ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު މާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތްތައް ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްއަށް ދެއްވި އިންޓަވިއުއެއްގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުއްތަލިބު ވިދާޅުވީ މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރަން ޖެހިފައިވާ ކަމަށާއި އެކަމަށްޓަކައި އެކަށީގެންވާ ފެންވަރުގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލަން ޖެހޭ ކަމަށެވެ.
އެގޮތުން ބްރިޖު މަތިން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމް ކުރުމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ބްރިޖުގެ މަސައްކަތް ނިމިގެން ދާއިރު މާލެއަށް ޕަބްލިކް ޓްރާންސްޕޯޓު ގެނައުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
"ހުޅުމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު ނިޒާމް ބޭނުން ކުރަމުން ދާއިރު މާލޭގައިވެސް އެ ނިޒާމް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ޕްލޭންތައް ކުރަން ޖެހޭ. އެއާއެކު މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. މާލޭގައި މިހާރު ކާރާއި ސައިކަލުތައް ދުއްވާ ފަރާތްތަކުން އެތަކެތި ދޫކޮށް ޕަބްލިކް ޓްރާންސްޕޯޓަށް ބަދަލުވާނެ ފަދަ ރަނގަޅު ނިޒާމެއް ގެނައުމަށް މަސައްކަތް މި ކުރަނީ. އޭރުން މަގުތައް ބޭނުން ކުރާ ފަރާތްތަކަށްވެސް ތޮއްޖެހުމަށް މައްސަލަ ހައްލުވާނެ،" މުއްތަލިބު ވިދާޅުވި އެވެ.
މާލޭގައި މީގެ ކުރިންވެސް ވަނީ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފަށާފަ އެވެ. ނަމަވެސް އެ މަސައްކަތް ކުރިޔަށް ނުގެންދެވިގެން ހުއްޓުނީ އެވެ.
މުއްތަލިބު ވިދާޅުވީ ބްރިޖު މަސައްކަތާއެކު ޓްރެފިކް ސާވޭއަކާއި ޓޮލް ނިޒާމެއް ޑިޒައިން ކުރަން ބޭރުބަޔަކާ ހަވާލުކޮށްގެން މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މާލޭގައި ގާއިމް ކުރާ ޕަބްލިކް ޓްރާންސްޕޯޓުގެ ނިޒާމް ދެމެހެއްޓެނިވި ގޮތަކަށް ކުރިޔަށް ގެންދެވޭނެ ގޮތްތައް ހޯދާނެ ކަމަށެވެ. އެގޮތުން ހުޅުލެއާ ހުޅުމާލެ އަދި މާލެގެ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމް ރަނގަޅު ލޮކޭޝަންތަކަކުން ގުޅުވާލެވި، ރައްޔިތުންނަށް ފަސޭހަތަކެއް ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި މިއީ ހަމައެކަނި އިގްތިސޯދީ ގޮތުން ތަރައްގީ ގެނައުމަށް ކުރެވިގެން ދާ ކަމެއް ނޫން. އޭގެ އިތުރުން އިޖްތިމާއީ ތަރައްގިއާ އެއްކޮށް މުޅި ރާއްޖޭގެ ތަރައްގީ އެއްފަސް ކުރެވިގެން ވަކި ދިމާލަކަށް ގެންދިޔުމަށްޓަކައި މިޝަންއެއް އޮވެގެން ކުރަމުން އަންނަ ކަންތަކުގެ އެއްބައި މިއީ،" މުއްތަލިބު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީއިން މިހާރު ވަނީ އެޗްޑީސީއާ ހަވާލުކޮށްގެން ހުޅުލެއާ ހުޅުމާލެ ގުޅުވާދޭ ތިން ކިލޯ މީޓަރުގެ ހައިވޭއެއް، ބްރިޖުގެ ފުޅާމިނަށް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ވެސް 2018 ވަނަ އަހަރު ނިންމާލެވޭނެ ކަމަށް އެ މިނިސްޓްރީއިން މައުލޫމާތު ދެއެވެ.