ނިމިގެން ދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގައި އެންމެ ގޮންޖެހުން ބޮޑުވި އަހަރަށް ވެގެންދާނެ އެވެ. އެންމެ ބޮޑަށް ގޮންޖެހުމަކަށްވީ ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިމތިވި އިންތިހާބީ މައްސަލަތަ ކެވެ. އިންތިހާބީ މައްސަލައެއްގައި، ލޮޅުމެއް ނާރާ ކުރިއަށް ދިޔަ ދެ އެސޯސިއޭޝަނަކީ ޓީޓީ އެސޯސިއޭޝަނާއި އެތުލެޓިކްސް އެސޯސިއޭޝަން އެކަންޏެވެ.
އެންމެ ބޮޑަށް ހާލުގައި ޖެހުނު އެސޯސިއޭޝަނަކީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ ފުޓްބޯޅަ އެސޯސިއޭޝަނެވެ. އެފްއޭއެމް އާއި ފުޓްބޯޅަ އަށް ކުރިމަތިވި މައްސަލަތަކުގެ ބޮޑުކަމުން އެވާހަކަ ހާއްސަކޮށް ދައްކަލަން ބޭއްވުމަށް ފަހު އެހެން އެސޯސިއޭޝަންތަކާއި ކުޅިވަރު ތަކަށް ކުރިމަތިވި މައްސަލަ ތަކަށް ޖެހިލަމާ ހިނގާށެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ކުޅިވަރުގައި އެއް އަހަރުތެރޭ ދެ އިންތިހާބެއް ބާއްވަން ޖެހުނީ ފުޓްބޯޅަ އާއި ވޮލީ އަށެވެ. އަދި އިންތިހާބުގެ މައްސަލަ އެއް ކޯޓު މަރުހަލާއާ ހަމަޔަށް ދިޔަ އެސޯސިއޭޝަނަކީވެސް ވީއޭއެމް އެވެ. މާރިޗް މަހު 17 ވަނަ ދުވަހު ބޭއްވި ވީއޭއެމްގެ އިންތިހާބުގައި ކުރީގެ ތިން ދައުރުގައި ރައީސް ކަން ކުރެއްވި މުހައްމަދު ރިޔާޒުއާ ވާދަ ކުރެއްވީ މަޖިލިސް މެންބަރު މަހައްމަދު ނަޝީދު (ކާނަލް) އެވެ.
އިންތިހާބު ދެ ފަހަރަށް ވޯޓް ލައިގެން ވެސް ދެ ބޭފުޅުން ވޯޓްގައި އެއްވަރު ވުމުން، މައްސަލަ ނިންމަން ހަވާލުވީ ވީއޭއެމްގެ އެކްސްކޯ އަށެވެ. އެއީ އެ އެސޯސިއޭޝަންގެ ގަވާއިދުގައި ބުނެފައިވަނީ ދެ ބުރުންވެސް ވޮޓް އެއްވަރުވެއްޖެ ނަމަ، ދެން ގޮތެއް ނިންމާނީ ހިނގަމުންދާ ދައުރުގެ އެކްސްކޯއިން ނެވެ. ރިޔާޒުގެ ރައީސް ކަމުގެ ދައުރުގައި އޮތް އެކްސްކޯ އިން ނިންމީ އޭނާ އަށް ތާއީދު ކުރުމަށެވެ.
އެކްސްކޯ ނިންމުމުން ރިޔާޒު ރައީސް ކަމަށް ވަޑައިގެންނެވި ނަަމަވެސް، އިންތިހާބުގެ މައްސަލަތައް ފެންމތިވާ ފެށިއެވެ. އިންތިހާބުގެ ކުރިން ކާނަލްު ވަނީ ވޯޓް ދިނުމުގެ ޝަރުތު ހަމަވެފައިވަ ކުލަބުތަކަށް ވޯޓް ދިނުމުގެ ފުރސަތު ނުލިބޭ ކަމަށް ބުނެ ޝަކުވާ ހުށަހަޅާފަ އެވެ. ނަމަވެސް އިންތިހާބީ ކޮމިޓީން ނިންމީ، އެވަގުތަކީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނަ ވަގުތު ނޫން ކަމަށެވެ.
އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގުވާ ކުލަބުތައް ހުރިއިރު، އެކުލަބުތަކަށް ވޯޓް ދިނުމުގެ ހައްގު ނުލިބުމަކީ އިންތިހާބު ނަތީޖާ އޮޅުވާލުމަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެ، ކާނަލްގެ ފަރާތުން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ.
އެންމެ ފަހުން މައްސަލައިގެ ތެރެއަށް ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ނަޝީދު (ޑޭވް) އެވެ. ކުޅިވަރުގެ ގާނުނުން އޭނާ އަށް ލިބިދޭ ބާރުގެ ދަށުން، އިންތިހާބު ބާތިލުކޮށް 30 ދުވަހުގެ ތެރޭގައި އަލުން ބޭއްވުމަށް އޮލިމްޕިކް ކޮމިޓީ އަށް ޑޭވް އެންގެވި އެވެ.
އޭރު ވީއޭއެމްގެ އިންތިހާބާ ގުޅޭ މައްސަލައެއް އޭސީސީއިން ވެސް ދިޔައީ ބަލުމުން ނެވެ. ކޮމިޝަނާ އޮފް ސްޕޯޓްސް އިންތިހާބު ބާތިލު ކުރިކަން އެނގުމުން، ވީއޭއެމުން ވަނީ މައްސަލަ ސްޕޯޓްސް ކައުންސިލަށް ހުށަހަޅާފަ އެވެ. ވީއެއެމުން ހުށަހަލާފައިވަނީ އެ އެސޯސިއޭޝަންގެ އިންތިހާބު ބާތިލު ކުރުމުގެ ހައިސިއްޔަތު ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ލިބިގެން ނުވާ ކަމަށެވެ.
އިންތިހާބު ބާތިލު ކޮށް، އިންތިހާބު އަލުން ބާއްވަން އޮލިމްޕިކް ކޮމިޓީއަށް ސްޕޯޓްސް ކޮމިޝަނާ އެންގެވި އެންގުން، ބަންޑަރާނައިބުގެ ލަފައެއް ލިބެންދެން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ސްޕޯޓްސް ކޮމިޝަނަރާއި އޮލިމްޕިކް ކޮމިޓީ އަށް ޔޫތު މިނިސްޓްރީން އެންގިއެވެ.
އެންމެ ފަހުން ވީއޭއެމްގެ އިންތިހާބު މައްސަލަ ހިލުވާލީ ހޯމް މިނިސްޓްރީން ނެވެ. ސެޕްޓެމްބަރު މަހު އެ މިނިސްޓްރީން އިންތިހާބު ބާތިލު ކުރިއެވެ. ހޯމް މިނިސްޓރީން ބުނީ އިންތިހަބު ސައްހަ ވާނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. ހޯމް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އަދި ޖަމްއިއްޔާތަކާ ބެހޭ ރަޖިސްޓާ ޔޫސުފް އަބްދުލް ގަފޫރު (ޔޫސޭ) ވިދާޅުވީ މާރިޗް މަހު 17 ވަނަ ދުވަހު އިންތިހާބު ކުރި އެކްސްކޯ އޭރުވެސް ރަޖިސްޓްރީ ނުކުރާ ކަމަށެވެ. އެއީ އިންތިހާބާ ގުޅޭ މައްސަލައެއް ހޯމް މިނިސްޓްރީގެ ލީގަލް ޑިޕާޓްމެންޓުން ބަލަމުން ދާތީ ކަމަށެވެ.
ހޯމް މިނިސްޓރީން ފަހުން ވަނީ ވީއޭއެމްގެ އިންތިހާބު ބޭއްވުމަށާއި ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުމަށް ވަގުތީ ކޮމިޓީ އެއް އެކުލަވާލާފަ އެވެ. އެކޮމިޓީގެ ބެލުމުގެ ދަށުން ވިއޭއެމުން އިންތިހާބު ބައްވާފައި ވަނީ ސެޕްޓެމެބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ އިންތިހާބުން ވީއޭއެމްގެ ރައީސް ކަމަށް ވަޑައިގެން ނެވީ ކުރީގެ ވޮލީ ކުޅުންތެރިޔާ އަދި ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަންވެސް ކުރި މުހައްމަދު ލަތީފެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަން
ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އަށް ޖެހުނު ހާލު ވަކި ކުޑަ އެއް ނޫނެވެ. އެމްބިއޭގެ ކުރިން އޮތް އެކްސްކޯގެ ދައުރު ހަމަވީ މިއަހަރުގެ ޖުލައި މަހު 15 ވަނަ ދުވަހު އެވެ. ދައުރު ހަމަވިރުވެސް އިންތިހާބު ނުބޭއްވުނީ، އިންތިހާބުގެ ކަންކަން ނިންމަން ބާއްވަން އުޅުނު އެކްސްކޯ ބައްދަލުވުން، އެތައް ފަހަރެއްގެ މަތިން ބާއްވަން އުޅުނު ނަމަވެސް ބައްދަލުވުމުގެ ކޯރަމް ހަމަ ނުވުމުން ނެވެ.
އެންމެ ފަހުން މައްސަލައިގެ ތެރެއަށް ވަނީ އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރު ގެ އޮފީހުންނެވެ. އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ފަސް މެންބަރުންގެ މައްޗަށް އެކުލަވާލި ކޮމިޓީން އިންތިހާބު ބާއްވަން ތައްޔަރުވެ، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އިންތިހާބަށް ކެނޑިޑޭޓުންގެ ނަންތައް ފައިނަލުވެސް ކުރިއެވެ.
ނަމަވެސް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ކަމަށް ބުނެ ހޯމް މިނިސްޓްރީން ވަނީ އިންތިހާބު މަސައްކަތް ހުއްޓާލުމަށް އޮލިމްޕިކް ކޮމިޓީ އަށް އަންގާފަ އެވެ. އެންމެ ފަހުން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ތެރެއަށް ވަނީ ހޯމް މިނިސްޓްރީންނެވެ. ހޯމްމިނިސްޓްރީގެ ފަސް މެންބަރުންގެ ކޮމިޓީން އިންތިހާބު އިއުލާން ކޮށް އިންތިހާބު ބޭއްވީ އޮކްޓޫބަރު މަހު 20 ވަނަ ދުވަހުއެވެ.
އިންތިހާބު ބާއްވައި އިންތިހާބު ނަތީޖާ އިއުލާން ކުރިތާ ކުޑަ އިރުކޮޅެއް ނުވަނިސް އިންތިހާބުވި ރައީސް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އިއުލާން ކުރެއްވީ "އިސްތިއުފާ ދީފިން" ކަމަށެވެ. މިއީ ރާއްޖޭގެ ކުޅިވަރު ހަޔާތުގައި އައި ތަފާތު ވަގުތު ކޮޅެކެވެ. އެސޯސިއޭޝަންތައް އިންތިހާބު ކުރަން ފެށީން ސުރެ މިފަދަ މައްސލައެއް ފެންމަތިވެފައެއް ނުވެއެވެ. މަގާމަށް އިންތިހާބު ކުރީތާ ކުޑަ އިރުކޮޅެއް ނުވަނިސް އިސްތިއުފާ ދެއްވުމެވެ.
ނަމަވެސް ސިނާންގެ އިސްތިއުފާ ހޯމް މިނިސްޓްރީން ގަބޫލެއް ނުކުރި އެވެ. ހޯމް މިނިސްޓްރީގެ އެޕީލްއަކީ، ހިންގާ ކޮމިޓީގެ ގާނޫނީ ހައިސިއްޔަތު ލިބިފައި ނެތް ވަގުތެއްގައި އިސްތިއުފާ ދެއްވިކަން އިއުލާން ކުރިއަސް އެކަން ބަލައި ގަނެވޭނެ ހަމައެއް ނެތް ކަމަށެވެ. ހިންގާ ކޮމިޓީ އަށް ގާނޫނީ ހައިސއްޔަތު ލިބެނީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ފަހު އެވެ.
ހިންގާ ކޮމިޓީ ރަޖިސްޓްރީ ކުރި ފަހުން ސިނާން އިސްތިއުފާ ދެއްވިއެވެ. ސިނާން އިސްތިއުފާ ދެއްވީ އޭނާއާ އެކު ވަޑައިގެންވި ޓީމުގެ ގިނަ މެންބަރުންނަށް ކާމިޔާބު ނުލިބުމުން ނެވެ.
ސިނާންގެ އިސްތިއުފާ ދެއްވުމުން އެމްބީއޭ އިން ވަނީ ޑިސެމްބަރު މަހު 17 ވަނަ ދުވަހު ރައީސް ކަމުގެ އިންތިހާބު ބާއްވައި ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކޮށްފައެވެ. ރައީސް ކަމަށް އެންމެ ފަހުން އިންތިހާބު ކުރީ އެންމެ ފުރަތަމަ ބޭއްވި އިންތިހާބުގައި ސިނާން އާ ވާދަކޮށް ނާކާމިޔާބުވި އެމްއާރްޑީސީ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓާ އަހްމަދު މަމްދޫހް (މަންޑޭ) އެވެ.
ބެޑްމިންޓަން އެސޯސިއޭޝަން
ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ހަތަރު ފަހަރެއްގެ މަތިން އިންތިހާބު ބާއްވަން އިއުލާން ކޮށްފަ އެވެ. ނަމަވެސް ހޯމް މިނިސްޓރީގެ އޭގެ ތެރެއަށް ވަދެ އިންތިހާބު ކަންކަން މަޑު ޖައްސާލަން ކޮންމެ ފަހަރަކުވެސް އަންގަ އެވެ. ހޯމް މިނިސްޓރީން ބުނަނީ އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން އިންތިހާބު ފަސް ކުރަން އެންގީ ކަމަށެވެ.
ތިން ވަނަ ފަހަރު އިންތިހާބު އިއުލާންކޯށް އިންތިހާބު ބާއްވަން ބެޑްމިންޓާން އެސޮސިއޭޝަންގެ މެންބަރުން ޖަމާވި ނަމަވެސް އިންތިހާބު ނުބޭއްވުނީ، އިންތިހާބު އޮޒާވް ކުރުމަށް ހޯމް މިނިސްޓްރީން ފޮނުވަންޖެހޭ އޮބްޒާވަރުން ނުފޮނުވުމުން ނެވެ.
އެންމެ ފަހުން ހަތަރު ވަނަ ފަހަރު އިންތިހާބު އިއުލާން ކޮށް ރައީސް ކަމަށް ވަޑައިގެންނެވީ ކުރިންވެސް ހުންނެވި ރައީސް އަދި ރާއްޖޭގެ ކުރީގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ މޫސާ ނާޝިދެވެ.
ކްރިކެޓް ބޯޑް
އިންތިހާބު ފަސް ކުރަން އެންގި އެސޯސިއޭޝަން ތަކުގެ ތެރެއިން، ބާއްވަން ބުނި ތާރިހްގައި އިންތިހާބު ބޭއްވުނީ ކްރިކެޓް ބޯޑަށް އެކަންޏެވެ. އާންމު މީހަކު ހުށަހެޅި ޝާކުވާއަކާ ގުޅިގެން ކަމަށް ބުނެ ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ނަޝީދު (ޑޭވް) ވަނީ އިންތިހާބު ފަސް ކުރަން އަންގާފަ އެވެ.
އިންތިހާބު ފަސް ކުރަން އެންގި ނަމަވެސް ކްރިކެޓް ބޯޑުގެ އިންތިހާބު ބާއްވަން ކަނޑައެޅި ތަރިހްގައި ބޭއްވި އެވެ. ޖޫން މަހު 15 ވަނަ ދުވަހުގެ ރޭ ބާއްވަން ކަނޑައެޅި އިންތިހަބު އަލުން ބާއްވަން ހުއްދަ ދިނީ އިންތިހާބާ ބެހޭގޮތުން ހުށަހޅާފައިވާ ޝަކުވާގެ މައްސަލަ ކްރިކެޓް ބޯޑުން ހައްލު ކުރުމުން ކަމަށް ޑޭވް ވިދާޅުވިއެވެ.
ސައުތު އޭޝިއަން ގޭމްސް ގިނަ މައްސަލަ ތަކެއް
އަހަރު ކުރި ކޮޅު އިންޑިއާގެ ގުވަހަތީ ގައި އޮތް ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި އެންމެ ދެރަ ގޮތްތަކެއްވީ ރާއްޖެ އަށެވެ. ރަން މެޑަލެއް ކަރުގައި އަލުވަލަން ނުލިބުމުގެ އިތުރަށް މުޅި ގޭމްސްގައި އެންމެ މަދުން މެޑަލް ހޯދުނު ގައުމަކީވެސް ރާއްޖެއެވެ. ރާއްޖެ އަށް ލިބުނީ ޖުމުލަ ތިން މެޑަލެވެ. މެޑަލް ގެ ގޮތުން ދެން ހުރިހާ ގައުމެއް އުޅޭނީ ރާއްޖެ އަށް އަތް ނުފޯރާ ހިސާބު ގައެވެ.
މެޑަލް ނުލިބުމުގެ މައްސަލަ އެތުލީޓުންގެ ބޮލަށް ކަނޑަލެވޭކަށް ނެތެވެ. ކުޅިވަރު އެސޯސިއޭޝަންތަކާއި ސަރުކާރުވެސް މިކަމުގެ ޒިންމާ ނަގަން ޖެހެއެވެ. ގޭމްސް އަށް ދެވޭނެ ކަމުގެ ޔަގީން ކަމެއް ނެތުމުން މާޔޫސްވެފައި ތިބި އެތައް އެތުލީތުންނަކާ ކުޅިވަރު އިސްވެރިން ތަކެއް ތިއްބެވެ.
ސަރުކާރުން ފުރަތަމަ ނިންމީ މަދު އަދަދެއްގެ ކުޅިވަރުތަކަށް ފުރުސަތު ދިނުމަށެވެ. ގޭމްސް އަށް ދާން ފުރުސަތު ނުލިބުނު ކުޅިވަރު އެސޯސިއޭޝަންތަކުން ހިޔަރު ކުރީ ރައީސް އޮފީހުގެ ދޮރުއަށްޓެވެ. އެސޯސިއޭޝަންތަކާއި އެތުލީޓުންނަށް ހިތްހަމަ ޖެހުމެއް ލިބުނީ ގޭމްސް އަށް ނުފޮނުވުމަށް ކުރިން ނިންމި ކުޅިވަރު ތަކަށް ރައީސް އަބްދުﷲ ޔާމީން އެންގެވުމުގެ މަތިން، އެތުލީޓުން ފޮނުވަުމަށް ނިންމެވި ހިސާބުންނެވެ.
އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް (މަރޭ) މަސައްކަތް ކުރެއްވީ މުބާރާތް ބާއްވާ ގައުމުގެ ހައިސއްޔަތެއް އޮތުމާއެކު ގޭމްސް އަށް ދާން ފުރުސަތު ނުލިބުނު އެތުލީޓުން އިންޑިއާގެ ހަރަދުގައި ގެންދިއުމަށް މަގެއް ފެނޭތޯއެވެ. މަރޭ ވަނީ އެ މަސައްކަތުގައި ރާއްޖޭގެ ހުންނަ އިންޑިއާގެ ސަފިރު އަކިލޭޝް މިސްރާއާ ވެސް ބައްދަލު ކޮށްފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް ސަރުކާރުން ނިންމީ ކުޅިވަރުތަކުގެ މެދުގައި ހަމަހަމަ ކަން ގެންގުޅުމަށާއި ދެ ޖިންސަށް ފުރުސަތު ދިނުމަށެވެ. ނަމަވެސް އެކަން އެންމެ ފުރިހަމަ ގޮތުގައި ހަސިލެއް ނުވިއެވެ. ގޭމްސް އަށް ތައްޔާރުވި ނަމަވެސް ހޭންޑްބޯލްގެ ފިރިހެން ޓީމަށާއި ޓެނިސްގެ އަންހެން ޓީމަށް މުބާރާތަށް ދިއުމުގެ ފުރުސަތެއް ނުލިބުނެވެ.