ކީރިތި ގުރުއާން

މުސްހަފް މާލްދީފު ބަހަން ފަށައިފި

ކޮންމެ ދިވެއްސަކަށް މުސްހަފެއް ދޭން އިސްލާމިކް މިނިސްޓްރީން ހިންގާ ޕްރޮގްރާމް "މުސްހަފް މާލްދީފް" ގެ ދަށުން މުސްހަފް ބަހަން މިއަދު ފަށައިފި އެވެ.

މުސްހަފު ބަހަން ފަށާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ދީނީ ޓީވީ ޗެނަލް "މުންނާރު" އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. މިކަން ފެށުމުގެ ގޮތުން މިއަދު ރައީސް އަބްދުﷲ ޔާމީން ވަނީ ގުރުއާން ހިތުދަސް ކުރަމުންދާ ފަސް ކުއްޖަކަށް މުސްހަފް މާލްދީފް ހަވާލު ކޮށްދެއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، ޤުރުއާން އިލްމް ފުޅާކުރަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ދައުލަތުން ފުރަތަމަ ފަހަރަށް ޗާޕްކޮށްގެން ރައްޔިތުންނަށް މުސްހަފު ބަހަން ނިންމީ އެގޮތުގެ މަތިން ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ސައުދީ އަރަބިއްޔާއިން 1000 އަށްވުރެ ގިނަ ހަތިމު ލިބިފައިވާ ކަމަށާއި ތުރުކީގެ ސަރުކާރުން ވެސް 2000 ހަތިމު ރާއްޖެއަށް ހަތިޔާކޮށްފައިވާއިރު އެމިރޭޓްސް ސަރުކާރުން ވެސް 60،000 ވުރެ ގިނަ ހަތިމް ލިބޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މުސްހަފް މާލްދީބުގެ ދަށުން ފުރަތަމަ ބުރު ޗާޕްކޮށްގެން ރާއްޖެ ގެނެސްފައިވާ އެއް ލައްކަ މުސްހަފްތައް ބަހަން ހަމަޖެހިފައިވަނީ އުމުރުން 15 އަހަރާއި 40 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށް މުސްހަފެއްގެ މަގުންނެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ނިންމާފައިވަނީ ފުރަތަމަ ބުރު ޗާޕުކޮށްގެން ގެނަ މުސްހަފްތައް ކޮންމެ ގެއަކަށް މުސްހަފެއްގެ ގޮތުގައި ބަހާށެވެ.

އިސްލާމިކް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުންނެވި ދުވަސްވަރު މީގެ ދެ އަހަރު ކުރިން ފެށި މި ޕްރޮގްރާމްގެ ދަށުން ޗާޕް ކުރާ މުސްހަފުތަކުގެ ބޭރުގަނޑާއި، އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތަކުގައި، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް ވަނީ ހިމަނައިފަ އެވެ. އެ ފަރުމާކޮށްފައިވަނީ އަބްދުﷲ ޝަފީއު އެވެ.

މި މުސްހަފްތައް ޗާޕްކޮށްފައިވަނީ ދުބާއީންނެވެ. މި މުސްހަފްގެ ކޮޕީއެއް މިހާރުވަނީ ރައީސް އަބްދުﷲ ޔާމީނަށް އަރުވާފަ އެވެ.