ފިނިޕޭޖް

އެވޯޑް ރޭހުގައި ސީޒަންއަށް ކެހި ދިނީ ނަހުލާ؟

މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން މިފަހަރުގެ ގައުމީ ފިލްމް އެވޯޑްސްގައި އެއްވެސް އެވޯޑަކަށް ނޮމިނޭޓްނުވުމަކީ ގިނަ ބަޔަކު ހައިރާންކޮށްލި ކަމެކެވެ. ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އެއް އެކްޓަރު އެވޯޑަށް ނޮމިނޭޓުވުމުން ވަރަށް ގިނަ ބަޔަކު ސުވާލު ވެސް އުފެއްދި އެވެ. އެ ސުވާލު އުފެދުނީ ވެސް ސީޒަންއަކީ މީގެކުރިން ބޮޑެތި ތަރިންތަކަކާ ވާދަކޮށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ގެންގޮސްފައިވާ ތަރިއަކަށްވާތީ އެވެ. "ހިތްއެދެނީ" އިން އޭނާ ވަނީ އެ އެވޯޑް ހޯދާފަ އެވެ.

"ހިތްއެދެނީ"ގައި ސީޒަން ދައްކާލި ފެންވަރުގެ މޮޅު އެކްޓެއް ދައްކާލި ފިލްމެއް މި ފަހަރުގެ އެވޯޑްގައި ވެސް ބައިވެރިކުރި އެވެ. އެއީ މަޝްހޫރު ފިލްމްތަކެއް ޑައިރެކްޓްކޮށްފައިވާ ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ ޕްރޮޑިއުސްކޮށްފައިވާ "މިހަށިން ފުރާނަދަންދެން" އެވެ. އެ ފިލްމްގައި ސީޒަން ދައްކާލި އެކްޓިންއަށް ވަރަށް ގިނަ ބަޔަކު ތައުރީފު ވެސް ކުރި އެވެ. އެ ފިލްމުން އެވޯޑަށް އޭނާ ވާދަކުރާނެ ކަމަށް ބެލެވުނެވެ.

އެހެނަސް ނޮމިނޭޝަން ލިސްޓް އައިއިރު ސީޒަންގެ ނަމެއް ނުފެނުނެވެ. އެކަމާ ގުޅިގެން ސީޒަން ވަނީ ލަންކާއިން ރާއްޖެ ވެސް އައިސްފަ އެވެ. ނޮމިނޭޓްވެފައިނުވީ ނަމަވެސް ފިލްމީ ދާއިރާއަށް ކުރާ އިހުތިރާމެއްގެ ސަބަބުން އޭނާ އެވޯޑް ހަފުލާއަށް ވެސް ދިޔަ އެވެ.

ސީޒަން ލަންކާއިން ރާއްޖެ އައީ، އޭނާގެ ނަން ހުށަހަޅާފައިނުވާ ކަމުގެ މައުލޫމާތު ލިބި އެކަން ހިނގާދިޔަ ގޮތް ސާފުކުރުމަށެވެ. އެކަން ސާފުކޮށްދިނުމަށް ސީޒަން ވަނީ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގައި އެދިފަ އެވެ. އެންސީއޭއިން މިހާރު ވަނީ އެކަން ހިނގާފައިވާ ގޮތް ލިޔުމުން ސީޒަންއަށް އަންގާފަ އެވެ. އެންސީއޭއިން ސީޒަންއަށް ފޮނުވާ ސިޓީގެ ކޮޕީއެއް އަވަސްއަށް ލިބިފައިވާއިރު އެ ސިޓީގައި ބުނެފައިވަނީ "މިހަށިން ފުރާނަދަންދެން"ގެ ފޯމްގައި އެކްޓާ ކެޓަގަރީގައި ސީޒަންގެ ނަން ހިމަނާފައިނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ސީޒަން މިއަދު "އަވަސް"އާ ވާހަކަ ދައްކަމުން ބުނީ، އެއީ "ލާއިންސާނީ" އަމަލެއް ކަމަށެވެ. އެ ފިލްމްގައި އޭނާ ލީޑް އެކްޓަރުގެ ރޯލު ކުޅުނުއިރު އޭނާއަށް ކްރެޑިޓްސް ނުދިނުމަކީ އޭނާގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. ނަހުލާ ފަދަ އިންސާފަށް ލޯބިކުރާ ކަމަށް ބުނާ މީހެއްގެ ފަރާތުން އެފަދަ ކަމެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ސީޒަން ބުނީ އޭނާ ލަންކާއަށް ބަދަލުވުމަކީ އޭނާއަށް ލިބެންޖެހޭ ހައްގުތައް ގެއްލިގެންދާ ކަމެއް ނޫން ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ނަހުލާއާއެކު މަސައްކަތް ކުރާ އެކްޓަރުން ވިސްނަން ޖެހޭނެ ކަމެއް މިއީ،" ސީޒަން ބުންޏެވެ.

މި ފިލްމްގެ ލީޑް އެކްޓަރެއްގެ ގޮތުގައި ފޯމް ޖަހާފައިވަނީ މުހައްމަދު މަނިކުގެ ނަން ކަމަށް ސީޒަން ބުންޏެވެ. އެހެނަސް ފިލްމްގައި މަނިކު އަދާކުރީ ސަޕޯޓިން އެކްޓަރެއްގެ ރޯލެވެ. ސީޒަން ބުނީ، އޭގެ ސަބަބުން މަނިކަށް ވެސް ގެއްލުންވެފައިވާ ކަމަށް ދެކޭ ކަމަށެވެ. ސަޕޯޓިން އެކްޓަރެއްގެ ގޮތުގައި ނޮމިނޭޓްވިނަމަ އެ ރޯލުން މަނިކު އެވޯޑު ގެންދިޔުން ވަރަށް ގާތް ކަމަށެވެ.

އެހެނަސް އެވޯޑުގައި އެއްވެސް ނޮމިނޭޝަނެއް ނެތުމުގެ ޒިންމާ ސީޒަން ނަހުލާގެ ބޮލުގައި ނާޅުވަ އެވެ. އެއީ، އޭނާގެ އިތުރު ދެ ފިލްމެއް ވެސް އެވޯޑްގައި ބައިވެރިކޮށްފައިވާތީ އެވެ. އެއީ ޑާކްރެއިން އެންޓަޓައިމެންޓްގެ "ޒަހަރު" އަދި އަބްދުލް ފައްތާހުގެ "ލަވްސްޓޯރީ" އެވެ. އެ ފިލްމްތަކަށްވުރެ ބޮޑު އަދި މޮޅު ރޯލެއް ސީޒަން އަދާކޮށްފައިވަނީ "މިހަށިންފުރާނަ ދަންދެން"ގަ އެވެ. "ޒަހަރު" އަދި "ލަވްސްޓްރީ"ގެ ފޯމްގައި ސީޒަންގެ ނަން އޮތެވެ.

މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެންސީއޭއިން ވެސް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް ސީޒަން ދެކެ އެވެ. އެގޮތުން މިކަމަށް ގަވައިދެއް ނޫނީ އުސޫލެއް ކަނޑައެޅުމަކީ އޭނާ އެދޭ ގޮތެވެ.

މި މައްސަލާގައި މިއަދު ފާތިމަތު ނަހުލާ "އަވަސް"އަށް ބުނީ، ސީޒަންގެ ނަން ގަސްދުގައި ނުޖެހަ ނުހުންނާނެ ކަމަށެވެ. އެކަން އެހާ ބޮޑަށް ހަނދާން ނެތް ކަމަށެވެ.

"ހިއެއް ނުވޭ ނަން ނުޖަހަ ހުންނާނެހެން، ފިލްމް ބަލައިގެން ސީޒަންއަށް ފިލްމްގައި ކިޔާ ނަން ބެލި ހަނދާން ވެސް އެބަހުރި، އެކަމަކު ނަން ނުޖެހިއިންނަމަ އެއީ ގަސްދުގައެއް ނޫން،" ނަހުލާ ބުންޏެވެ.

ކުރިއަށް އޮތްތާ ނަހުލާގެ ފިލްމަކުން ސީޒަން ފެނިދާނެތޯ ސުވާލުކުރުމުން ސީޒަން ބުނީ، މާދަމާ ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށެވެ. ނަހުލާއަކީ ހެދުނު ގޯސް ރަނގަޅުކުރުމުގެ ގާބިލުކަން ހުރި މީހެއްނަމަ ދެވަނަ ފަހަރަށް ވެސް އެކުގައި މަސައްކަތްކުރުމަށް ސީޒަންގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

މިކަން ހިނގާދިޔަ ގޮތް ބެލުމަށާއި އެވޯޑް ހަފުލާގައި ބައިވެރިވުމަށް މިހާރު ލަންކާގައި ދިރިއުޅޭ ސީޒަން ރާއްޖެ އައިއިރު އޭނާ މާދަމާ ލަންކާއަށް އެނބުރި ދާނެ އެވެ.