ޖެހޭ. ރައްޔިތުންގެ ވާހަކަތައް ރައްޔިތުންގެ ކަންބޮޑުވުންތައް ގެނެސް ދިނުމަށް ކައުންސިލްތައް މި ތިބެނީ. އެހެންވީމަ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ހިތްވަރު ހުރި ކައުންސިލަރުން ތިބެން އެބަޖެހޭ. މިއީ މިއަދު މުހިންމު ކަމެއް. ދިވެހި ރައްޔިތުންގެ ހައްގުގައި ސަރުކާރުން މަސައްކަތް މި ކުރަނީ. އެކަމަކު ހިތާމައަކީ ކައުންސިލަރުން ކަންކަން ގެނެސް ދިނުމަށް ކައުންސިލްތަކުން ނުކުރާކަން،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވައި ލައްވަމުން ސައީދު ވިދާޅުވީ އިގްތިސާދު ތަރައްގީވެ، ކުރިއެރުން ލިބޭނީ އެތަނެއްގައި ހަމަޖެހުން އޮވެގެން ކަމަށާއި ގައުމުގައި ހަމަނުޖެހުން އުފެދި، ދެކޮޅަށް ކިރިކިރި އޮންނަނަމަ ޓޫރިޒަމެއް ވެސް ފައްކާ ނުކުރެވޭނެ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ އެއް ކަމަކީ ގައުމުގައި ހަމަ ޖެހުން ޔަގީންކޮށް ދިނުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"މި ތާ ތިޔަ ތިއްބެވި ބޭފުޅުންނަށް އެނގި ވަަޑައިގަންނަވާނެ ރާއްޖޭގެ ޓޫރިޒަމްގެ 40 އަހަރު ތެރޭގައި ޓޫރިޒަމް ފުޅާ ކުރުމަށް ކުރެވުނީ ކިހާވަރެއްގެ މަސައްކަތެއް ކަން. އެންމެ ތިން އަހަރުތެރޭ ކުރެވުނީ ކިހާ މަސައްކަތެއްކަން. ގާތްގަނޑަކަށް 22 ހަކަށް ރިސޯޓުގެ މަސައްކަތް ކުރިއަށްދާއިރު އިރާދުކުރެއްވިއްޔާ ފަސް އަހަރު ތެރޭގައި 50 ރިސޯޓު ހުޅުވާނެ. އޭގެ މާނައަކީ 50 ރިސޯޓު ކިތައް މިލިއަން ޑޮލަރަށްތޯ ހެދޭނީ؟ އަޅުގަނޑު ހިސާބު ދައްކަނީ 60 މިލިއަން ޑޮލަރު އެންމެ މަދުވެގެން. އޭގެ މާނައަކީ ރިސޯޓު ހެދުމަށް ތިން ބިލިއަން ޑޮލަރު އެބަ އެނބުރޭ. ދެންއޮތް ސުވާލަކީ މި ފައިސާ ހޯދީ ކޮންތާކުންތޯ؟" ސައީދު ސުވާލު ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެން ފުރަތަމަ ވެސް ކުރެއްވި އެއް ކަމަކީ ބޭރުގެ ފައިނޭސް ކޮމިއުނިޓީގެ އިތުބާރު ހޯދެވުން ކަމަށާއި، މި ފިޔަވަޅުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކުގެ މަޝްރޫއު ތަކަށް ލޯނު ލިބެން ފަށާފައިވާ ކަމަށެވެ.
"މި ޔަގީންކަމުގެ ސަބަބުން ޕްރައިވެޓް ކޮމްޕެނީ ތަކަށް ބޭރުގެ ފައިނޭންސް ދާއިރާ ތަކުން ފައިސާ ދޫކުރޭ. މިއީ އެ ޔަގީން ކަމަކީ،" ސައީދު ވިދާޅުވި އެވެ.
އައްޑޫގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރަން ސަރުކާރުން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ދޫގަސް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ފެށުމަށް އެމްޕީއެލްއިން ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން 200 އެނދުގެ ސިޓީ ހޮޓަލެއް އައްޑޫގައި އެޅުމަށް ނިންމާފައިވެ އެވެ.