ފިނިޕޭޖް

ލާރާގެ ހިޔާލީ ދުނިޔޭގެ އިހުސާސްތައް އަވަސްއަށް!

Dec 30, 2016
3

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ލާރާ އަވަސްގެ ޓީމާ ގުޅެން ނިންމާފައިވާ ޚަބަރަކީ އާ އަހަރަށް ކިޔުންތެރިންނަށް ދޭން އަވަސް އިން ރާވާފައިވާ ސަޕްރައިޒްތަކުގެ ތެރޭގައި ހިމެނޭ ބޮޅެކެވެ.

ވީނިއުސް އަށް 2012 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔަމުން އައި އަދި އޭގެ ކުރިން ސަން އޮންލައިންގައި ވާހަކަ ލިޔަމުން އައި ލާރާ ވަނީ އޭނާގެ އެންމެ ފަހު ވާހަކަ "ހީވޭ ކަލާ ވާހެން" 29 ވަނަ ދުވަހު ވީނިއުސްގައި ނިންމާލައިފަ އެވެ. އެއަށް ފަހު ކިޔުންތެރިންނާ ހަމަ އަށް ގެނެސްދިނުމަށް އޭނާ މި ވަނީ އަވަސްއާ އެކު އާ ވާހަކައެއް ފަށައިފަ އެވެ.

ނަމަވެސް އެންމެ ފުރަތަމަ އެ ވާހަކައެއް ނޫނެވެ. ތިރީގައި މި އޮތީ ލާރާގެ މި ބަދަލާ ގުޅިގެން އޭނާގެ ފޭނުންނާއި ކިޔުންތެރިންގެ ހިތުގައި އުފެދޭނެ ނުވަތަ އުފެދިދާނެ ބައެއް ސުވާލުތަކަށް ޖަވާބު ދީފައިވާ ކުރު އިންޓަވިއުއެކެވެ. ޔަގީނަށް ވެސް ލާރާއަކީ މި އަހަރުގެ ރާއްޖޭގެ ލިޔުންތެރިންގެ "ޓްރާންސްފާ މާކެޓުގައި" ރިކޯޑް މުގުރައިލާނެ ސޮއެކެވެ.

ގިނަ ދުވަސްތަކެއް ވަންދެން ލިޔުނު ވެބްސައިޓް އެންމެފަހުން ދޫކޮށްލަން ނިންމުން މިއީ ކޮން ކަހަލަ ބަދަލެއް؟ އަނެއްކާ ކިހިނެތްވީބާ؟

"މިހާރު މި ހުރި ވަރަށް ވުރެން ވެސް ލާރާ މިހާރަށް ވުރެ ގިނަ ބަޔަކަށް އެނގޭނެހެން ހީވާތީ ގެނައި ބަދަލެއް މިއީ. ވަރަށް އަޕްޑޭޓެޑް ނޫހެއް އަވަސް އަކީ ވަރަށް ފަހުން ފެށި ނަމަވެސް. ވަރަށް ބޮޑު ޕަބްލިސިޓީއެއް ހޯދާފައިވާ ބޮޑު ނޫހެއް. އެހެންވީމަ ހިޔާލު ބަދަލުވީ، އަވަސް ވީމަ. އަނެއްކޮޅުން، ލާރާ ލާރާ އަށް ހަދައިދިން މީހާ [އަވަސް ގެ އެޑިޓަރު މުންޑޫ އާދަމް ހަލީމް] ފަރާތުން ލިބުނު ހުށަހެޅުމެއްވީމަ އަވަސްގެ ހުށަހެޅުން ނެގީ،"

"އެއްގޮތަށް ވެސް ވީމީޑިއާއާ މައްސަލައެއް ޖެހުނީކީއެއް ނޫން. އެމީހުން ވެސް ވަރަށް ރަނގަޅު ވީމަ މިހާ ގިނަ ދުވަހު ހުރެވުނީ ވެސް. އެކަމަކު ރަނގަޅު އޮފާއެއް ލިބުނީމަ ބަދަލުވެލީ."

އަވަސްއާ ގުޅުނުއިރު ރާއްޖޭގައި އެބަ ހިންގާ މަޝްހޫރު އެހެން އޮންލައިން ނޫސްތައް ވެސް. މި ހުރިހާ ނަންތަކުގެ ތެރެއިން ކީއްވެ އަވަސް އިހްތިޔާރުކުރީ؟

"އަވަސް އިން ލިބުނު އޮފާ މުހިންމީ. މިހާރު ހުރި ލެވެލް އަށް ވުރެ ރަނގަޅު. އަވަސް ނޫން އެހެން ނޫހަކުން އޮފާއެއް ލިބިފައެއް ނެތް. ރަނގަޅު އޮފާއެއް އެހެން ނޫހަކުން ނެތް ލިބިފައެއް. ދެ ތިން އޮފާއެއް ލިބުނު ކުރިން ވެސް. ދެން ވާގޮތަކީ ވީގައި ހުރެފައި އެއަށް ވުރެ ދަށް ވެބްސައިޓަށް ލިޔާކަށް ބޭނުމެއް ނޫން."

މި އަހަރު ވެސް މި ނިމުނީ. ލިޔަމުން ގެންދިޔަ ލާރާގެ ވާހަކަ ވެސް ނިމުމަކަށް އައީ. ކިޔުންތެރިންނަށް އޮތް "އަވަސް ސަޕްރައިޒް" އަކީ ކޮބާ؟

"އަޅުގަނޑުގެ އާ ވާހަކައެއް ޖެނުއަރީ އެކަކުން ފެށިގެން އަވަސްގައި ޝާއިއުކުރަން ފެށުން އެއީ އެންމެ ބޮޑު ސަޕްރައިޒަކީ މިވަގުތަށް."

އަނެއްކާ އަވަސްއާ ގުޅުނީގެ ލާރާގެ ސްޓައިލް ބަދަލުވެދާނެތަ؟ ނުވަތަ ކިޔުންތެރިންނާއި ފޭނުންނަށް އަދިވެސް ލިބޭނީ ކުރީގެ ލާރާ އާއި އެ ފެންވަރުގެ ވާހަކަތައްތަ؟

"ލާރާ ލިޔާ ސްޓައިލަކަށް ބަދަލެއް ނާންނާނެ، ވާހަކަ ޝާއިއުކުރާ ވެބްސައިޓް ބަދަލުވިޔަސް. ކުރިން ވެސް ކިޔުންތެރިން އުއްމީދުކުރި ފެންވަރުގެ ވާހަކަތަކެއް ގެނެސްދޭން މަސައްކަތްކުރާނަން. އިތުރަށް އިމްޕްރޫވްވިޔަސް ވާނީ ދެން."

ލާރާ ކުރިން ގެނެސްދިން ވާހަކައެއްގެ ދެ ވަނަ ބައެއް އަވަސް ގައި ގެނެސްދީފާނަންތަ؟

"މީކާއިލް ނަމަކަށް ކިޔާ ވާހަކައެއްގެ ދެ ވަނަ ބައެއް ލިޔަން އެބަ ގަސްދުކުރަން. ޕްލޮޓް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. ފަހަރެއްގައި އަވަސް އިން ކިޔާލަން ލިބިދާނެ މި ވާހަކަ. މީކާއިލްގެ ފުރަތަމަ ބައިގެ ފޮތް ވެސް ނެރެން މަސައްކަތްކުރަމުން މި ދަނީ."

ލާރާގެ ވާހަކަތައް، ވާހަކަ ފޮތްތަކެއްގެ ގޮތުގައި ކިޔާލަން ނުލިބެނީ ކީއްވެ؟

"ވާހަކަތައް މާ ދިގުވީމަ އެޑިޓަރުންނެއް ނުލިބޭ ކުށްފިލުވާކަށް. އެކަން ކޮށްދޭނެ މީހުން ނުވާތީ އަސްލު އެކަމަށް އެހާ ބޮޑަށް ނުހިފަނީ. އެންމެފަހުން ލިޔުނު ވާހަކަ ވެސް އެއީ 300 އަށް ވުރެ ގިނަ ސަފުހާ."

ލާރާގެ ވާހަކައަކަށް ފިލްމެއް އުފެއްދުމުގެ ޝައުގުވެރިކަމެއް ނުލިބޭތަ؟

''އަމިއްލަ ވާހަކައަކަށް މިހާތަނަށް ފިލްމު އޮފާއެއް ނާދޭ. އެކަމަކު ރޭޑިއޯ ޑްރާމާއެއް މިހާރު ވެސް ދިވެހި އެފްއެމް އިން ކުރިއަށް އެބަ ގެންދޭ."