ފިނިޕޭޖް

އަރުމާން މަލިކު އެނގެނީ ކިހާވަރަކަށް؟

Dec 30, 2016

މި އަހަރުގެ އާ އަހަރުގެ ޝޯއަށް ޕީއެސްއެމްއިން ރާއްޖެ ގެނެސްފައިވަނީ އަރުމާން މަލިކެވެ. އަރުމާން މަލިކު ރާއްޖެ އައިސްފައިވާއިރު އެ ނަމަކީ މިހާރު ގިނަ ބަޔަކަށް އާ ނަމެއް ނޫނެވެ. މިހާ ޅަ އުމުރުގައި ބޮލީވުޑްގައި ރަސްގެފާނުގެ ދަރަޖަ ދެވުނު އެހެން ލަވަކިޔުންތެރިއެއް ހުންނާނެހެން ވެސް ހިއެއް ނުވެ އެވެ.

އަރުމާން މިހާރު މަޝްހޫރުވެގެން ގޮސްފައިވަނީ "ކިންގް އޮފް ރޮމާންސް"ގެ ގޮތުގަ އެވެ. އެއީ އޭނާ މިހާތަނަށް ކިޔާފައިވާ ގިނަ ލަވަތަކަކީ ލޯބީގެ ހިތްގައިމު ލަވަތަކަށްވުމުންނެެވެ. އޭނާގެ ގިނަ ލަވަތަކަކީ ވަރަށް ކާމިޔާބު ލަވަތަކެކެވެ.

އޭނާގެ އަޑު އެންމެ ފުރަތަމަ އިވިގެން ދިޔައީ "ސަރެގަމަޕާ ލިލް ޗޭމްޕްސް"އިންނެވެ. އެ މުބާރާތުން އެއްވަަނ ނުހޯދުނު ނަމަވެސް ބޮލީވުޑުން އެއްވަނަ ހޯދުމުގެ މަސައްކަތް އޭނާ ދަނީ ކުރަމުންނެވެ.

އުމުރުން 21 އަހަރުގެ އަރުމާނަކީ ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރު އަނޫ މަލިކަށް ބޮޑުބޭބެ ކިޔާ ލަވަކިޔުންތެރިއެކެވެ. އަދި އޭނާގެ ބައްޕައަކީ ކުރީގެ މިޔުޒިކް ޑައިރެކްޓާ ޑަބޫ މަލިކެވެ. އޭނާ އެންމެ ފުރަތަމަ ބޮލީވުޑް ފިލްމަކަށް ލަވަ ކިޔާދީފައިވަނީ 15 އަހަރުގަ އެވެ. އެއީ 2010 ވަނަ އަހަރު ނިކުތް "ރައްތު ޖަރިތް" އެ ފިލްމަށެވެ. އެއަށްފަހު 2011 ވަނަ އަހަރު ވަނަ ހަތަރު ފިލްމަކަށް ލަވަ ކިޔައިދީފައިވެ އެވެ. ދެން އޭނާ ބޮލީވުޑް ފިލްމަކަށް ލަވަ ކީ 2014 ވަނަ އަހަރު އެވެ. އެއަށްފަހު ހުއްޓުމެއް ނެތި އޭނާ ވަނީ ކުރިއަށް އަރައިގެން ގޮސްފަ އެވެ.

މިހާރު "ޓީ ސީރީސް"ގެ ލަވަތައް ކިޔަމުންދާ އަރުމާންގެ އެންމެ ފާހަގަކޮށްލެވޭ އެއް ލަވައަކީ "ހޭޓް ސްޓޯރީ 3"ގެ "ވަޖާ ތުމްހޯ" އެވެ. ހަމަ އެ ފިލްމްގެ "ތުޖޭ އަޕްނާ ބަނާނޭކާ" އެ ލަވަ ވެސް ފާހަގަކޮށްލެވެ އެވެ.

ހަމަ އެގޮތަށް ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޝްހޫރު ކަމެއް ހޯދި "އަޒްހަރު"ގެ "ބޯލް ދޯލްނާ ޒަރާ" އަދި ފިލްމް "ހީރޯ"ގެ "މެ ތެރެ ހީރޯ" ލަވައަކީ ވެސް އަރުމާންގެ ފާހަގަކޮށްލެވޭ ލަތަކެކެވެ. އޭގެ އިތުރުން ވެސް "ސަނަމް ރޭ" އެ ފިލްމަށް އޭނާ ކިޔާފައި ލަވަތައް ފާހަގަކޮށްލެވެ އެވެ.

އަރްމާން މަލިކް މިހާތަނަށް ބޮލީވުޑްގެ 16 ފިލްމަކަށް ލަވަ ކިޔާފައިވެ އެވެ. އޭނާ ވަނީ މިފަހުން ބޮލީވުޑްގައި ނިކުތް މަޝްހޫރު ހުރިހާ ފިލްމަކަށްހެން ލަވަ ކިޔާފަ އެވެ. އެގޮތުން "ހޭޓް ސްޓޯރީ 3"، "ޖޭ ހޯ"، "ހޫބްސޫރަތް"، "ކީ އެންޑް ކާ"، "ހީރޯ"، "އަޒްހަރް"، "ކަޕޫރް އެންޑް ސަންސް" އަދި "އެމްއެސް ދޯނި" ހިމެނެ އެވެ.

މި އަހަރުގެ ފިލްމް ފެއާ އެވޯޑްގައި "ނިއު މިޔުޒިކް ޓެލެންޓް"ގެ އެވޯޑް ވެސް އޭނާއަށް ލިބިފައިވެ އެވެ. އޭގެއިތުރަށް ވެސް މިވީ ކުޑަ ދުވަސްކޮޅުގައި ގިނަ އެވޯޑްތަކެއް އޭނާ ހާސިލުކޮށްފައިވެ އެވެ. "ސްޓާޑަސްޓް" އެވޯޑްގައި ފިލްމް "ހީރޯ"އަށް ކިޔާފައިވާ ލަވައިން އޭނާ ވަނީ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އެވޯޑް ހާސިލުކޮށްފަ އެވެ. އަދި ދާދާ ސާހެބް ޕަލްކޭ އެވޯޑްސްގައި އެންމެ މަގުބޫލު ލަވަކިޔުންތެރިޔާގެ އެވޯޑް ވެސް އޭނާ މި އަހަރު ހާސިލުކޮށްފައިވެ އެވެ.

އުމުރުން އަދި ކިތަންމެ ޒުވާން ނަމަވެސް ބޮލީވުޑްގެ އެންމެ ބޮޑެތި ފިލްމްތަކުގައި އެ އަޑު އިއްވަމުންދާ އަރުމާންއަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑް ބޮޑު ލަވަ ކިޔުންތެރިޔާ އެވެ. އެއީ ދެވަނަ ސޯނޫ ނިގަމް ނުވަތަ އާތިފު އަސްލަމްއޭ ވެސް ބުނެވިދާނެ އެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ އަރުމާން ކާނިވާ ސަރަހައްދުގައި ލަވަ ހުށަހަޅައިދޭއިރު އެ އަޑާއި އޭނާގެ ހިތްގައިމު ލަވަތަކުގައި އަވައިގައި އެތައް ބަޔަކު ޖެހިގެންދާނެކަން ޔަގީނެވެ.