ރިޕޯޓް

އެސްޓީއޯ އާ އިމާރާތަށް ފްރެންޗައިޒަކާއި އާ ބްރޭންޑުތައް!

Dec 29, 2016

އުމަރު ޝޮޕިން އާކެޑް ހުރި ބިމުގައި އެސްޓީއޯ އިން ތަރައްގީ ކުރި އިމާރާތް މިވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. ރަސްމީކޮށް ހުޅުވުން އޮތީ އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގަ އެވެ. އޮފީސް ކޮމްޕްލެކްސްއެއްގެ ގޮތުގައި ތަރައްގީކުރި ނަލަ މި އިމާރާތަށް މިހާރު އޮފީސްތައް ބަދަލުވާން ފަށައިފި އެވެ. ނަމަވެސް މިތަނުގައި އޮފީސްތަކަށްވުރެ ހާއްސަ ތަނެއް ހުޅުވާނެ އެވެ. އެއީ އިމާރާތުގެ އެންމެ މަތީގައި ހަދާ އިންޓަނޭޝަނަލް ފްރެންޗައިޒް ރެސްޓޯރެންޓެވެ. ގިނަ އަދަދެއްގެ ފްރެންޗައިޒްތައް އަންނަ އަހަރު ހުޅުވާއިރު، އެސްޓީއޯ އިން ވެސް މިވަނީ އެ ފަދަ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.

ކުރީގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އެސްޓީއޯ އިލެކްޓްރޯނިކްސް ހިންގަމުން ދިޔަ އިމާރާތް، އުމަރު ޝޮޕިން އާކޭޑް، ތަޅާލީ 2010 ވަނަ އަހަރެވެ. ތަޅާލުމަށް ފަހު 10 ބުރި އަށް ތަރައްގީ ކުރީ އަމީން ކޮންސްޓްރަކްޝަންނެވެ. އިމާރާތް ހަދާފައިވަނީ އެލައިޑާއި އެސްޓީއޯއިން އިންވެސްޓްކޮށްގެންނެވެ. އާ އިމާރާތުގެ އެންމެ ތިރީ ދެ ބުރި ހާއްސަ ވާނީ އެސްޓީއޯ ޝޮޕިން ކޮމްޕްލެކްސް އަށެވެ. އަދި އެންމެ މަތި ފިޔަވައި ބާކީ ހުރި ބުރިތަކުގައި ހުންނާނީ އޮފީސް ތަކެވެ. މި ގޮތުން އެލައިޑުގެ އޮފީސްތައް ވެސް ހުންނާނެ އެވެ. އަދި އެންމެ މަތީގައި ހުޅުވާނީ ބޮޑު ރެސްޓޯރެންޓެކެވެ.

މި އިމާރާތަކީ އެންމެ މި ޒަމާނުގެ ފަރުމާ އަށް ހަދާފައިވާ ހިތް ގައިމު ތަނެކެވެ. އިމާރާތުގެ އެންމެ ތިރީ ޕާކިންއަށް ޖާގަ އޮވެ އެވެ. ނަމަވެސް މި ތަން ހާއްސަވާނީ މި އިމާރާތުގައި ހުޅުވާ އޮފީސް ތަކުގެ މުވައްޒަފުން ނަށެވެ. މާލޭގެ ވިޔަފާރީގެ ހިތް ކަމަށްވާ ޗާންދަނީ މަގު ހަނދާނީ ހަދިޔާ ވިއްކާ ފިހާރަތަކުގެ މެދުގައި ހުރި މި އިމާރާތުގެ އެންމެ މަތީގައި އިންޓަނޭޝަނަލް ފްރެންޗައިޒް ރެސްޓޯރެންޓް ހަދާ ރޫފް ޓޮޕްގެ ބޮޑު މިނަކީ ގާތްގަނޑަށް 3،000 އަކަ ފޫޓެވެ. މި ތަން ފަރުމާ ކުރަނީ ގިނަ ބަޔަކަށް އެއް ފަހަރާ ތިބެވޭނެ ހިތް ފަސޭހަ މާހައުލަކާއެކުގަ އެވެ.

އާ އިމާރާތުގައި އާ ބްރޭންޑް ތަކެއް

އެސްޓީއޯ އާ އިމާރާތުގައި ހަދާ ޝޮޕިން ކޮމްޕްލެކްސް ހާއްސަ ކުރަނީ އެސްޓީއޯ އިލެކްޓްރޯނިކްސް އަށެވެ. މި ތަނުގައި މިހާރު އެސްޓީއޯ އިލެކްޓްރޯނިކްސްގައި ވިއްކާ ބްރޭންޑުތަކުގެ ފަހުގެ އުފެއްދުންތައް ހުންނާނެ އެވެ. އެއް ގޮތަކުން މިއީ އެސްޓީއޯ ހޯމް އިމްޕްރޫމަންޓުގެ ބައެކޭ ވެސް ބުނެވިދާނެ އެވެ. އަދި މިއާއެކު ދެން އެންމެ ހާއްސަ ވާނީ މުޅިން އާ ބްރޭންޑުތަކެއް ފެނިގެން ދިއުމެވެ. މި ތަނުގައި މުޅިންއާ ބްރޭންޑު ތަކުގެ ސާމާނު ހުންނާނެ އެވެ.

މި އިމާރާތް ހުޅުވާއިރު، ހާއްސަ ވާނެ އަނެއް ކަމަކީ، އިމާރާތުގެ ބޭރުގައި ހަރުކުރާ ބިޔަ ލެޑް ސްކްރީނެވެ. ގާތްގަނޑަކަށް 25 ފޫޓުގެ ބޮޑު އެލްއީޑީ ސްކްރީންއަކީ ރާއްޖޭ އިމާރާތެއްގައި ހަރު ކުރާ އެންމެ ބޮޑު ސްކްރީން އަށް ވުން ގާތެވެ. އިމާރާތުގެ ބައްޓަމަށް ހަރުކުރާ އެލްއީޑީ ސްކްރީނުން އިޝްތިހާރުތައް ދެއްކޭނެ އެވެ.

ކޮންމެއަކަސް، އެސްޓީއޯގެ އާ އިމާރާތް ވަރަށް ހިތް ގައިމެވެ. މިތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ މިތަނުގައި ހަދާ ތަންތަނެވެ. ހަމަޔަގީނުން ވެސް އެއް ތަނަށް ފްރެންޗައިޒް ރެސްޓޯރެންޓް ވާނެ އެވެ.