އިލެކްޝަންސް ކޮމިޝަން

އިންތިހާބު ފަސްކުރި ހުކުމު ސާފުކުރަން އީސީ ހައިކޯޓަށް

އަންނަ މަހު ބާއްވަން މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ބައެއް ކަންކަމަށް ހުކުމެއް ހޯދަން އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ހައިކޯޓަށް މައްސަލައެއް ވައްދައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މީގެ ކުރިން ހުށަހަޅާފަ އެވެ. އެހެނަސް އެ މައްސަލަ މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ހައިކޯޓަށް މިއަދު ވެއްދި މައްސަލައަކީ ސިވިލް ކޯޓުގެ ހުކުމުގައިވާ ގާނޫނީ ގޮތުން ސާފުކުރަން ޖެހޭ ކަންކަން ސާފުކުރުމަށް އިލެކްޝަނުން ކޯޓަށް ވެއްދި މައްސަލައެކެވެ.

ސަރުކާރު ހިންގާ، ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަތަކާ ގުޅިގެން ކައުންސިލް އިންތިހާބަށް ތައްޔާރުނުވެވުމުން އެ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ހުކުމްކުރީ އިންތިހާބު ދެ މަހަށް ފަސްކުރުމަށެވެ. އެއީ ހުކުމުގައިވާ ގޮތުން ޕީޕީއެމްއަށް ދިމާވެފައިވަނީ ޟަރޫރީ ހާލަތަކަށްވެފައި، އެކަމުގެ ސަބަބުން ޕީޕީއެމްއަށް ބޮޑެތި ގެއްލުންތަކެއްވާނެތީ އެވެ.

އިލެކްޝަނުން ވަނީ ކައުންސިލް އިންތިހާބު ފަސްކޮށްފިނަމަ މާލީ ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބުނެފަ އެވެ. ކައުންސިލް އިންތިހާބު ފަސްކުރަން ހުކުމް ކޮށްފައިވީ ނަމަވެސް އެ ކޮމިޝަނުން ދަނީ ޝެޑިއުލާ އެއްގޮތަށް އިންތިހާބަށް ތައްޔާރުވަމުންނެވެ. އެހެނަމަވެސް ކައުންސިލް ބާއްވާނެ ތާރީހު އަދި އިއުލާންކޮށްފައެއް ނުވެ އެވެ.