އަވަސް ވީކެންޑް

ފަޒީލް: މަޝްހޫރު ބްރޭންޑްތަކާއެކު އެންމެ މަތީގައި

Dec 30, 2016
2

އެއާޕޯޓް ޓަވަރުން ވެސް އޭނާ ފެނުނެވެ. ފުރަތަމަ ވަޒީފާ އަދާކުރީ އެއާޕޯޓްސް ކޮމްޕެނީގަ އެވެ. އެ ކުންފުނީގައި 14 އަހަރު މަސައްކަތް ކުރެއްވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މަސައްކަތަށް ލޯ ހުޅުވައިދިން ތަނަކީ އެއާޕޯޓެވެ. އޭގެ ފަހުން ދިޔައީ ރާއްޖޭން ބޭރަށް ކިޔަވާށެވެ. އޭނާގެ ހާއްސަ ދާއިރާ އައިޓީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރާށެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާކޮށް އައިޓީ ސާމާނު ސަޕްލައި ކުރާ އެއް ކުންފުނި ކަމަށްވާ މެކްސްކޮމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލުގެ ފެށުމެވެ.

"ކިޔަވައިގެން އައިސް ވެސް އެއާޕޯޓުގައި މަސައްކަތް ކުރިން. އެމްއޭސީއެލްގައި އުޅެފައި ފަހުން އަނެއްކާ އަމިއްލައަށް ދިޔައީ މަސްޓާސް އަށް. މި ގޮސް ހުއްޓައި ދިމާވަނީ މެލޭޝިޔާ އާއި ސިންގަޕޫރުގެ އައިޓީ ސާމާނު ސަޕްލައި ކުރާ ކުންފުންޏެއްގެ ބަޔަކާ. އޭރު ވެސް އެނގޭ ރާއްޖޭގައި ޕޮޓެންޝަލް އޮތް ދާއިރާއެއްކަން މިއީ [އައިޓީ ދާއިރާ] އަކީ. ހާއްސަކޮށް އައިޓީ ދާއިރާގެ ސޮލިއުޝަން އަށް ރަނގަޅު ޕޮޓެންޝަލް އެއް ރާއްޖޭގައި އޮތް ކަން. އެހެންވެ ސަޕްލަޔަރުންނާ ގުޅިގެން މަދު މަދުން ތަކެތި ރާއްޖެ ގެންނަން ފެށީ،" ފަޒީލް ވިދާޅުވި އެވެ.

އައިޓީ ދާއިރާއަކީ ފަޒީލް އެންމެ ޝައުގުވެރިވާ އެއް ދާއިރާ އެވެ. އެހެންވެ އެކަން މާކަ އުނދަގޫ ކަމަށް އޭނާއަކަށް ނުވި އެވެ. ފަޒީލްގެ މަސައްކަތުން މެކްސްކޮމް އުފަންވީ 2004 ވަނަ އަހަރެވެ. ފުރަތަމަ ކުޑަ ތަންކޮޅެއް ހަދައިގެން ވިއްކަމުން ގެންދިޔައީ ވަރަށް މަދު އެއްޗެކެވެ.

"އޭރު ކޮމްޕިއުޓަރު ވިއްކާ ތަންތަން މަދު. ވިއްކާ މީހުން ވެސް ވިއްކަނީ ވަރަށް އަގު ބޮޑުކޮށް. ނަމަވެސް އަޅުގަނޑުމެން ވިއްކަމުން ގެންދިޔައީ ވަރަށް ކުޑަ އަގެއްގައި. އެ ހިސާބުން ވަރަށް ޕޮޕިއުލާވެގެން ދިޔައީ،" ފަޒީލް ވިދާޅުވި އެވެ.

ފަޒީލްގެ މި ވިޔަފާރި ފެށުމާއެކު، އޭނާ ދުރު ވިސްނުމެއް ގެންގުޅުނެވެ. މިގޮތުން ހަމައެކަނި ލެޕްޓޮޕާއި ކޮމްޕިއުޓަރު ވިއްކުމުގެ ބަދަލުގައި މެކްސްކޮމްގެ މިޝްރާބު ބެހެއްޓީ މާ މައްޗަށެވެ. ކަމެއް ކާމިޔާބު ވާނީ ބޮޑުކޮށް ހުވަފެން ދެކިގެންނޭ ބުނާ ގޮތަށް ފަޒީލްގެ ހުވަފެން ބޮޑެވެ. އޭނާ ފެށީ ޑެލް ފަދަ ބްރޭންޑުތަކުގެ ޓޯޓަލް ސޮލިއުޝަނެއް ދޭށެވެ. ފުލް ސޮލިއުޝަނެއް ދޭށެވެ. މިގޮތުން އެންޓަޕްރައިޒް ސޮލިއުޝަނެއް ދިނެވެ.

"އެ ދުވަސްވަރު ސަރުކާރުގެ ޕްރޮޖެކްޓްތަކާއި އަމިއްލަ ކުންފުނިތަކުގެ ޕްރޮޖެކްޓްތައް ވެސް ވިން ކުރަމުން ގެންދިޔައީ. މި ހިސާބުން ހޮސްޕިޓާލިޓީ އިންޑަސްޓްރީ އާއި ކުންފުނިތަކުގެ ސޮލިއުޝަން ޕާޓްނަރުކަން ލިބެން ފަށައިފި. އެ ފަރާތްތަކުގެ ސާވިސް ދޭން ފަށައިިފި. މި ހިސާބުން މައިކްރޯ ސޮފްޓާއި ޑެލްފަދަ ބްރޭންޑްތަކާއެކު ޕާޓްނަރުޝިޕް ހެދިއްޖެ،" ފަޒީލް ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވި ގޮތުގައި މެކްސްކޮމްގެ މަގުސަދަކީ ރީޓެއިލްކޮށް އައިޓީ ސާމާނު ވިއްކުމުގެ އިތުރުން ޓޯޓަލް ސޮލިއުޝަނެއް ދިނުމެވެ.

"ކޮސިއުމާ މާކެޓަށް ބޭނުންވާ ސާމާނު ވިއްކުމަކީ ވެސް ވަަރަށް ބޮޑު އިސްކަމެއް ދޭކަމެއް. މީގެ އިތުރުން ކޯޕަރޭޓިވް ތަކަށް ހިދުމަތް ދިނުން. ހާއްސަކޮށް ފުލް ސާވިސް ދިނުން. އެންމެ ބޮޑަށް އިސްކަން ދެނީ ކަސްޓަމަރުން،" ފަޒީލް ވިދާޅުވި އެވެ.

މެކްސްކޮމް އިން ވަނީ މި ވިޔަފާރީގައި ބޮޑެތި ކާމިޔާބީ ތަކެއް ހޯދާފަ އެވެ. މި ގޮތުން ސަރުކާރުގެ ހުރިހާ އޮފީސްތަކަށް ބޭނުންވާ މައިކްރޯސޮފްޓް ލައިސަންސް ސަޕްލައި ކުރުމުގެ ބިޔަ މަޝްރޫއެއް ވެސް ލިބިފައިވަނީ އެ ކުންފުންޏެވެ. މިމަޝްރޫއުގެ އަގަކީ ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރެވެ. މީގެ އިތުރުން ރިސޯޓުތަކާއި ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ވެސް އެ ކުންފުނިން މިހާރުވަނީ ކާމިޔާބު ކޮށްފައިވެ އެވެ.

"ޕްރޮޖެކްޓްތައް ވިން ކޮށްފަ ހުންނާވެ މިހާރު ގާތްގަނޑަކަށް 12 މިލިއަން ރުފިޔާގެ މަޝްރޫއު ވެސް ހުންނާނެ ލިބިފައި،" ފަޒީލް ވިދާޅުވި އެވެ.

ފަޒީލްގެ މި ކާމިޔާބީތަށް ދުނިޔޭގެ އެންމެ ބޮޑު ދެ ބްރޭންޑް ކަމަށްވާ މައިކްރޯސޮފްޓާއި ޑެލް އިން މިހާރު ވަނީ ބަލައި ގަނެ އެވެ. އެހެންވެ ވޭތުވެދިޔަ ފަސް އަހަރު ޑެލް އާއި މައިކްރޯސޮފްޓުން ވަނީ މެކްސް ކޮމްއަށް އެވޯޑު ދީފަ އެވެ.

ފަޒީލް ވަނީ އައިޓީ ދާއިރާގެ އިތުރުން އެފްއެންބީ، ރެސްޓޯރެންޓް ދާއިރާ އަށް ނުކުމެފަ އެވެ. މި ގޮތުން އޮކްސިޖަން ކެފޭ ވެސް ހިންގަނީ މެކްސްކޮމްގެ ދަށުގަ އެވެ. މިގޮތުން އޮކްސިޖަން ރެސްޓޯރެންޓް ދާދި ފަހުން ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. މިގޮތުން މި ތާނގައި އޭސީ ބައެއް ވެސް ވަނީ ހަދާފަ އެވެ. އަދި މެނޫތައް ވެސް ވަނީ ބަދަލުކޮށްފަ އެވެ. މީގެ އިތުރުން މެކްސްކޮމް ޓްރެއިނިން ސެންޓަރެއް ވެސް ހިންގަ އެވެ. އަދި ރެއަލް އެސްޓޭޓް ވިޔަފާރި ވެސް ކޮށްމެ ވެސް ވަރަކަށް މިހާރު ކުރެ އެވެ.

"ވަރަށް ގާތުން ޑޭޓުޑޭ ހުރިހާ ކަމެއް ވެސް ބަލަމުން ގެންދަން. މިއީ އެންމެ ބޮޑު ކާމިޔާބީއަކީ. އަޅުގަނޑުމެންގެ ސްޓާފުންނަކީ ކޮންމެ ކަމެއް ވެސް ކޮށްލެވޭނެ ސްޓާފުން. އެ އެއްޗިއްސަށް 24 ގަޑިއިރު ސާވިސްއެއް ވެސް އަޅުގަނޑުމެން ދެން. މިއީ ހެން ހީވަނީ އެންމެ ބޮޑަށް ކަސްޓަމަރުން ރުހުމުގެ ސިއްރަކީ،" ފަޒީލް ވިދާޅުވި އެވެ.

ފަޒީލް ގަބޫލު ކުރައްވާ ގޮތުގައި މެކްސްކޮމްގެ ކާމިޔާބުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ މުވައްޒަފުންނެވެ.

"އެންމެ ބޮޑަށް ފާހަގަ ކޮށްލާނީ ފެމެލީ އާއި ވައިފާއި މުވައްޒަފުން ދޭ އެއްބާރުލުން މުވައްޒަފުން ދޭ ޓައިމް. މިއީ ކާމިޔާބުވުމުގެ ހުރިހާ ވެސް ސިއްރަކީ،" ފަޒީލް ވިދާޅުވި އެވެ.