ރިޕޯޓް

ނަޝީދުގެ ބަދުނަސީބު ތޭރައިގައި ކުރި ތޭރަ އަހަރުގެ ހުކުމާއެކު ތޭރިތަކުގެ ތެރެއަށް

އެންމެ ފުރަތަމަ ކީރިތި ގުރުއާނުގެ ބަރަކާތުން ފަށަމާ ހިނގާށެވެ. ތިރީގައި މި އޮތީ ގުރުއާނުގެ 13 ވަނަ ސޫރަތުގެ 13 ވަނަ އާޔަތުގެ މާނަ އެވެ.

"އަދި ގުގުރި ވެސް އެކަލާނގެ އަށް ހަމްދާއެކު ތަސްބީހަ ކިޔަތެވެ. އަދި މަލާއިކަތުން ވެސް އެ ކަލާނގެ އަށް ބިރުވެތިކަމާ އެކު ތަސްބީހަ ކިޔަތެވެ. އަދި ހޮނުއަޅުއްވައި، އެ ކަލާނގެ އިރާދަކުރައްވާ މީހަކަށް އެ ޖައްސަވަތެވެ. އަދި އެއުރެން ﷲއާ މެދު ޖަދަލުކޮށް ހަދަތެވެ. އަދި އެކަލާނގެއީ، ހިއްޕެވުން ގަދަފަދަވެގެންވާ ރަސްކަލާނގެ އެވެ."

މިއީ ގަދަފަދަކަން ދައްކާ ފަރާތްތަކަށް މާތް ރަސްކަލާނގެ ފޮތުގައި ދެއްވާފައިވާ ނިކަން ސާފު އިންޒާރެވެ. ގަދަފަދަކަން ދައްކައިގެން އެއްވެސް ބަޔަކަށް ކުރި ނުލިބޭނެ ކަމުގެ އިންޒާރެކެވެ.

ތާރީޚްގެ ތެރެއަށް ވަދެގެން އެ ދިޔަ "މާޗް 13" އަކީ މި ރާއްޖެ ދުށް ނިކަން ގަދަފަދަ ސިޔާސީ ލީޑަރަކު ކޮށައި ކުދިކުދިކޮށްލި މަންޒަރު ފެނިގެން ދިޔަ ދުވަހެކެވެ. އަދި ސިޔާސީ މައިދާނުގެ ބާރުގަދަ މާލަމުގައި މިއަދި ތިއްބެވި ވެރިންގެ ގަދަފަދަކަން ވެސް ފެނިގެން ދިޔަ މަންޒަރެކެވެ.

އަނެއްކޮޅުން މިއީ ހުޅަނގުގެ ގަބޫލުކުރުންތަކުގައި ފާހަގަކޮށްފައިވާ ކަހަލަ 13 ގެ ހުކުރެކެވެ. އެމީހުން ބުނާ ގޮތުން "ފްރައިޑޭ ދަ ތާޓީންތަކީ" ސުންޕާކަން ބޮޑު، ނަސީބު ދެރަ ދުވަހެކެވެ.

ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުގެ މި ދުވަސް ހަމަ އެގޮތަށް "ނަސީބު ދެރަ" ދުވަހެއްގެ ގޮތުގައި ވެސް ފާހަގަކުރެވިދާނެ އެވެ. އެއީ ގައުމުގެ އާބާދީގެ "ބޮޑު ބައެއްގެ ތާއީދު ލިބިވަޑައިގެން" ހުންނަވައިގެން ވެސް "މާޗް 13" އެ ބޭފުޅާ އަށް ކާމިޔާބު ނުކުރެއްވުނީމަ އެވެ.

އަނެއްކޮޅުން ނަޝީދުގެ މައްޗަށް "ފްރައިޑޭ ދަ ތާޓީންތެއް" ގައި ހުކުމް އިއްވުމުން އެމްޑީޕީ ލުހިގެން ދާނެ ގޮތެއް ވެސް ނޭނގެ އެވެ.

ނަޝީދުގެ މައްޗަށް މަހުގެ 13 ވަނަ ދުވަހު އިއްވި، 13 އަހަރުގެ ޖަލު ހުކުމަށް ބަލާލާއިރު ޝައުގުވެރިވަނިވި އެތައް "13" އެއް އަދިވެސް އެބަ އުޅެ އެވެ.

އެ ބޭފުޅާގެ މައްޗަށް، 13 އަހަރުގެ މި ޖަލު ހުކުމް އިއްވީ ރޭގެ ގަޑިން "23:13" ގަ އެވެ. އެކަމާ ރުޅިގަދަވެގެން ނުވަތަ ޖަޒުބާތުގައި ޖެހިގެން ނަޝީދުގެ ދިފާއުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގައިގެން "13" މީހަކު ހައްޔަރުކުރިކަން ވެސް ފާހަގަކޮށްލެވެ އެވެ.

އަނެއްކޮޅުން ނަޝީދު ހައްޔަރުކޮށް، އެ ބޭފުޅާގެ މައްޗަށް ޝަރީއަތް ހިންގައި ޖަލަށް ހުކުމް ކުރިއިރު ވެރިކަމުގައި އެ ހުންނެވި ރައީސް އަބްދުﷲ ޔާމީން އެ މަގާމަށް ވަޑައިގަތީ ވެސް "13" އަކާ ދިމާކޮށެވެ. ދެ ހާސް "13" ވަނަ އަހަރު އެވެ.

ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެ ބޭފުޅާގެ ސިޔާސީ ހަޔާތުގެ ސަފުހާތައް ހާވައި ބަލައިލިއިރު ނަމްބަރު "13" އާ އެ ބޭފުޅާއާ ވަރަށް ގިނަ ފަހަރަށް ދިމާވެގެން އައިސްފައިވާކަން ފާހަގަކޮށްލެވުނެވެ.

އެއީ ޝަރީއަތަށް "ފިއްލެވުމަށް" ނުވަތަ ރެކިވަޑައިގަތުމަށް ނަޝީދު ކުރިން ވެސް ހައި ކޮމިޝަނުން ހިމާޔަތް ހޯއްދަވާފައިވާތީ އެވެ. އެފަހަރު ނަޝީދު ޝަރީއަތަށް "ފިއްލެވީ" ވެސް "13" އެއްގަ އެވެ.

އިންޑިއާގެ ހައިކޮމިޝަނަށް ވަދެވަޑައިގެންނެވީ ދެ ހާސް "13" ގެ ފެބްރުއަރީ މަހުގެ "13" ވަނަ ދުވަހު އެވެ.

އެހެންވީމަ ނަޝީދާއި "13" އާ މި އޮތީ "ހިތާއި ހިތުގެ" ގުޅުމެއް ނޫންތޯ އެވެ؟

ނަމަވެސް "13" އާ ގުޅިގެން ދެން މި އަންނަނީ ނަޝީދުގެ "ހިތާ" ގުޅިފައިވާ ނަންތަކެއް ނޫނެވެ. އެ ބޭފުޅާގެ ސިޔާސީ އެންމެ ބޮޑު ހަތުރާއި، އެ ބޭފުޅާގެ ސިޔާސީ ހަޔާތުގައި ކުރިމަތިވެ ވަޑައިގެންނެވި އެންމެ ބޮޑު ހުރަސް ކަމުގައިވާ، ނުފޫޒުގަދަ ގާޒީގެ ނަމެވެ. 

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ މަޝްހޫރު ނަން ކަމުގައިވާ "އަބްދުﷲ ގާޒީ" އިނގިރޭސި އަކުރުން ލިޔެލީމަ، އެ އަކުރުތަކުގެ އަދަދަކީ ވެސް "13" އެވެ. އަދި "އަބްދުﷲ ޔާމީން" ގެ މި ނަން އިނގިރޭސިން ލިޔެފައި އޮންނައިރު ވެސް އޭގައި އޮންނަނީ "13" އަކުރެވެ.

ރައީސް ނަޝީދު "ދިގު މުއްދަތަކަށް ޖަލަށް ލާނެ" ކަމަށް އެންމެ އަޑުހަރުކޮށް ވިދާޅުވަމުން ގެންދެވި އެ ބޭފުޅާގެ ސިޔާސީ ހަތުރު އަދި މިހާރުގެ ނާއިބު ރައީސް، މުހައްމަދު ޖަމީލުގެ ނަން މި ގޮތަށް އިނގިރޭސި ބަހުން ލިޔެލީމަ އޭގައި އޮންނަނީ ވެސް "13" އަކުރެވެ.

އަދި އެނގިވަޑައިގަންނަވާތޯ އެވެ. ނަޝީދުގެ ސިޔާސީ ފިކުރު އެމްޑީޕީއޭ ކިޔުނު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ވިއްކަވަން ފެއްޓެވިތާ ވެސް "13" އަހަރެވެ. ނަޝީދުގެ ކަލަންޑަރުގައި 13 އެހާ ރަނގަޅު ދުވަހަކަށް ނުވާއިރު ހަޔާތުތެ ބޮޑުބައެއް ހޭދަ ކުރަން ޖެހުނީ ޖަލު ތޭރިތަކުގެ ބިއްދޮށުގަ އެވެ.