ހަބަރު

އައްޑޫ ހޮސްޕިޓަލް މަސައްކަތް ޖެނުއަރީގައި ފަށަނީ

އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ސަރުކާރުން އަޅަން އިއުލާންކޮށް އެލިއާ ކޮންސްޓްރަކްޝަނާ މަސައްކަތް ހަވާލުކޮށްފައިވާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ޖެނުއަރީ މަހު މަސައްކަތް ފަށާއިރު 18 މަސްދުވަހުން އެ މަސައްކަތް ނިންމަން ޝަރުތުކޮށް އެލިއާ އާ 161.8 މިލިއަން ރުފިޔާއަށް މަސައްކަތް ހަވާލުކުރީ މިދިއަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ސަރުކާރުން އެކަމަށް ފައިސާ ހޯދާފައި ވަނީ ސައުދީ ފަންޑާއި އޯޕެކް ފަންޑުންގެ އެހީގައެވެ.

މި އަހަރު ހައުސިން މިނިސްޓްރީއިން ކުރަން ނިންމި މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ އީސީސީގައި ޓާޝިއަރީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުށް އަމާޒު ހިފާފައިވާ ކަމަށާއި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްރޮޖެކްޓް މެނޭޖްމަންޓުން ފަރާތުން ޓާޝިއަރީ ހޮސްޕިޓަލްގެ ކަންކަން ވަރަށް ރަނގަޅަށް ބަލަމުންދޭ. 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ކުރިން އައްޑޫގެ ރައްޔިތުން އެތަން ޓާޝިއަރީ ހޮސްޕިޓަލެއް ގޮތުގައި ބޭނުން ކުރަން ފެށޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު ސަރުކާރުގައި ސާކް ސަމިޓު ބާއްވަން އެޅި އީސީސީގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް މި ސަރުކާރުން ފެށި މި މަޝްރޫއުގެ ތެރޭގައި އެތަނުގައި ހާމައަށް ހުންނަ ދެވަނަ ބުރި ބަދަލުކޮށް، މުޅި ކޮންވެންޝަން ހޯލް ދެ ބުރީގެ އިމާރާތަކަށް ހެދުން ހިމެނެ އެވެ. އޭގެ އިތުރުން މިހާރު ހުރި ހުރިހާ ކޮޓަރިއެއް ހޮސްޕިޓަލެއްގައި ހުންނާނެ ފަދަ ކޮޓަރިތަކަށް ބަދަލުކޮށް، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނެއްގައި ހުންނާނެ އިންޓީރިއަކަށް ބަދަލު ކުރާނެ އެެވެ.