ބޮލީވުޑް

އަހަރުގެ އެންމެ ލޯބި ފިލްމްތައް!

Dec 31, 2016

މިއަހަރު ބްލީވުޑުން ނުކުތް ލޯބީގެ ގިނަ ފިލްމު ތަކުގެ ތެރެއިން ގިނައީ ފުލޮޕްތަކެވެ. ނަމަވެސް ބައެއް ފިލްމްތަކުން ވަނީ ރަނގަޅު އާމްދަނީ އެއް ހޯދާފަ އެވެ. މި އަހަރު ނުކުތް ބޮލީވުޑްގެ ލޯބީގެ ފިލްމް ތަކުން ރަނގަޅަށް ހިނގާފައި ހުރީ ގިނައިން ހަގީގީ ހާދިސާތަކުގެ މައްޗަށް އުފައްދާފައި ހުރި ފިލްމުތައްކަން ފާހަގަ ކޮށްލެވެ އެވެ.

ކަޕޫރް އެންޑް ސަންސް

މާޗު މަހުގެ 18 ވަނަ ދުވަހު ރިލީޒް ކުރި މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކަ އެކެވެ. އާއިލާ ބަޓް، ސިދްރަތު މަލްހޯތުރާ އަދި ފަވަދް ހާން ފެނިގެންދާ މިފިލްމަކީ ބަލާލަން ލޯބި ފިލްމެކެވެ. އާއިލާ ތެރޭ ހިނގާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމް ސިނަމާތަކުގައި މާ ރަނގަޅަށް ހިނގާފަ އެއް ނުވެ އެވެ. މިފިލްމަށް ބްކްސް އޮފީހުން ލިބިފައިވަނީ 73.29 ކްރޯޑް ރުޕީސް އެވެ.

ބާގީ

އޭޕްރިލް 29 ވަނަ ދުވަހު ރިލީޒް ކުރި މި ފިލްމު ވެސް މާގަދައަށް ހިނގާފަ އެއް ނުވެ އެވެ. މި ފިލްމަށް ބޮކްސް އޮފީހުން ލިބިފައިވަނީ 76.34 ކްރޯޑް ރުޕީސް އެވެ. ޓައިގާ ޝްރޮފް އަދި ޝަރްދާ ކަޕޫރް ފެނިގެންދާ ލޯބީގެ ބޮލީވުޑް މަސާލާ އެއް ހިމެނޭ މި ފިލްމަކީ ލޯބީގެ އެކްޝަން ފިލްމެކެވެ.

ސުލްތާން

ޖުލައި ހައެއްގައި ރިލީޒް ކުރި ފިލްމު ސުލްތާން އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ސުލްތާން އަލީ ހާންގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ ސަލްމާން ޚާން އަދި އަނުޝްކާ ޝަރްމާ އެވެ. ސުލްތާން އަކީ މިއަހަރު ސިނާމާތަކުގައި ރަނގަޅަށް ހިނގި އެއް ފިލްމެވެ. މި ފިލްމު ވަނީ ބޮކްސް އޮފީހުން 300 ކްރޯޑް ރުޕީސް ހޯދާފަ އެވެ.

ބާރު ބާރު ދޭ ކޯ

ސިދްރަތު މަލްހޯތުރާ އާއި ކެޓްރީނާ ކައިފް ފެނިގެންދާ ލޯބީގެ ފިލްމް ވެސް ބޮކްސް އޮފީހުގައި މާ ރަނގަޅަށް ހިނގާ ގޮތެއް ނުވި އެވެ. މި ފިލްމަށް ލިބިފައިވަނީ 31.24 ކްރޯޑް ރުޕީސް އެވެ. މި ފިލްމް ރިލީޒް ކޮށްފައިވަނީ ސެޕްޓެމްބަރ ނުވަ ވަނަ ދުވަހު އެވެ.

ރުސްތަމް

މިއީ 1959 ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ލޯބީގެ އަސަރުގަދަ ފިލްމެކެވެ. އަކްޝޭ ކުމާރު ލީޑްރޯލުން ފެނިގެންދާ މި ފިލްމުގައި ދައްކުވައިދެނީ ނޭވީ އޮފިސަރު ރުސްތަމް ޕަވަރީ (އަކްޝޭ ކުމާރު) ގެ އަންހެނުން ސީންތިއާ ޕަވަރީ (އިލިއާނާ ދި ކްރޫޒް) އާއި އެކު ލޯބިން އުޅެނިކޮށް، ވިކްރަމް (އަރްޖުން ބަޖްވާ) އާ އެކު އަންހެނުން ލޯބީގެ ގުޅުން ހިންގިކަން ފަޅާއެރުމުން ވިކްރަމް މަރާލައިގެން ކުރިއަށްގެންދާ ވަރުގަދަ ޝަރީއަތް ތަކެވެ. ސެޕްޓެމްބަރ ނުވަ ވަނަ ދުވަހު ރިލީޒް ކުރި މިފިލްމަށް ބޮކްސް އޮފީހުން ލިބިފައިވަނީ 127.49 ކްރޯޑް ރުޕީސް އެވެ.

އޭދިލް ހެ މުޝްކިލް

މިއީ އެ ފިލްމެއްގެ ވާހަކަ އެންމެ ގަދަޔަށް ދެއްކި ލޯބީގެ ފިލްމެވެ. ސަބަބެއް ނެތި އެއްނޫނެވެ. ޑައިރެކްޓަރު ކަރަން ޖޯހަރު ހަތަރު އަހަރު ފަހުން އުފެއްދި ލޯބީގެ ފިލްމު، "އެއި ދިލްހޭ މުޝްކިލް" ގައި އިޝްވާރިޔާ ރާއީ މީގެކުރިން ފެނިގެން ގޮސްފައިނުވާ ފަދަ ގައިގޯޅި މަންޒަރުތަކަކުން އޭނާ އަށް ވުރެން ނުވަ އަހަރު ހަގު ރަންބީރު ކަޕޫރާއެކު ފެނިގެން ގޮސްފައިވާތީ މިވާހަކަ ވަނީ ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދާފަ އެވެ. އަދި ބަޗަން އާއިލާއިން ފިލްމާއި މެދު ހިތް ހަމަނުޖެހުނު ވާހަކަ ތަކަކީ ވެސް ވަރަށް ބާރަށް ދެކެވުނު ވާހަކަ ތަކެވެ. ނަމަވެސް ފަހުން އަމީތާބު ވަނީ މި ފިލްމާގައި އައިޝްވާރިޔާ ދައްކުވައިދިން އެކްޓިންއަށް ތައުރީފްކޮށް ވާހަކަ ދައްކާފަ އެވެ.
މި ފިލްމަކީ މިއަހަރު ނުކުތް ލޯބީގެ ފިލްމްތަކަށް ބަލާއިރު، އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް އެންމެ ބާރަށް ހިނގި ފިލްމެވެ. އޮކްޓޯބަރ 28 ވަނަ ދުވަހު ރިލީޒް ކުރި ފިލްމުން ވަނީ 100 ކްރޯޑަށް (1000 މިލިއަން) ރުޕީޒް އަށް ވުރެން ބޮޑު އާމްދަނީއެއް އިންޑިއާއިން އެކަނި ލިބިގެން ގޮސްފަ އެވެ. ދަރްމާ ޕްރޮޑަކްޝަނާއި ފޮކްސް ސްޓާ ސްޓޫޑިއޯއިން އުފެއްދި މިފިލްމަކީ މިއަހަރުގެ އެންމެ ލޯބި އެއް ފިލްމެވެ.

ބޭފިކްރޭ

މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްޅާ އަށް އަހަރު ފަހުން އުފެއްދި ބޭފިކްރޭ އަކީ އޭނާ ހަދާ ލޯބީގެ އަސަރުގަދަ ފިލްމްތަކާއި ޚިލާފަށް ގައިގޯޅި މަންޒަރުތައް ގިނަ ފިލްމެކެވެ. މިފިލްމުގައި ބޯލްޑް ކަމުން އިންޑިއާގެ ސެންސަރު ބޯޑުން މިފިލްމު ފާސްކޮށްދީފާނެތޯ މިއީ އެންމެ ގިނަބަޔަކު ކުރަމުން އެއް ސުވާލެވެ. ނަމަވެސް ގައިގޯޅިކަން ވަރަށް ބޮޑަށް ފެންނަ 40 ވަރަކަށް މަންޒަރާއެކު މިފިލްމު ފާސްކޮށްދީފައިވަނީ ޔޫ/އޭ ސެޓްފިކެޓަކާ އެކު އެވެ. ޔޫ/އޭ ސެޓްފިކެޓް ދިނުމުން އުމުރުން 12 އަހަރުގެ ކުދިންނަށް ބެލެނިވެރިންގެ ހާޒިރުގައި މިފިލްމު ބެލުމުގެ ހުއްދަ ލިބޭނެ އެވެ. ޑިސެމްބަރ ނުވައެއްގައި ރިލީޒް ކުރި މި ފިލްމަކީ 70 ކްރޯޑްގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ޕެރިހުގައި ޝޫޓް ކޮށްފައިވާ މި ފިލްމް 2100 ސްކްރީންގައި އަޅުވާފައިވާއިރު، ބޮކްސް އޮފީހުން މި ފިލްމަށް ލިބިފައިވަނީ 59.30 ކްރޯޑް ރުޕީސް އެވެ.