ގައުމީ ފުޓްބޯޅް ޓީމް

ކޯޗާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމަކަށް

Dec 26, 2016

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓުވާޓާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމަށް އެފްއޭއެމުން އަތުވެއްޖެ އެވެ.

އޭނާގެ ކޯޗު ކަމުގައި ސްޓުވާޓް ވަނީ އޭޝިއަން ކަޕް ކޮލިފައިން ބުރުން ރާއްޖެ އަށް ޖާގަ ހޯދައިދީފަ އެވެ. މިއީ ސްޓްވާޓާއެކު އެފްއޭއެމުން އެއްބަސްވުމަކަށް އައި ފުރަތަމަ ފަހަރެވެ.

އެއް އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން ފެށޭ އަހަރު ޑިސެމްބަރު މަހު ބަންގުލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް އޭނާ ރާއްޖޭގެ ކޯޗުގެ ގޮތުގައި ހުންނާނެ އެވެ.

"ކޯޗާއެކު އެއްބަސްވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމަކަށް، އަދި ކޯޗަށް ދަންނަވާފައިވާނެ ކޯޗުގެ ނަތީޖާތައް ރަނގަޅު ވެއްޖެނަމަ އަލުން ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު އޮތް ވާހަކަ." މީގެ ކުރިން އަވަސް އަށް ދެއްވި އިންޓަވިއުގައި އެފްއޭއެމްގެ ރައީސް ބައްސާމު އަދީލް ޖަލީލު ވިދާޅުވި އެވެ.

ކުރިން ކުޅުނު ތިން މެޗުގައި ރާއްޖެއަށް ކޯޗު ކޮށްދިން ނަމަވެސް، އޭނާއާއެކު ހަދާފައިވަ ރަސްމީ އެގްރިމެންޓެއް ނެތެވެ. އޭނާއާއެކު އެއްބަސްވެފައިވަނީ އަނގަ ބަހުން ހަތަރު މަސް ދުވަހުގެ އެއްބަސްވުމަކަށެވެ. ހަތަރު މަހުގެ މުއްދަތު ހަމަވިއިރު އެފްއޭއެމުގައި އެކްސްކޯއެއް ނެތުމުން އޭނާއާ މެދު ނިންމޭނެ ގޮތެއް ނެތުމުން ސްޓުވާޓަށް ޖެހުނީ ރާއްޖެ ދޫކޮށް ދާށެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ކުރިގެ ޖެނަރަލް ސެކެޓްރީ ބައްސާމް ވަޑައިގަތުމަށްފަހު އޭނާވެސް ނިންމާފައިވަނީ ރާއްޖޭގެ ކޯޗަކަށް ސްޓުވާޓު ގެނައުމަށެވެ.

ސްޓުވާޓްގެ ކޯޗުކަމުގެ ދަށުގައި ކުޅުނު ތިން މެޗުގެ ތެރެއިން 10 ލަނޑު ޖެހިއިރު، ރާއްޖެ ކޮޅަށް ވަދެފައިވަނި އެންމެ ލަނޑެކެވެ.