ރާއްޖެ ކުޅިވަރު

ޓީޓީގެ އާ ތަރިއެއް އުފަންވުން!

ރާއްޖޭގެ ވަކި ވަކި ކުޅުންތެރިންގެ ތެރެއިން ނިމިދިޔަ އަހަރު އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހޯދި ހަތަރު އެތުލީޓުންގެ ތެރޭގައި އުމުރުން 13 އަހަރުގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމު ހިމެއެވެ.

ނަމަވެސް ރަފާގެ ކާމިޔާބުގެ ވާހަކަ ދެކެވެން ފެށީ މި އަހަރަކު ނޫނެވެ. ވޭތުވެދިޔަ ތިން އަހަރުން ފެށިގެން އޭނާ އަކީ އޭނާ ވާދަ ކުރާ އުމުރު ފުރާ ތަކުގެ ޗެމްޕިއަނެވެ. މިއަހަރު އޭނާގެ ވާހަކަ ތަރިއެއްހެން އަރައިގެން ދިޔައީ ބޮޑު ދެ މުބާރާތެއްގެ ކާމިޔާބާއެކު އެވެ.

ޖޫން މަހު ޕާކިސްތާންގައި ބޭއްވި ދެކުނު އޭޝިއާގެ ޔޫތު ޗެމްޕިއަންޝިޕް ތިން ކެޓަގަރީ އަކުން ރައްޖެ އަށް ރިހި މެޑަލް ހޯދައިދިނުމުގައި ރަފާ މުހިންމު ދައުރެއް އަދާ ކުރިއެވެ. ޒުވާން ޓީޓީ ޓީމު ހޯދި މި ކާމިޔާބާއެކު ދިވެހި ކުޅިވަރުގެ ޖައްވުގައި ރަފާގެ ވާހަކަ ގަދަވެގެން ދިޔައެވެ.

ކުޅިވަރުގައި ރަފާގެ ތަރި ފިޔަ ޖަހަމުން ދަނިކޮށް، މި ޒުވާން ކުޅުންތެރިޔާގެ ނަމަށް އިތުރު ޝަރަފެއް ގެނެސްދިނީ ވޭތުވެދިޔަ 13 އަހަރު ރާއްޖޭގެ ޓިޓީގައި ވަރުގަދަ ތަނބެއްގެ ގޮތުގައި ފާހަގަ ކުރެވުނު މުއިނާ މުހައްމަދު ބަލި ކުރުމަށްފަހު ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދުމުން ނެވެ. އެއީ 13 އަހަރުގެ ގައުމީ ޗެމްޕިއަން ބަލި ކުރި 13 އަހަރުގެ ކުޅުންތެރިޔާ އެވެ.

އިސްކަންދަރު ސްކޫލުގައި ކިޔަވަމުންދާ ރަފާ، އަށް ވަނީ މިއަހަރު ބޭއްވި ކަލާސް އެވޯޑްގެ ހާއްސަ އެވޯޑް ލިބިފަ އެވެ. މިދިޔަ އަހަރުވެސް އޭނާ މި އެވޯޑް ހާސިލު ކުރި އެވެ.