ރިޕޯޓް

ޖީއެމްއާރަށް ފައިސާ ދެއްކުން: އަހަރުގެ ބޮޑު އަދަދު

Dec 31, 2016

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރުގެ އަތުން އަތުލުމާއެކު އެ ކުންފުނިން އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލަށް ވެދި އެވެ. އެ ކުންފުނިން އެދިފައިވަނީ 800 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ހޯދުމަށެވެ. ނަމަވެސް ސަރުކާރުން އެންމެ ކުރިންވެސް ބުނަމުން ދިޔައީ އެ އަދަދު ދައްކަން ނުޖެހޭނެ ކަމަށެވެ. ހަތަރު އަހަރު އާބިޓްރޭޝަންގައި މައްސަލަ "ތެޅުވުމަށްފަހު" ނިންމައިލީ، 2016 ގައެވެ. ނިމިފައިވަނީ ޖީއެމްއާރަށް ދިވެހި ސަރުކާރުން 271 މިލިއަން ޑޮލަރު (ގާތްނޑަކަށް 4.1 ބިލިއަން ރުފިޔާ) ދެއްކުމަށެވެ. މިއީ އަހަރުގެ އެންމެ ބޮޑު އަދަދު ކަމަށް ބުނެވިދާނެ އެވެ.

ސިންގަޕޫރު، އާބިޓްރޭޝަނުން ނިންމި ގޮތަށް 271 މިލިއަން ޑޮލަރު "މާގިނަ ދުވަހެއް ނުވެ" ދިވެހި ސަރުކާރުން ވަނީ ދައްކާފަ އެވެ. މި ފައިސާ ދައްކާފައިވަނީ އައިއެންއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ ބަޖެޓުންނެވެ. އެ ކުންފުނިން މި ފައިސާ ދައްކާ ފައިވަނީ މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރި 140 މިލިއަން ޑޮލަރުގެ ބޮންޑެއް ވެސް ހިމަނައިގެންނެވެ. މި ބޮންޑް ތިން އަހަރު ތެރޭގައި ދައްކާނީ 4.9 ޕަސެންޓުގެ އިންޓަރެސްޓުގަ އެވެ.

ނެކްސްބިޒް މައްސަލަ

ރާއްޖޭގެ އިމިގްރޭޝަނާއި މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާ ދެމެދު އެއްބަސްވެ، ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ބެލެހެއްޓުމުގެ އެއްބަސްވުން ގާއިމް ކޮށްފައިވަނީ 2010 ވަނަ އަހަރުގެ އެވެ. މި އެއްބަސްވުމުގެ އަގަކީ 39 މިލިއަން ޑޮލަރު ( ގާތްގަނޑަކަށް 601 މިލިއަން ރުފިޔާ) އެވެ. ނަމަވެސް އިމިގްރޭޝަން ބޯޑާ ސިސްޓަމް ގާއިމު ކުރުމުގައި ކޮރަޕްޝަނުގެ މައްސަލަތަކެއް ހުރިކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަރުން (އޭސީސީ) އިން ވަނީ 2012 ވަނަ އަހަރު ތަހުގީގެއް ފަށާފަ އެވެ.

ނަމަވެސް 2012 ޑިސެމްބަރު މަހު ބޯޑާ ކޮންޓްރޯލް ނިޒާމުގެ ގާއިމް ކުރަން ނެކްސްބިޒްއާއެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ސަރުކާރުން ނިންމި އެވެ. މިއާއެކު ނެކްސްބިޒްއިން ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލަށް މައްސަލަ ވެއްދި އެވެ. އަދި އެ މައްސަލަަވަނީ ދިވެހި ސަރުކާރުން ނެކްސްބިޒަށް 15 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ނިންމާފަ އެވެ. މި މައްސަލާގައި އެއްބަސްވުން ބާތިލް ކުރުމުގެ ނެކްސްބިޒުން އެދިފައިވަނީ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 269 މިލިއަން ޑޮލަރު ލިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް އާބިޓްރޭޝަނުން ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ 15 ޑޮލަރު ކަމަށް ވަނީ ނިންމާފަ އެވެ.

މި ދެ މައްސަލަ ވެފައިވަނީ ދިވެހި ސަރުކާރުން އެއްބަސްވުމެއް އުވާލުމާ ގުޅިގެން ދައްކަން ޖެހުނު އެންމެ ބޮޑު އަދަދުގެ ގޮތުގައިގަ އެވެ.