ވެމްކޯ

ކުނި ކަލެކްޓް ކުރުން ކާމިޔާބު، ކޮންމެ ދުވަހަކުވެސް ކުނި އުކައިދޭނެ: ވެމްކޯ

Dec 26, 2016

މާލޭގެ ކުނި އުކާލުން ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށްގެންދިއުމަށް ވެމްކޯއިން އިއްޔެ ފެށި ކުނި އުކައިދިނުމުގެ ހިދުމަތް ވަރަށް ކާމިޔާބު ކަމަށާއި، މެދުކެނޑުމެއްނެތި ކޮންމެ ދުވަހަކުވެސް ގޭގޭގެ ކުނި އުކައިދޭނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ވެމްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ، އެ ކުންފުނިން އިއްޔެ ފަށައިގަތް ކުނި އުކުމުގެ މަޝްރޫއަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުން ދާ ކަމަށެވެ. ހާއްސަކޮށް އިއްޔެ ހިދުމަތް ފެށުމާ އެކު ކުނި އުކަން ރަޖިސްޓްރީ ކުރަން ގުޅާ ފަރާތްތަކުގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފުއާދު ފާހަގަ ކުރެއްވި އެވެ.

ކުނި އުކަން ބޭނުންވާ ގިނަ އަދަދެއްގެ ވެހިކަލްތައް އަދި ރާއްޖެއަށް ނުލިބޭތީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުން ވެމްކޯއިން އިއްޔެ ވަނީ މާލެ 10 ޒޯނަކަށް ބައި ކުރުމަށްފަހު ޒޯން އެކެއްގެ ގޮތު ކަލާފާން ސްކޫލް ހުންނަ ކޮށި ކަނޑައަޅައި އެ ކޮށީގައި ހިމެނޭ 51 ގޭގެ ކުނި އުކައިދިނުމުގެ މަސައްކަތް ރޭ ފަށާފަ އެވެ. ކުނި އުކައިދޭން ވެމްކޯގެ ޓީމުތަކުން ގޭގެއަށް ދާނީ އިރުއޮއްސި 6:00 އިން ރޭގަނޑު 10:00 އަށެވެ. ވެމްކޯއިން އުކައިދެނީ އެ ކުންފުނީގައި ހިދުމަތަށް ބޭނުންވެ ރަޖިސްޓްރީ ކުރާ ގޭގެއިން އުފައްދާ ކުންޏެވެ.

ފުއާދު ވިދާޅުވީ ކުނި އުކައިދިނުމުގެ ފީ އެކުންފުނިން ކަނޑައަޅާފައިވަނީ ވަރަށް ގިނަ ކަންތައްތަކަކަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން ކުނި ބަލާ އެ ކުންފުނީގެ ޓީމްތަކުން އެޕާޓްމަންޓްތަކަށް އަރަންޖެހޭނަމަ ނަގަނީ މަހެއްގެ މައްޗަށް 150 ރ. ގެ ފީއެކެވެ. ކުނި ކޮތަޅު އިމާރާތުގެ ތިރީގައި ޑަސްބިންކޮށްފައި ބަހައްޓާ ނަމަ އެފަރާތްތަކުން 100 ރ. ގެ ފީއެކެވެ. ފީ ދައްކަން ޖެހޭނީ ކޮންމެ މަހެއް ނިމުމުން ވެމްކޯގެ އޮފީހަށެވެ.

ފުއާދު ވިދާޅުވީ، ޒޯން ދޭއްގެ ކުނި އުކާލަން ވެމްކޯގެ ޓީމުތަކުން މިހާރު ތައްޔާރުވަމުންދާއިރު، ޒޯން އެކެއްގެ ގެތަކަށް ކޮންމެ ދުވަހަކުވެސް ކުނި އުކައިދިނުމުގެ ހިދުމަތް ދޭނެ ކަމަށެވެ. ޒޯން ދޭކަށް ހިދުމަތް ފުޅާކުރާނެ ދުވަހެއް އަދި ކަނޑައަޅާފައި ނެތަސް ކުރިއަށް އޮތް ހަމަހުގެ ތެރޭގައި މުޅި މާލެއަށް ހިދުމަތް ފަށާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ފުއާދު ވިދާޅުވީ އެ ކުންފުނިން ކުރިއަށްގެންދާ ޕްލާސްޓިކް ރިސައިކަލް ކުރުމަށް ލަންކާގެ ކުންފުންޏަކާއެކު ފަށާފައިވާ މަޝްރޫއަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި މިހާރުވެސް ލަންކާއަށް އެކްސްޕޯޓްކޮށްފައިވާއިރު، ފެން ހުސްވާ ފުޅިތައް އުކާ ނުލައި އެ ކުންފުންޏާ ހަވާލުކުރަން އޭނާ ވަނީ އިލްތިމާސް ކޮށްފަ އެވެ.