އިނގިރޭސި ވިލާތުގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޖޯޖު މައިކަލް އުމުރުން 53 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.
ޕޮޕް މިއުޒިކްގެ ދުނިޔެ 1980 އިގެ އަހަރުތަކުގައި ފަތަހަކޮށް ޕޮޕް އައިކަންއެއް އަދި ސުޕަސްޓާރެއްގެ ގޮތުގައި މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދި މި ލަވަކިޔުންތެރިޔާ މަރުވެފައި އޮތްވައި ފެނުނީ އިންގްލެންޑްގައި އޭނާ ދިރިއުޅޭ ގޭތެރެއިންނެވެ. ފުލުހުން ބުނެފައި ވަނީ މަރުގެ އަސްލު ސަބަބެއް އަދި ހޯދިފައި ނެތް ނަމަވެސް މިއީ ތުހުމަތުކުރެވޭ ކަހަލަ މަރެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް ޕޯސްޓް މޯޓެމް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ޕޮޕް މިއުޒިކުގެ ދުނިޔޭގައި އެންމެ ފުރަތަމަ ޖޯޖު މައިކަލް އަށް މަޝްހޫރުކަން ލިބިގެން ދިޔައީ "ވޭމް" ނަމަކަށް ކިޔާ އިނގިރޭސި ވިލާތުގެ، ދެ މެމްބަރުންގެ މައްޗަށް އެކުލެވުނު ބޭންޑަކުން 1981 ވަނަ އަހަރު އެވެ. އެއަށް ފަހު ޕޯސްޓް-ޑިސްކޯ އާއި ޑާންސް-ޕޮޕް ސްޓައިލްގެ ހިތްގައިމުލަވަތަކާ އެކު 80 އިގެ އަހަރުތަކުން ފެށިގެން 90 އިގެ އަހަރުތަކުގައި ވެސް އޭނާ އަކީ ޕޮޕް މިއުޒިކް ދުނިޔޭގައި ނުވެއްޓި ކުރިއަށް ދިޔަ ސުޕަސްޓާރެކެވެ.
އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރެއިން "ވޭކް މީ އަޕް ބިފޯ ޔޫ ގޯ ގޯ" އާއި "ކެއާލެސް ވިސްޕާ" އަދި "ފްރީޑަމް" އާއި "ދަ އެޖު އޮފް ހެވަން" ފަދަ އެތައް ލަވައެއް ފާހަގަކޮށްލެވެ އެވެ.
މައިކަލްގެ އަލްބަމްތަކުގެ 100 މިލިއަނަށް ވުރެ ގިނަ ކޮޕީސް ވިކިފައިވާއިރު އޭނާ އަކީ ޝަރަފްވެރި ގްރެމީ އެވޯޑްސް ދެ ފަހަރެއްގެ މަތިން ހާސިލުކޮށް އެމެރިކަން މިއުޒިކް އެވޯޑްސް ތިން ފަހަރެއްގެ މަތިން ހާސިލުކޮށްފައިވާ ފަންނާނެކެވެ.