ހަބަރު

ގެދޮރު ގަންނަން ޑައުންޕޭމަންޓް ދައްކަން ޕެންޝަން އޮފީހާއެކު ސޮއިކޮށްފި

Dec 26, 2016
1

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެންބަރުގެ ތެރެއިން ގެދޮރު ގަންނަން ބޭނުންވާ މީހުންނަށް ޑައުން ޕޭމަންޓް ދެއްކޭނެ މަގު ތަނަވަސް ކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއެކު އެއްބަސްވުމެއްގައި ޕެންޝަން އޮފީހުން މިއަދު ސޮއިކޮށްފި އެވެ.

ޕެންޝަން އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަހުމަދު ހުސެން މަނިކު އެވެ. އަދި އެމްއައިބީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހާރިސް ހާރޫން އެވެ.

ޕެންޝަން އޮފީހުން އެމްއައިބީއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ބޭންކު މެދުވެރިކޮށް ގެދޮރު ގަންނަން ލޯނު ހޯދާ ފަރާތްތަކުން ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ 20 ޕަސެންޓުގެ ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ އެމީހެއްގެ ފަންޑުގައި ހުރި ފައިސާ ރަހުނު ކުރެވޭނެ އެވެ. މި އެއްބަސްވުމާއެކު ގެދޮރު ގަންނަން ލޯނު ނަގަން ފުރަތަމަ ދައްކަން ރަހުނު ދެއްކުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

މި އެއްބަސްވުމާ ބެހޭ ގޮތުން ސީއީއޯ މަނިކު ވިދާޅުވީ ގެދޮރު ގަންނަން ބޭނުންވާ މީހުންނަށް ޕެންޝަން ސްކީމުގެ ފައިސާ އިން ގެދޮރު ގަތުމުގެ ފުރުސަތު ދޭން ބޭނުންވާ ކަމަށެވެ.

"މި ވަގުތު ރާއްޖޭގައި އެންމެ ދަތި ކަމެއްގެ ގޮތުގައި ފާހަގަވެފައިވަނީ ގެދޮރުގެ ކަންތައް. ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ވެސް އާންމުކޮށް ފްލެޓު އަޅާ ވިއްކަމުން އެބަ ގެންދޭ. އެހެންވެ [ގެދޮރު] ހޯދަން އާންމުންނަށް ދަތިނުވެ އެ ފައިސާ ބޭނުންކޮށްގެން ގަތުމުގެ ފުރުސަތު މި ހުޅުވާލަނީ،" މަނިކު ވިދާޅުވި އެވެ.

ގެދޮރު ގަންނަން ނަގާ ލޯނުގެ ޑައުންޕޭމަންޓް ޕެންޝަން ފަންޑުން ރަހުނު ކުރެވޭ ގޮތް ވެގެން ގޮސްފައިވަނީ ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް މި އަހަރު ގެނެވުނު އިސްލާހާއެކުގަ އެވެ. މި ބަދަލުގެ ސަބަބުން އާއިލާގައި ހިމެނޭ ގިނަ ބައެއްގެ ރިޓަޔަމަންޓް ޕެންޝަން ފަންޑުގެ ފައިސާ އެއްކޮށްގެން ވެސް ރަހުނު ބެހެއްޓޭނެ އެވެ.

ޕެންޝަން ގާނޫނަށް ގެނެސްފައިވާ މި ބަދަލާއެކު، ޕެންޝަން އޮފީހުން މީގެ ކުރިން ވަނީ ނީ ބޭންކް އޮފް މޯލްޑިވްސްއާއެކު ވެސް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޕެންޝަން ސްކީމުގެ މެންބަރުގެ އަދަދު 120،000 އަށް ވަނީ އަރާފަ އެވެ.