ރިޕޯޓް

ޝަރުތުތައް ގިނަވެ، މަޝްވަރާތައް ސުމަކަށް!

Dec 31, 2016

ގައުމަކަށް ސިޔާސީ ހަމަޖެހުން ގެނެސް ހުރިހާ ޕާޓީތައް ގުޅިގެން ތަރައްގީއަށާއި ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތް ކުރެވޭ ފަދަ މާހައުލެއް ގާއިމް ކުރުމަކީ ކޮންމެ ސަރުކާރެއް ވެސް އިސްކަމެއް ދޭން ޖެހޭ ކަމެކެވެ. ޑިމޮކްރަސީއެއްގެ ތެރެއިން ގައުމަށް ހަގީގީ އަމާންކަމެއް އަންނާނީވެސް ޕާޓީތަކާއެކު މަޝްވަރާކޮށް ހުރިހާ ފަޅިއަކަށްވެސް ހަމަހަމަ ހައްލުތަކެއް ހޯދައިދީގެނެވެ. އަދި ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގައިވެސް އަމަލު ކުރަނީ މިފަދައިންނެވެ.

އެ މަގްސަދު ހާސިލް ކުރުމަށްޓަކައި މި ސަރުކާރުން މިހާތަނަށްކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ސިޔާސީ އަމާންކަމެއް ލިބޭނެ ކަމުގެ އުންމީދު ކުޑަ ހިނދުކޮޅަކަށްވެސް އުފެދުނީ 2015 ވަނަ އަހަރުގެ މެދު ތެރޭގައެވެ. އެއީ އިދިކޮޅު އެންމެ ބޮޑު ޕާޓީއާއި އެހެން ޕާޓީތައްވެސް ސަރުކާރާއެކު މަޝްވަރާގެ މޭޒަށް އަރަން އެއްބަސްވެ ނިންމުންތަކަކާ ހަމަޔަށް ދާނެ ފެށުމުންނެވެ. ނަމަވެސް އެ އުންމީދުތައް ވެސް ދިޔައީ ފެނަށެވެ. ނަމަވެސް 2016 ވަނަ އަހަރު ފެށުނީ އާ އުންމީދުތަކާއެކު ސަރުކާރުން އިސް ނަގައިގެން އޯލް ޕާޓީ ޓޯކްސް އަށް ހުރިހާ ޕާޓީތަކަށް ފުރުސަތު ހުޅުވާލި އެވެ.

ސަރުކާރުން މަޝްވަރާއަށް ދިޔައީ ހުސް ފޮތަކާއެކުގަ އެވެ. އެއްވެސް ކަމެއް ޝަރުތު ނުކޮށް ޕާޓީތަކުގެ ކަންބޮޑުވުންތައް އަޑު އަހާށެވެ. މަޝްވަރާތައް ވަރަށް އުއްމީދާއެކު ފެށި އެވެ. ނަމަވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވީ އެންމެ ބޮޑަށް މަޝްވަރާތަކަށް ގޮވާލި ދެ ޕާޓީން މަޝްވަރާކުރަން ޖެހުމުން ދެއްކީ ފުރަގަހެވެ. ހަމައެކަނި ބައިވެރިވީ ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއާއި ޕީޕީއެމްގެ އިތުރުން ޑީއާރްޕީއެވެ.

އެމްޑީޕީއާ އަދާލަތު ޕާޓީ ގޮތް ދޫނުކުރުން

ވޭތުވެދިޔަ އަހަރު ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް ފާޑު ކިޔުމުގައި ކުރީ ސަފުގައި އެމްޑީޕީގެ އިތުރުން ފާހަގަ ކޮށްލެވުނީ އަދާލަތު ޕާޓީއެވެ. އެއީ އެ ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ގެ މައްޗަށް ކްރިމިނަލް ކޯޓުން 12 އަހަރުގެ ހުކުމެއް އިއްވުމާ ގުޅިގެނެވެ. ކޮންމެއަކަސް އެމްޑިޕީއިންއާއި އަދާލަތު ޕާޓީއިން ވެސް އެ ދެ ޕާޓީގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން ބޭނުންވެއެވެ. ނަމަވެސް މަޝްވަރާގެ މޭޒަށް އައުމަށް އެއްގޮތަކަށްވެސް އެއްބަހެއް ނުވި އެވެ. އެ ދެ ޕާޓީއިން ވިދާޅުވަނީ ސިޔާސީ ލީޑަރުން ދޫކޮށްލުމަށެވެ.

މަޝްވަރާތަކަށް ބޭނުންވަނީ އެ ދެ ޕާޓީ އެވެ. އެ ޕާޓީ ނުލައިކުރާ މަޝްވަރާތަކުގެ އެއްވެސް މަނާއެއް ނެތެވެ. ސިޔާސީ އަމާންކަމެއް ރާއްޖެއަށް އަންނާނެ ކަމުގެ އުންމީދެއް ނޯންނާނެ އެވެ. އެހެންކަމުން ސަރުކާރުން އައީ އެކި ފުރުސަތުތައް އެ ދެ ޕާޓީއަށް ފަހިކޮށްދެމުންނެވެ. އެގޮތުން ނަޝީދާއި އިމްރާން ބައިވެރިކޮށްގެންވެސް މަޝްވަރާ ކުރުމަށް ސަރުކާރުން އެއްބަސްވި އެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އެދުމުގެ މަތިން ކޮމަންވެލްތުގެ މަންދޫބެއް ބަހައްޓައިގެން މަޝްވަރާ ކުރުމަށްވެސް އެއްބަސްވިއެވެ. އެގޮތުން ސަރުކާރުން ދިޔައީ އެ ދެ ޕާޓީ ބައިވެރި ކުރުވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންނެވެ. ނަމަވެސް އެކަންތަކަށް އެމްޑީޕީއާއި އަދާލަތު ޕާޓީ ދިނީ ބީރު ކަންފަތެކެވެ.

ބޭރު ފަރާތްތަކުގެ އެހީގައިވެސް މަޝްވަރާއެއް ނުބޭއްވުން

އިދިކޮޅު ދެ ޕާޓީއިން އެދުން ގިނަ ކަންތައްތައް ފުއްދާއި ދިނުމަށް ފަހުގައިވެސް އެކަން ކާމިޔާބު ވާގޮތް ނުވުމުން ސަރުކާރުން ދެން ނިންމީ ބޭރު ފަރާތްތަކުގެ އެހީ ހޯދުމަށެވެ. އެގޮތުން މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް އދ. ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ސީނިއާ އެޑްވައިޒަރު މރ. ސެމިއުލް ތަމްރަތުވެސް ރާއްޖެއަށް ވަޑައިގެން ހުރިހާ ޕާޓީތަކުގެ ކަންބޮޑުވުންތައް އަހާ މަޝްވަރާތައް ކުރި އެވެ. އަދި ހައްލު ހޯދޭނެ ކަމުގެ އުންމީދުގައި އެނބުރި ވަޑައިގަތެވެ. ނަމަވެސް އިދިކޮޅު ދެ ޕާޓީން ގޮތް ދުލެއް ނުކުރެއެވެ.

އޭގެ އިތުރުންވެސް މަޝްވަރާތަކުގައި އެހީތެރިވާން އދ. ގެ އެހެން ވަފުދެއްވެސް ރާއްޖެއަށް ޒިޔާރަތް ކުރި އެވެ. އަދި އދ ބައިވެރިވެގެން އަލުން މަޝްވަރާތައް ފެއްޓުމަށްވެސް ނިންމި އެވެ. ކޮމަންވެލްތުގެ މަންދޫބެއްވެސް ރާއްޖެ ވަޑައިގެން މަޝްވަރާތައް ކުރިޔަށް ގެންދެވުމަށް މަސައްކަތްތަކެއް ކުރެއްވި އެވެ. އަދި ސީމެގުންވެސް އެ މައްސަލަގަނޑު ތެރެއަށް ވަދެ ޝަރުތަކާ ނުލާ މަޝްވަރާތައް ފަށަން ގޮވާލެއްވި އެވެ. ނަމަވެސް މި އެއްވެސް ކަމަކުން ހައްލެއް ލިބޭ ގޮތެއް ނުވި އެވެ.

އަހަރު ނިމިގެން ދިޔައީ އެއްވެސް މަޝްވަރާއެއް ނުކޮށެވެ. މިއީ މަޝްވަރާތަކުގެ ތާރީހުގައި އެންމެ ނާކާމިޔާބުކޮށް ދިޔަ އަހަރެވެ. ސިޔާސީ އަމާންކަން އަންނާނެ ކަމުގެ އުންމީދުގެ ހުޅުކޮޅުވެސް ގެއްލުނީ އެވެ.