ރިޕޯޓް

ޓްރެފިކް ބައްތި ނިއްވާލައިގެން މާލެ އޮބި އޮންނާނެތަ؟

ފުރަތަމަ ކަމަކަށް މީގެ އެތަކެއް އަހަރު ފަހަތަށް ދަމާހެއްޔެވެ؟ މާލޭގައި މަގުތަކުގައި ގިނަ އަދަދަކަށް ސައިކަލާއި ކާރު ބޭނުން ކުރަން ފެށިއެވެ. ހަމަ އެއާއެކު ނުރައްކާތެރި ބޮަޑެތި އެކްސިޑެންޓުތައް ވެސް ދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ. އެކަމަށް ހައްލެއް ގެނައުމަށް އޭރު ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި އިލްޔާސް އިބްރާހިމް އެޅުއްވި ފިޔަވަޅަކީ ޓްރެފިކް ލައިޓުގެ ނިޒާމް ތައާރަފްކޮށް ބާރު ބޮޑުވާ މަގުތަކުގައި ޓްރެފިކް ލައިޓު ހަރު ކުރުމެވެ. ނަމަވެސް އޭރު ގިނަ ބަޔަކު އެކަމަށް ފާޑުކިޔެވެ. ބުނަމުން ދިޔައީ އެފަދަ ނިޒާމެއް ރާއްޖެފަދަ ކުޑަ ގައުމަކަށް ބޭނުމެއް ނުވެ އެވެ. ވާނީ އުނދަގުލެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ޝަކުވާތައް ވެސް ކުރި އެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ނުބަލައި އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީ މާލޭގައި ޓްރެފިކް ބައްތި ބެހެއްޓި އެވެ. ދުވަސް ފާއިތުވީ ވަރަކަށް މާލޭގައި މަގުތަކުގައި މީހުން ޓްރެފިކް ބައްތިއަށް ހޭނިއްޖެ އެވެ. ދުއްވާ އުޅަނދުފަހަރުތައްވީ ގިނަ އެވެ. ހިނގާ މީހުން ވީ ގިނަ އެވެ. އެ ޓްރެފިކް ލައިޓުގެ ބޭނުން ދިޔައީ އިތުރަށް ބޮޑުވަމުންނެވެ. އެންމެ ހާއްސަ ކަމަކަށް ދުވާލަކު ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގަމުން އައި މާލޭގައި ހިނގާ އެކްސިޑެންޓުތައް އެތައް ތަނަކުން މަދުވި އެވެ.

މިއަދުގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ރާއްޖޭގެ އާބާދީގައި 400،000 އަށްވުރެއް ގިނަ މީހުން އުޅޭ އިރު، އޭގެ ތެރެއިން ތިން ބައިކުޅަ އެއްބައި މީހުން ޖަމާވެފައި އޮންނަނީ މާލޭގަ އެވެ. މާލޭ މަގުތައް މިހާރު އޮންނަނީ ވެހިކަލްތަކުގައި އުޅޭ މީހުންނާއި ހިނގާފައި އުޅޭ މީހުންނަށްވެސް ކެތްވާ ފަދަ ގޮތަކަށް ނޫނެވެ. ތޮއްޖެހި ބާރުވެފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ރަސްމީ ތަފާސް ހިސާބުތަކަށް ބަލާއިރު ހަމައެކަނި މާލޭގައި 55،000 އަށްވުރެ ގިނަ ސައިކަލު ދުއްވައެވެ. އަދި 6000 ކާރު ދުއްވާ އިރު 2000 އަށް ވުރެ ގިނަ ޕިކަޕުވެސް ދުވެ ދުވެ އޮވެ އެވެ. އެ ހުރިހާ އުޅަނދުތަކެއް ބޭނުން ކުރަނީ މި ކުޑަ ކުޑަ މާލޭގަ އެވެ.

މާލޭގެ ހާލަތު މިފަދަ ގޮތަކަށް އޮއްވާ ހައުސިން މިނިސްޓްރީއާ ޓްރާންސްޕޯޓް އޮތޯރިޓީ އަދި ފުލުހުން މަޝްވަރާ ކުރުމަށް ފަހު ދާދި ފަހުން ވަނީ ދިވެހިން ހޭނި ބޯ ލަނބާފައިވާ ޓްރެފިކް ލައިޓުތައް ނިއްވާލާފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު ވިދާޅުވި ގޮތުގައި މާލޭ މަގުތަކުގައި ޓްރެފިކް ލައިޓް ޖެއްސުމުގެ ސަބަބުން އިތުރަށް ތޮއްޖެހެ އެވެ. އަދި އެހެން މަގުތަކުގައި ހުންނަ ވެހިކަލްތައް ތާށިވެ ގިނަ ބަޔަކަށް އުނދަގޫތަކާ ކުރިމަތިވެއެވެ. އަދި މިހާރުގެ ޓްރެފިކް ލައިޓުތައް ހުރީ އައުޓް ޑޭޓްވެފަ އެވެ. އެއިން ބައްތިއެއް ހަލާކުވިޔަސް އޭގެ ސްޕެއާ މިހާރަކު ނުލިބެ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި 13 ޓްރެފިކް ބައްތި ބަހައްޓާފައި ހުންނަ އިރު އެ އޮޕަރޭޓް ކުރަން މަހަކު 60،000 ރުފިޔާ ހަރަދުވާ ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ ހިސާބުތަކުން ދައްކަ އެވެ.

"މިހާރު މާލޭ މަގުތައް އަންނަނީ ރީޑިވެލޮޕް ކުރަމުން. އެކަމާ ގުޅިގެން ވެސް ޓްރެފިކް ލައިޓުތައް ޖައްސައިފި ނަމަ ވަރަށް އުނދަގޫވޭ އޭގެ އިތުރުން މަގުތައް ތޮއްޖެހޭތީ ފުލުހުން ވެސް ވަނީ އެ ނިއްވާލާފައި ބެހެއްޓުމަށް އަޅުގަނޑުމެންނަށް އަންގާފައި. ދެން އޮތް މައްސަލައަކީ ޓްރެފިކް ލައިޓް ސިސްޓަމްތައް އެއީ ވަރަށް ކުރީގެ އެއްޗެހި. އޭގެ ސްޕެއާއެއް ވެސް ނުލިބޭ. އެހެންވެ އެ ހަލާކުވިޔަސް ކުރެވޭނެ ކަމެއް އަޅުގަނޑުމެންނަކަށް ނޯވޭ،" ނާފިޒް ވިދާޅުވި އެވެ.

ޓްރެފިކް ބައްތީގެ މައްސަލާގައި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ފުލުހުންނާއި ހައުސިންނަށް އުޒުރުތަކެއް ހުއްޓަސް ފަހަކަށް އައިސް މާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވުން ގިނަވެފައިވާ މިފަދަ ދަނޑިވަޅެއްގައި ކުއްލިއަކަަށް ހުރިހަ ޓްރެފިކް ލައިޓުތައް އެއްފަހަރާ ނިއްވާލުމަކީ އެހާ ރައްކާތެރިކަމެއް ހެއްޔެވެ؟ އޭގެ ސަބަބުން މީގެ އެތައް އަހަރެއް ކުރިން މާލޭގައި އިރުއިރުކޮޅާ ބޮޑެތި އެކްސިޑެންޓުތައް ހިނގަން ފެށި ގޮތަށް މަގުތައް ބަދަލުވެދާނެ ކަމާމެދު ވިސްނާލަން ޖެހެއެވެ. ހާއްސަކޮށް މާލޭގައި ހިނގާ މީހުން އެހާ ގިނަ އިރު، ތޮއްޖެހިފައި ވިޔަސް މިހާތަނަށް ވަކި ބޮތްކަކަށް މަޑު ޖެހިލައިގެން އޮތް ޓްރެފިކް ބޭނުން ގޮތަކަށް ދުއްވައި ގަތުމުން ނުކުމެދާނެ ނަތީޖާއާމެދު ވެސް ވިސްނާލަން ޖެހެ އެވެ.

"މާލޭގައި ޓްރެފިކް ލައިޓުތައް ޖައްސާފައި ހުރުން ވަރަށް މުހިންމު. މިހާތަނަށް އައި އިރުވެސް އެކްސިޑެންޓުތައް މަދުވެފައި މިހުރީ އެހެންވެ. މާލޭގައި ހިނގާފައި ހުރި އެކްސިޑެންޓުތަކަށް ބަލާއިރު ޓްރެފިކް ލައިޓު ޖައްސާފައި ހުރި ވަގުތު ހިނގާފއި ހުރި އެކްސިޑެންޓަށް ވުރެ ނުޖައްސާ ހުންނަ އިރު ހިނގާފައި ހުރި އެކްސިޑެންޓުތައް މާ ގިނަ. ހިނގާފައި ހުރީ ލައިޓު ފަޅާލާފައި ދިޔުމުގެ ސަބަބުން ހިނގި ނުރައްކާތެރި އެކްސިޑޭންޓުތައް. އެހެންވެ ލައިޓުތައް ވަރަށް މުހިންމު،" ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގެ އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ގޮތުގައި ޓްރެފިކް ލައިޓުގެ ސަބަބުން މިހާތަނަށް ގިނަ ބަޔަކަށް ފަސޭހަވަމުން އައި ނަމަވެސް ފަހަކަށް އައިސް އެއް ލައިޓު ޖެއްސުމުން އެހެން މަގުތައް ބްލޮކް ވެއެވެ. އަދި އޭގެ ސަބަބުން ތޮއްޖެހި ކުރިޔަށް ދިޔުމަށް ދަތިތަކާ ކުރިމަތިވެ އެވެ. އެހެންކަމުން ލައިޓުތައް ނިއްވާލައިގެން މިވަގުތަށް މެނޭޖް ކުރަން ޖެހެނީ އެވެ.

"ޓްރެފިކް ލައިޓު ހުރީމަ މަގުތައް މެނޭޖުވެ ހިނގާ މީހުންނަށްވެސް ވަރަށް ފަސޭހަވޭ. އެމީހުންނަށްވެސް އެނގޭނެ ހުރަސް ކުރަންވީ ވަގުތާ މަޑު ކުރަންވީ ވަގުތު. އެހެންވެ ރައްކާތެރިވާނެ. އަދި ސައިކަލުތަކަށް ވެސް ވަރަށް ފަސޭހަވާނެ ތޮއްޖެހިގެން ދިޔުމަށް ވުރެ، އެކަމަކު ބައެއް ފަހަރު ޓްރެފިކް ލައިޓު ޖެއްސީމަ ވެސް އުނދަގޫވާ ފަހަރު ދޭ މާލޭގައި. އެއީ ބާރު ބޮޑުވެގެން. އެފަދަ ވަގުތު ލައިޓުތައް ނިއްވާލައިގެން މެނޭޖު ކުރެވޭނީ،"

މި ހާލާތަށް ގޮސް ލައިޓްތައް ނިއްވަން ޖެހުނު އިރު ފުލުހުން މާލޭގެ ޓްރެފިކް ބަލަހައްޓަން ހާއްސަ އިންތިޒާމެއް ގެންގުޅޭތޯ މިއީ ވެސް ބަލަންޖެހޭ ކަމެކެވެ. އެހެން ނޫން ކަމަށް ވާނަމަ މިކަން ވާނީ ވަރަށް ބޮޑު ގޯހަކަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ޓްރެފިކް ލައިޓާ ނުލައި އޮތް ނުރައްކަލުން ސަލާމަތްވުމަށް ކޮންމެ ދުވަހަކު ޓްރެފިކް ފުލުހުންގެ ޓީމުތައް މަގުތަކުގައި ހަރަކާތްތެރިވާނެ އެވެ. އަދި ބާރު ބޮޑުވާ ސަރަހައްދުތަކުގައި ވަކިވަކި ފުލުހުން ގޮސް ޓްރެފިކް މެނޭޖު ކުރާނެ އެވެ.

"މި ދުވަސްކޮޅަކީ ވަރަށް ސަމާލުވާން ޖެހޭ ދުވަސްކޮޅެއް. ހާއްސަކޮށް މަޖީދީ މަގުގައި ވަރަށް ބާރު ބޮޑުވާނެ. އެއީ ޗުއްޓީއަށް ރާއްޖެތެރެއިން އައިސް ތިބޭ މީހުން ވިޔަފާރި ކުރަން އެންމެ ގިނައިން އުޅޭނީ މަޖީދީ މަގުގައި. މިހާރު ޓްރެފިކް ލައިޓު ނެތުމާއެކު ވަރަށް ސަމާލުވާން ޖެހޭ. އެކަމަށް ހުރިހާ ފަރާތްތައް ވެސް ސަމާލުވޭ،" ޝަރީފް އިތުރަށް ވިދާޅުވި އެވެ.

މާލޭ ޓްރެފިކް މެނޭޖުކޮށް އާންމުންނަށް ފަސޭހަވާނެ ގޮތަކަށް ހެދުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުން މަސައްކަތް ކުރަމުން އަންނަ އިރު ޓްރެފިކް ލައިޓުތައް ކުއްލި ގޮތަކަށް ނިއްވާލުމުން އޭގެ އަސަރު އާންމު ރައްޔިތުންނަށް މިހާރުވެސް ކޮށްފި އެވެ. އެކަން ދެނެ ގަތުމަށް އަވަސް އިން ވަނީ ބައެއް މީހުންނާ ސުވާލުކޮށްފައެވެ.

އަވަސްއާ ވާހަކަދެއްކި ބައެއް ހިނގާފައި އުޅޭ މީހުން ބުނި ގޮތުގައި ޓްރެފިކް ލައިޓް ނިވާލުމާއެކު މަގު ހުރަސް ކުރުމަށް ވަރަށް އުނދަގު ލެވެ. އަދި ސައިކަލާއި ކާރުތައް ހިނގާބަޔަކަށް ނުބަލާ ހުރިހާ ފަޅިއަކުން ދުއްވާތީ މަގުތަކުގެ ރައްކާތެރިކަން ވަނީ ގެއްލިފައެވެ.

"ވީހާވެސް އަވަހަށް ލައިޓުތައް ޖައްސާނެ ކަމަށް އުންމީދު ކުރަން. އަޅުގަނޑަކަށް ނުފެނޭ މަގު ހުރަސް ކުރެވޭނެ ދިމާއެއް،" ދުވަސްވީ މީހަކު ބުންޏެވެ.

ސަރުކާރުން އަންނަނީ ރައްޔިތުންގެ މި ޝަކުވާތައ އަޑުއަހާ މާލޭގެ ޓްރެފިކް މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިހާރު ތަރައްގީ ކުރަން ފަށާފައިވާ މާލޭ މަގުތަކުގެ މަސައްކަތް ނިމުމުން ކެމެރާ ހަރުކޮށްފައި ހުންނަ ސްމާޓް ޓްރެފިކް ލައިޓް ސިސްޓަމްތައް ގެނައުމަށް ވަނީ ރާވާފައިވެއެވެ. އޭގެ ސަބަބުން މާލޭ މަގުތަކުގައި ދުއްވާ ވެހިކަލްތަކަށް އަދި ހިނގާފައި އުޅޭ މީހުންނަށްވެސް ގިނަ ފަސޭހަތަކެއް ވާނެ ކަމަށް ބެލެވެއެވެ. އެކަމަކު މިހާރުން މިހާރަށް ކަމެއް މި މައްސަލަ ގޯހުން ގޯހަށް ނުދަނީސް ވެސް ހަރުދަނާ އުސޫލެއްގެ މަތިން މާލޭގެ ޓްރެފިކް ފްލޯ މެނޭޖް ކުރާނެ ގޮތެއް ހޯދަން ޖެހެ އެވެ.