ރިޕޯޓް

މައުމޫންގެ ތަފާތު ޓްވީޓެއް: މި ވިދާޅުވަނީ ކީކޭބާ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ރޭ އިއްވި 13 އަހަރުގެ ޖަލު ހުކުމާ އެކު އެތައް ހާސް ބަޔަކު މާޔޫސްވެ މުޅި ގައުމު ހަމަހިމޭންވެގެން ދިޔައީ އެވެ. އެމްޑީޕީގެ އެތައް ހާސް ބަޔަކު ނުކުމެ ހަމަނުޖެހުން އުފައްދާނެ ކަމަށް އެއް ބަޔަކު ލަފާކުރިޔަސް މާ ލަސްވަންދެން ހަޅޭފަޅޭ ޖަހާކަށް ވެސް އެމީހުންނަކަށް ކެތެއްނުކުރެވުނެވެ.

އެމްޑީޕީގެ ސަޕޯޓަރުން ހިނދިގެން ގޮސް އެމީހުންގެ ޖަޒުބާތުތައް ސޯޝަލް މީޑިއާ އަށް ބަންޑުންވަމުން ދިޔައިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ރޭގެ އެ ވަގުތުގައި ހާއްސަ ޓްވީޓެއް ކުރެއްވި އެވެ. އެ މަނިކުފާނު އާންމުކޮށް ކުރައްވާ ކަހަލަ ޓްވީޓަކަށް ނުވީމަ އެ ވާހަކަ ދައްކަން ޖެހެނީ އެވެ.

މައުމޫނުގެ މި ޓްވީޓްގައި އޮތީ "ޑާކްނެސް" އަކާއި "ކެންޑްލް" އަކާއި "ޑާކްނެސް" އަކާއި "ކެންޑްލް" އެއްގެ ވާހަކަ އެވެ. އެ ޓްވީޓް ތިރީގައި މި އޮތީ އެވެ.

މިއީ މާނައިން ފުރިގެންވާ ފަދަ ޓްވީޓެކެވެ. އާންމުކޮށް އެ މަނިކުފާނު މި ފެންވަރު ޓްވީޓެއް ނުކުރައްވަ އެވެ. ޖަވާބު ހޯދަން އިރުކޮޅަކަށް ވިސްނާލަން ޖެހޭ ކަހަލަ އަރަތްތަކެއް އެއް އިރެއްގައި "ހޭޔަންބޯ" އަށް ހަދިޔާ ކުރެއްވިޔަސް، ޓްވިޓާގެ ފޮލޯވަރުންނާ ދިމާލަށް އެފަދަ ޓްވީޓެއް އެއްލައެއް ނުލައްވަ އެވެ.

މި ޓްވީޓާ ބެހޭ ގޮތުން ބައެއް މީހުން ބުނަނީ މިއީ ނުސީދާ ބަހުން މައުމޫނު އެ ބޭފުޅާގެ ސިޔާސީ ހަތުރުވެރިޔާ ނަޝީދަށް ކުރައްވާފައިވާ ތައުރީފެއް ކަމަށެވެ. ޓްވީޓް މާނަކުރައްވާ ފަރާތްތަކުން ބުނަނީ މައުމޫނު އެ ވިދާޅުވާ "ލައިޓް" އަކީ ނަޝީދަށް ވެދާނެ ކަމަށެވެ.

ނުވަތަ އެ އިޝާރާތް ކުރައްވަނީ ނަޝީދުގެ ޕޮލިޓިކަލް މަގުސަދަށެވެ. އަދި ވެރިވެފައި އޮތް އަނދިރި ކަމަކީ "ދައުލަތް" ކަމަށް ވެދާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.

މިއީ ބޮޑަށް ނަޝީދުގެ ސަޕޯޓަރުންނަށް މި ޓްވީޓުން ނެގިދާނެ މާނަ އެކެވެ. އެމްޑީޕީގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުން ނަޝީދަކީ ގައުމުގައި އޮތް "އަނދިރިކަމުގެ ސަރުކާރު" ކިބައިން ގައުމު ސަލާމަތްކޮށްދޭން މަސައްކަތްކުރާ ބަތަލެކެވެ.

ދެން މައުމޫން މި ވިދާޅުވަނީ މިހެންނެވެ. ކަނު އަނދިރީގައި ހިފަހައްޓާލުމުގެ ގާބިލުކަން ވެސް އުއްބައްތިއެއްގެ އައްޔަށް ލިބިގެންވާ ކަމަށެވެ. އަދި މުޅި އަނދިރިކަން އެކުގައި އެ ވަށާލިއަސް، އެއްކަމެއް ވެސް ނުކުރެވޭނެ ކަމަށެވެ.

ނަޝީދަށް ތާއީދުކުރާ ފަރާތްތަކުގެ ވިސްނުމުގައި މައުމޫނުގެ މި ޓްވީޓް ހަމަ އެންމެ ގުޅެނީ ނަޝީދު އާއި އެ ބޭފުޅާ މިއަދު ތަހަމައްލްކުރައްވަން ޖެހިވަޑައިގެންފައިވާ ސިޔާސީ މުސީބާތާ އެވެ. އެކަމަކު މީގެ އަނެއް ކޮޅު ވެސް އެބައޮތެވެ.

މައުމޫނާއި ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ވިދާޅުވާނީ، ޓްވީޓުގައި ފާހަގަކުރައްވާފައި އެވާ އަނދިރިކަމަކީ ނަޝީދު އާއި އެމްޑީޕީގެ ބައިގަނޑު ކަމަށެވެ.

ކޮންމެއަކަސް އަޅުގަނޑުމެންގެ ކުރީގެ ރައީސްގެ ޓްވީޓް މިފަހަރު މި އޮތީ "ހޭޔަންބޯ" ގެ އަރަތަކަށް ވުރެ ވެސް އުނދަގޫކޮށްލައިފަ އެވެ.

ދެން މީހުން ބުނާނެތެވެ. އަންނަނީ ހަމަ ހިންޏެވެ.