ރިޕޯޓް

ވެމްކޯގެ ކުނި އުކައިދިނުމަށް ގޭގެއިން ތައުރީފު!

މާލޭގެ ގޭގެއިން ކުނި ކޮތަޅު އެއްލައިލަން މިހާރު ބިދޭސީން ތިބި ނަމަވެސް ކުރިން އެކަން އޮތީ އެހެނެއް ނޫނެވެ. ފުދިގެން އުޅޭ ތަނަވަސް އާއިލާތަކުގައި އެކަން އޮތް ނަމަވެސް އާދައިގެ ގޭގައި އެކަން ކުރީ ގޭގެ މީހުންނެވެ.

ކަންކަން ބަދަލުވެ ގިނަ މަސައްކަތްތަކާއި ބިދޭސީން ހަވާލުވަމުން ގޮސް ހުރިހާގެއެއްގެ ކުނި ކޮތަޅާ ހަވާލުވީ އެވެ. އޭގެ ސަބަބުން އިތުރު މައްސަލަތައް ނުކުންނަން ފެށި އެވެ. ވަރަށް ކުޑަ އަގަކަށް ގޭގެ ކުނި އުކާލައިދޭން ދާ ބިދޭސީ މީހާ މަޑުމަޑުން އަގު މަތިކުރަމުން ގޮސް އެކަށީގެންނުވާ ވަރަށް އަގު އުފުލީ އެވެ. ރައްކާތެރި ނޫން ގޮތުގައި ކުނި އުފުލުމުގެ ސަބަބުން ބައެއް ފަހަރު މަގުމައްޗަށް ކުނި އެޅި ސާފުތާއހިރުކަން ވެސް ގެއްލެނީ އެވެ. އެހެން އިޖުތިމާއީ މައްސަލަތައް ވެސް އުފެދެން ފެށީ އެވެ. އެކަމަކު ގިނަ ބަޔަކަށް އެކަން މައްސަލައަކަށް ވިޔަސް ހައްލެއް ނެތެވެ. ކުނި ކޮތަޅު އެއްލައިލަން ދިއުން ހުތުރު ކަމަކަށްވާތީ އެވެ.

އެކަމަށް ހައްލެއް ހޯދާ އަލުން ބޭނުންކުރެވޭ ޒާތުގެ ކުނި އަލުން ބޭނުންކުރަން އެހީތެރިވެދދިނުމަށް މާލޭގެ ކުނި މެނޭޖް ކުރުމާއި ހަވާލުވި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެންމެ ފަހުން މާލޭގެ ގެތަކަށްވަދެ ކުނި އުކައިދޭން މިހާރުވަނީ ފަށާފަ އެވެ. ސުވާލަކީ އާންމުންނަށް އެ ހިދުމަތް ކަމުދެ ހެއްޔެވެ؟

"މިހާރު ވަރަށް ފަސޭހަ ކުނި އުކާލަން. ކޮންމެ ދުވަހަކު ގެއަށް އައިސް ކުނި އުކާލައިދޭ. މިހާތަނަށް ޖެހުނީ ބިދޭސިއަކަށް ފައިސާ ދީގެން ކުނި އުކާލަން. މިހާރު ހަރަދުވެސް ކުޑަ ވެމްކޯ އިން ކުނި އުކާލައިދޭން ފެށީމަ،" ވެމްކޯގެ ކުނި އުކުމުގެ ހިދުމަތް ލިބިގަންނަ ގެއެއްގެ އަންހެނަކު ބުންޏެވެ.

ވެމްކޯ އިން ކުނި އުކާލައިދެނީ އެކަމަށް ހާއްސަ ވެހިކަލްތަކެއްގައި އެކަމަށް ހާއްސަ އަގުތަކެއްގަ އެވެ. އެ އަގުތަކަކީ އާދައިގެ ރައްޔިތު މީހަކަށްވެސް އެފޯޑް ކުރެވޭނެ އަގުތަކެކެވެ. ކުނި އުކާލައިދެނީ ކުނި ބަލާ އެ ކުންފުނީގެ ޓީމްތަކުން އެޕާޓްމަންޓްތަކަށް އަރަންޖެހޭނަމަ މަހަކަށް 150 ރ. އަށެވެ. ކުނި ކޮތަޅު އިމާރާތުގެ ތިރީގައި ޑަސްބިންކޮށްފައި ބަހައްޓާ ނަމަ މަހަކު 100 ރ. އަށެވެ. ފީ ދައްކަން ޖެހޭނީ ކޮންމެ މަހެއް ނިމުމުން ވެމްކޯ އަށެވެ.

"ވެމްކޯ އިން ކުނި އުކާލައިދޭ އަގުވެސް ވަރަށް ރަނގަޅު. ގެއަށް ވަދެ ކުނި އުކާލާ އިރުވެސް 150 ރުފިޔާ. ކުނި އުކާލައިދޭ ގަޑިވެސް ވަރަށް ރަނގަޅު. ކުރިން އަހަރުމެން ކުނި އުކާލީ މަހަކު 250 ރުފިޔާއަށް ބަންގާޅީއެއް ލައްވާ،" އެހެން ގެއެއްގެ މީހަކު ބުންޏެވެ.

ވެމްކޯއިން ގޭގޭގެ ކުނި އުކާލައިދެނީ އިރުއޮއްސި ހަޔަކުން ރޭގަނޑު 10:00 އާއި ދެމެދު އެވެ. މާލެ 10 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގައި މިވަގުތަށް މަސައްކަތް ހިނގަނީ ޒޯން އެކެއްގަ އެވެ. އެއީ ކަލާފާން ސްކޫލް ކޮށި ހިމެނޭ ސަރަހައްދެވެ.

ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި މުޅި މާލޭގެ ހުރިހާ ޒޯނަކަށް އެހިދުމަތް ދޭނެ އެވެ. އެކަމަށް ބޭނުންވާ ވެހިކަލްތައް ގަތުމުގެ މަސައްކަތްެސް ދަނީ ކުރަމުންނެވެ. ކުނި އުކާލައިދެނީ ވެސް އެކަމަށް އެދި އެ ކޯޕަރޭޝަންގައި ރަޖިސްޓްރީ ކުރާ ގޭގެއިންނެވެ.

"ކުނި އުކާލައިދިނުމުގެ ހިދުމަތް ދޭން އަގުތައް އަޅުގަނޑުމެން ކަނޑައެޅީ ވަރަށް ގިނަ ކަންތައްތަކަކަށް ބެލުމަށްފަހު. މާލޭގައި އާންމުކޮށް ކުނި އުކާލައިދޭ އަގާއި އިތުރު ކަންތައްތަކަށް ވެސް އަޅުގަނޑުމެން ބެލިން. އަޅުގަނޑުމެންނަށް އަދި މިހާރު އެކަމަށް ބޭނުންވާ ހުރިހާ ވެހިކަލްއެއް ވެސް ނުލިބޭ. ވެހިކަލް ގަތުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް. ނަމަވެސް ކުރިއަށް މިއޮތް ހަމަސް ދުވަހުގެ ތެރޭގައި މުޅި މާލެއަށް މި ހިދުމަތް ދޭން ފަށާނަން." ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފުއާދު ވިދާޅުވި އެވެ.

ވެމްކޯގެ ހިދުމަތް ހޯދާ ގެއަކުން ބުނި ގޮތުގައި ވެމްކޯގެ ހިދުމަތް އަވަހަށް ފުޅާ ކުރަންޖެހެ އެވެ. ރަނގަޅު ކުރަންޖެހޭ ކަންކަން ވެސް އެބަހުއްޓެވެ.

"ކުނި އުކައިދޭ ގަޑި އަދި ލަސް ކުރުން ރަނގަޅު ކަންނޭނގެ. ރޭގަނޑު 10:00 އެއްގެ ފަހުން ކުނި އުކާލައިދޭނަމަ މާ ރަނގަޅުވާނެހެން ހީވަނީ. އެއީ އޭރަށް ހުންނާނީ އާންމުކޮށް ކޮންމެ ގެއެއްގައިވެސް ހާއްސަކޮަށް ޑަސްބިން ކުނި އެދުވަހަކަށް ނިމިފަ. އެކުނި އަނެއް ދުވަހުގެ އިރު އޮއްސެންދެން ބަހައްޓަން ޖެހުނީމަ ބައެއް ފަހަރު ގޭގައި ނުބައިވަސް ދުވުން ކަހަލަ ކަންތައްތަކާއި ކުރިމަތިވޭ،"

ވެމްކޯއިން ބުނާ ގޮތުގައި ކުނި އުކައި ދިނުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ އާންމުންގެ ހިޔާލާއި މަޝްވަރާވެސް ހޯދައިގެނެވެ. ރަނގަޅު ކުރެވެން ހުރި ކަންތައްތައް ހުރި ނަމަ އެކަންކަން ރަނގަޅުކޮށްގެނެވެ.

"އަޅުގަނޑުމެން މި ޕްރޮޖެކްޓް ކުރިއަށް މިގެންދަނީ ޕައިލެޓް ޕްރޮޖެކްޓް އެއް ގޮތުގައި. އެއީ އަދި މިކަމަށް ބޭނުންވާ ވެހިކަލްތަކާއި އެއްޗެހި ހަމަވެސް ނުވާތީ. މި މަސައްކަތްށް ބޭނުންވާ ޓްރައިސައިކަލް ހޯދަން މިހާރު ވާނީ ހަވާލުކޮށްފައި. އަދި މިހާރު މި ކަމަށް ބޭނުންވާ ޑަމްޕް ޓްރަކް ވާނީ ހޯދާފައި. ޕްރޮޖެކްޓްގެ ތެރޭގައި މައްސަލަ އެއް ދިމާވެއްޖެނަމަ އެކަން ހައްލު ކުރާނަން. ކުނި އުކާލައިދިނުމުގެ ހިދުމަތް ހަމަ ވަރަށް ކާމިޔާބު،" ފުއާދު ވިދާޅުވި އެވެ.

ވެމްކޯއިން ފެށި ކުނި އުކައިދޭ މި ހިދުމަތަށް ހިދުމަތް ލިބިގަންނަ ފަރާތްތަކުން މިވަނީ 100 މާކްސް ދީފަ އެވެ. އެހެންކަމަށްވާނަމަ މި ޕްރޮޖެކްޓް ދާއިމީ ގޮތެއްގައި ވެމްކޯއިން ކުރިއަށް ގެންދާނެ އެެވެ. ވެމްކޯ އިން ކުނި އުކާލައިދޭން ފެށި ނަމަވެސް ބިދޭސީންނަށް ކުނި އުކާލައިދިނުމުގެ ފުރުސަތެއް ނުގެއްލެ އެވެ. އެމީހުން ލައްވާ ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ އެވެ.