ރިޕޯޓް

ނަޝީދު އިނގިރޭސިވިލާތަށް، އިދިކޮޅު އެމްޔޫއޯ ވުޖޫދުވުން

ދެހާސް ސޯޅަ ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް އެމްޑީޕީއަށް ތަފާތު އަހަރެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތަށްވެސް ބޮޑެތި ބަދަލުތަކެއް އައި އަހަރެއް ކަމަށް ބެލެވިދާނެއެވެ. ފުރަތަމަ ކަމަކަށް ރައީސް ނަޝީދުގެ މައިބަދާގެ ސާޖަރީއެއް ހަދަން ޖެހޭ ކަމަށާއި ވަރަށް އަވަހަށް އެކަން ނުކޮށްފި ނަމަ އެއްފަޅި ވައިގި ގޮސްދާނެ ކަމަށް ވިދާޅުވެ ކުޅުއްވި "އަހަރުގެ ބޮޑު ޑްރާމާ" ރާއްޖެއާއި ބޭރު ނޫސްތަކުގެ ފަލަ ސުރުހީގައި ހިފިއެވެ. އޭގެ ސަބަބުން ސަރުކާރަށް ބޮޑެތި ޕްރެޝަރުތަކެއްވެސް ކުރިމަތިވި އެވެ. އަދި އެތަށް ގައުމުތަކުން ނަޝީދު ބޭހަށް ފޮނުވަން ގޮވާލުމާއެކު ސްރީލަންކާގެ ހާރިޖީ ވަޒީރާއި މާލީ ވަޒީރު ރާއްޖެ ވަޑައިގެން ނަޝީދު ބޭސްފަރުވާ އަށް ބޭރަށް ފޮނުވުމަށް ރައީސް އަބްދުﷲ ޔާމީނާ މަޝްވަރާ ކުރެއްވުމުގެ ނަތީޖާއަކަށްވީ ނަޝީދު ޖަލުން ބޭރަށް ޕިޒިކަލީ މިނިވަން ވުމަށް ލިބުން ޓިކެޓަކަށެވެ.

ދެންމެދެންމެ ވާގިނެތިގެން ދިޔަ ފަދައިން ކުއްލި ގޮތަކަށް ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފުރާވަޑައިގަތް ރައީސް ނަޝީދު އެ ގައުމުގައި ގޮންޑި ދުއްވުމާއި ފުޓުބޯޅަ މެޗުތަކަށް ދިޔުމުގެ އިތުރުން ދެން ކުރެއްވި ކަމަކީ ސިޔާސީ މީހުންނާ ބައްދަލު ކުރެއްވުމެވެ. އެގޮތުން އިނގިރޭސިވިލާތަށް ދިޔުމުގެ މަގުމަތީ ލަންކާއަށް މަޑުކޮށްފައިވެސް އެ ގައުމުގެ ސިޔާސީ އެތަށް އިސް ފަރާތްތަކާ ބައްދަލުކުރެއްވި އެވެ. އަދި އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ފަދައިން ނަޝީދު ވަޑައިގަތީ މެޑިކަލް ލީވްގެ ބަދަލުގައި މީޑިއާ ލީވްއަށް ކަމަށްވެސް ބުނެވިދާނެ އެވެ. ކޮންމެއަކަސް އިނގިޭސިވިލާތަށް ވަޑައިގަތުމަށް ފަހު ޓީވީތަކަށް އަރުއްވާ އެމަނިކުފާން ބައްޔެއް ނޫން ކަމަށް އިއުތިރާފްވި އެވެ. އެއަށް ފަހު އިންގިރޭސިވިލާތުގެ ހިމާޔަތްތަކަން ހޯއްދެވި އެވެ. ނަޝީދު އިނގިރޭސި ހިމާޔަތުގެ އުނގަށް އަނެއްކާވެސް ދިޔައީ އެވެ.

އެހާ ހިސާބުން ނަޝީދު މަސައްކަތް ކުރެއްވީ އޭރު އިނގިރޭސިވިލާތަށް އަމިއްލަފުޅަށް އަރުވާލެވިގެން ތިއްބެވި ސިޔާސީ އެހެން ފަރާތްތަކާއެކު ގުޅިގެން ސަރުކާރު ވައްޓާލުމަށް ބޭރުގެ ޕްރެޝާތައް ކުރިމަތި ކުރުވުމުގެ މަސައްކަތް ކުރުމަށެވެ. އެގޮތުން ރައީސް ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ހިމަނައިގެން މޯލްޑިވްސް ޔުނައިޓަޑް އޮޕޮޒިޝަންގެ ނަމުގައި އިދިކޮޅު އިއްތިހާދެއް އުފައްދަވާ، ޝެޑޯ ކެބިނެޓެއް އެކުލަވާލި އެވެ. އެ ޖަމާއަތު މައިގަނޑު ބޭނުމަކަށް އޭރުވީ ރައީސް ޔާމީންގެ ސަރުކާރު ވައްޓާލާ އިންތިގާލީ ސަރުކާރެއް ގެނެސް ޖަމީލު ވެރިކަމަށް އެރުވުމެވެ. އަދި އެއަށް ފަހު 2018 ވަނަ އަހަރުގައި ރައީސް ނަޝީދު ބައިވެރި ކުރުވައިގެން މިނިވަން އިންތިހާބެއް ބާއްވަން ކަމަށް އެ އިއްތިހާދުން ބުންމުން އައެެވެ.

އިދިކޮޅު އިއްތިހާދެއް އުފައްދާ ބޭރުގައި ހުރެ ސަރުކާރަށް އެކި ޕްރެޝަރުތައް ކުރިމަތި ކުރުވަން މަސައްކަތް ކުރެއްވި ނަމަވެސް ޕީޕީއެމްއިން ބުނަމުން އައި އެމްޔޫއޯއެއް ބަލައެއް ނުގަންނަ ކަމަށެވެ. އަދި އެއީ ގާނޫނުން ބޭރުން އުފެއްދި ޖަމާއަތެއް ކަމަށާއި އެފަރާތްތްތަކުގެ މަގްސަދަކީ ޒާތީ ކަންކަން ހާސިލް ކުރުން ކަމަށް ބުނެ ޕީޕީއެމްއިން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

ކޮންމެއަކަސް އެމްޔޫއޯއާއި އެމްޑީޕީގެ މިސްރާބުވެސް ވަކި ހިސާބަކުން ކައްސާލިއެވެ. އެއީ ޕީޕީއެމް ތެރޭގައި ޖެހުނު މައްސަލާގެ ސަބަބުން ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދެވި، ރައީސް މައުމޫންއާއި ރައީސް ނަޝީދުގެ ބަސްމަގު އެއްގޮތް ވާން ފެށި ހިސާބުން ކަމަށް ބެލެވެއެވެ. އަދި އެ ސިޔާސަތު އެމްޑީޕީގެ ފަރާތްތަކުން މަރުހަބާކީ ނަމަވެސް އަނެއްބައި މީހުން އެކަން ގަބޫލެއް ނުކުރެއެވެ. ކޮންމެއަކަސް އާ މެންބަރުންނަށް ފުރުސަތު ދޭން ކަމަށް ބުނެ އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދު ކުއްލި ގޮތަކަށް އެމްޔޫއޯ އަދި ޗެއާ ޕާސަން ކަމުވެސް އިސްތިއުފާދެއްވި އެވެ. އަދި އެމްޔޫއޯގެ މިސްރާބު އޮޅުންބޮޅުންވެ އެއްގޮތަކަށްވެސް ސާފެއް ނުވި އެވެ.

ކުރުކޮށް ދަންނަވާނަމަ 2016 ވަނަ އަހަރު ވެގެން ދިޔައީ އެމްޑީޕީއަށް އުންމީދުތަކާއި އިންތިޒާރުތަކެއްގައި މަޑުޖެހިފައި އޮންނަން ޖެހުން އަހަރަކަށެވެ. ސަބަބަކީ ސަރުކާރު ވައްޓާލަން ކަމަށް ބުނެވެސް ގިނަ ކަންތަކެއް ރޭވި އެވެ. އަދި އެކި ފަހަރުގެ މަތިން ތާރީހުތަކެއް ޕްރޮމޯޓުކޮށް އެ ދުވަހެއްގައި ސަރުކާރު ބަދަލުވާނެ ކަމަށް ބުނެ އެ ޕާޓީގެ މެންބަރުންނަށް ފޮނި އުންމީދުތަކެއް އިނގިރޭސިވިލާތުގައި ހުރެ ދެއްވި އެވެ. މިހާރު ވިދާޅުވަނީ ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ބޭނުން ނުވާ ކަމަށެވެ. އަދި ނަމަވެސް އިންތހާބުގެ ކުރިން ރާއްޖެ އައިސް އެ އިންތިހާބުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ނަޝީދު ދެއްވައެވެ. އެކަން ކުރައްވާނެ ގޮތެއް ވިދާޅެއް ނުވެއެވެ.

އެހެންކަމުން އަހަރު ނިމިގެން ދާއިރުވެސް އެމްޑީޕީގެ މިސްރާބު ހުރި ދިމާލެއް ނޭންގެ އެވެ. އެ ޕާޓީގެ ފަރާތުން 2018 ވަނަ އަހަރަށް ކުރިމަތިލާނެ އިތުރު އެއްވެސް ބޭފުޅަކު ނުނެރުއްވައެެވެ. އިންތިޒާރު ކުރައްވަނީ އިންގިރޭސިވިލާތުން އަންނަ އޯޑަރަކަށެވެ. ނަމަެސް ކުރިއެރުމެއް ލިބޭތަނެއް ނުފެނެއެވެ.