ހަބަރު

ބަނގުރަލާއެކު ނުވަ މީހުން އައްޑޫ އިން ހައްޔަރުކޮށްފި

Dec 26, 2016

ގިނަ އަދަދެއްގެ ބަނގުރާ އަދި މަސްތުވާތަކެއްޗާއެކު އައްޑޫ ސީޓީ އިން ނުވަ މީހުން ހައްޔަރުކޮށްފި އެވެ.

ައައްޑޫ ސިޓީގައި ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި މިހާތަނަށް 73 ލީޓަރުގެ ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓަކާއި ބިއްލޫރި ފުޅިއެއްވެސް ވަނީ އަތުލައިގަނެފަ އެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 16 އަހަރާއި 53 އަހަރާއި ދެމެދުގެ މީހުންނެވެ.

އައްޑޫ ސިޓީގައި ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ މީހުންއަދި އެ ސިޓީގެ އެކި ސަރަޙައްދުތަކާއި ފަޅުގޯތިތަކާއި ތަންތަން ބަލައިފާސްކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. މި ތަންތަނުން ބަނގުރަލުގެ އިތުރުން ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނުވެސް ފުލުހުންވަނީ އަތުލައިގަތްފަ އެވެ.

އައްޑޫ ސިޓީގެ އިތުރުން މާލެ އާއި މާލޭ ސަރަހައްދުގައިވެސް ފުލުހުންދަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އަދި ފުލުހުންގެ މަރުކަޒުތައް ގާއިމްކޮށްފައިވާ ރަށްރަށުގައިވެސް ސިލްސިލާކޮށް އޮަަޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.