އިންޑަސްޓްރިއަލް ވިލެޖް

ސިނާއީ އަވަށުގެ މަގުތަކާއި ފެނާ ކަރަންޓުގެ މަސައްކަތް އޭޕްރީގައި ނިމޭނެ

މާލޭ ހުޅަނގު ދެކުނު ފަރާތުގައި ތަރައްގީ ކުރަމުން އަންނަ ސިނާއީ އަވަށުގެ މަގު ހެދުމާއި ފެނާއި ކަރަންޓު ލުމުގެ އިތުރުން ގިނަ މަސައްކަތްތަކެއް އަންނަ އޭޕްރީލް މަހަށް ނިންމަން އަމާޒު ހިފާފައިވާ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުއްތަލިބު ރޭ ވިދާޅުވީ މާލެ ތެރޭގައި ކުރިޔަށްދާ މަޝްރޫއުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދަނީ އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިހާރުވެސް ވޭސްޓް ޔާޑުގެ މަސައްކަތް ނިމި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ސިނާއި އަވަށުގެ މަގު ހެދުމުގެ މަސައްކަތްތަކާއި އެ ތަނަށް ބޭނުންވާނެ ފެނާއި ކަރަންޓާއި ނަރުދަމާގެ މަސައްކަތް އަންނަ އޭޕްރީލް މަހަށް ނިންމާނެ ކަމަށެވެ.

"ސިނާއީ އަވަށުގެ ސަބަބުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ އަދި މާލޭގެ ތޮއްޖެހުމަށް ވެސް ހައްލުތަކެއް އަންނާނެ. އެގޮތުން ބަލާނަމަ ވަރަށް ކާމިޔާބު ޕްރޮޖެކްޓެއް އެއީ އަޅުގަނޑުމެން އުންމީދު ކުރަނީ 2018 ގެ ތެރޭގައި އެތަނުގެ އިމާރާތްތަކުގެ މަސައްކަތް ނިންމާ މާލެ ތެރޭ ހުރި ގުދަންތަކާ ވޯކްޝޮޕްތައް އެ ސަރަހައްދަށް ބަދަލު ކުރަން،" މުއްތަލިބު ވިދާޅުވި އެވެ.

ސިނާއީ އަވަށާ ގުޅިގެން ދެކުނު ފަރާތުގެ ހަދަމުން އަންނަ ނެރުގެ މަސައްކަތްތަކާ ގުޅޭގޮތުން މުއްތަލިބު ވިދާޅުވީ އެ މަސައްކަތައް ބޭނުންވާ 7000 ޓަނުގެ ހިލަ ގެނެސްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ވެސް ސިނާއީ އަވަށުގެ މަގު ހެދުމުގެ މަސައްކަތާއެއްކޮށް ނިންމަން އަމާޒު ހިފާފައިވާ ކަމަށާއި އޭގެ ސަބަބުން ނެރު ބޭނުން ކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ވެސް ވެގެން ދާނެ ކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ މާލޭގެ ހުޅަނގު ދެކުނު ފަރާތުން 7 ހެކްޓަރުގެ ބިމެއް ހިއްކައިގެން ސަރުކާރުން ކުރިޔަށްގެންދާ ބޮޑު މަސައްކަތެކެވެ.