- ވެލާނާ ނިސްބަތްވަނީ ނާސިރަށް
- އެއާޕޯޓް ރީބްރޭންޑު ވެގެން ދާނެ
- އާ އެއާޕޯޓެއް 2018 ގައި ފެންނާނެ
ރާއްޖޭގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރުގެ ނަން އަނެއްކާ ވެސް މިވަނީ ބަދަލުވެފަ އެވެ. މިއީ މި އެއާޕޯޓުގެ ނަން ބަދަލު ކުރި ތިން ވަނަ ފަހަރެވެ. ދިވެހިިންގެ ބުރަ މަސައްކަތުން ދާ އޮހޮރުވައިގެން ތަރައްގީ ކުރި އެއާޕޯޓުގެ ނަން މި ފަހަރު ބަދަލު ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ. ރޭ އެއާޕޯޓުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެއާޕޯޓުގެ ނަން ބަދަލު ކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ. މި ބަދަލާއެކު މީގެ ސަބަބު ހޯދަން ސުވާލު ކުރާ މީހުން މަދުވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންވެ މި ލިޔެލަނީ އެއާޕޯޓުގެ ނަން ބަދަލު ކުރަން ޖެހޭނެ ކަމަށް ބެލެވޭ ފަސް ސަބަބެވެ.
ރީތި ދިވެހި ނަމެއް ކިޔުން
ރާއްޖޭގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރަކީ ހަމަ ޔަގީނުން ވެސް ދިވެހިންގެ ތަނަކަށް ވާން ޖެހޭނެ އެވެ. އެހެންވެ އެ ތަނުން ފެންނަން ވާނީ ވެސް ދިވެހި ކުލަތަކެވެ. އެއާޕޯޓުގެ ތަންތަނަށް ރީތި ދިވެހި ނަންތައް ވެސް ކިޔަން ޖެހޭނެ އެވެ. މި އުސޫލުން ބަލާއިރު "ވެލާނާ" އަކީ ރީތި ދިވެހި ނަމެކެވެ. ކިޔާލަން ފަސޭހަ ހިތަށް ފިނިކަން ލިބޭ ނަކަމަށް ވެދާނެ އެވެ. އަނެއްކާ މި ނަން ނިސްބަތް ވަނީ އެއާޕޯޓުގެ ބާނީ ރައީސް ވެލާނާގޭ، އިބްރާހިމް ނާސިރަށެވެ. އަދި ވެލާނާއަކީ ބޭރާ ބެހޭ ކަންކަން ބަލަހައްޓަވާ ވަޒީރުގެ ކޮލީ ނަމެވެ. އެހެންވެ ޔަގީނުން ވެސް މިއަށް ވުރެ ފުރިހަމަ ނަމެއް ރާއްޖޭގެ ބައިނަލްއަގުވާމީ އެއާޕޯޓަކަށް ކިޔަން އޮންނާނެ ކަމަށް ނުބެލެވެ އެވެ.
ދުލަށް ފަސޭހަ ނަމެއް
ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާ ވެފައިވާ ގައުމެވެ. އެހެންވެ ރާއްޖޭގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރަކީ ދޭސީނެކޭ އެއްވަރަށް ބިދޭސީންނާ ވެސް ރަހުމަތްތެރި ތަނަކަށް ވާން މަޖުބޫރެވެ. އަދި އެއާޕޯޓުގެ ނަމަކީ ބިދޭސީން ވެސް ކިޔައިލަން ފަސޭހަ ދުލަށް ލުއި ނަމަކަށް ފަސޭހަ، ރީތި ނަމެކެވެ. މި އުސޫލުން ބަލާއިރު "ވެލާނާ" އަކީ ކިޔާލަން ފަސޭހަ ނަމެކެވެ.
އިންވެސްޓަރުންގެ ލޮލުގައި "އަޅުވާލުން"
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ސަރުކާރުން ދަނީ ބިޔަ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް ދިވެހި ރުފިޔާ އިން ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ. އަދި މި މަޝްރޫއު ކުރި އަށް ގެންދަނީ ބޭރުގެ މާލީ އިދާރާތަކުގެ ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ.
މި މަޝްރޫއުގެ ދަށުން، އެންމެ ޒަމާނީ ޕަސިންޖަރު ޓާމިނަލްއަކާއި މުޅިންއާ ރަންވޭއެއްގެ އިތުރުން ތެޔޮ ރައްކާ ކުރާނެ ވަސީލަތްތަކާއި އެއާޕޯޓަށް ގެންނަ ކާގޯ އަށް ހާއްސަ ޓާމިނަލް އެއް އަޅާނެ އެވެ. މިގޮތުން އާ ރަންވޭގެ ބޮޑު ބައެއް ވަނީ މިހާރު ހިއްކައި ނިމިފަ އެވެ. އަދި އާ އިންޓަނޭޝަލް ޕެސެންޖަރު ޓާމިނަލް ފަރުމާ ކުރުމުގެ މަސައްކަތް ދަނީ ކުރި އަށެވެ. މި މަޝްރޫއު އެއްކޮށް 2018 ގެ ނިޔަލަށް ނިންމާލާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެހެންކަމުން މި ބިޔަ މަޝްރޫ އަށް ބޭނުންވާ ފައިސާ ހޯދުމަށް އެއާޕޯޓު ރީ-ބްރޭންޑް ކުރުން މިއީ ސަބަބަށް ވުން ގާތެވެ.
ޖީއެމްއާރުގެ ހަނދާތަކާ ދުރަށް
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއާޕޯޓްގެ ނަންބަދަލު ކުރުމަށްފަހު، އެއާޕޯޓު ހިންގުމަށް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ހަވާލު ކުރި އެވެ. އޭގެ ފަހުން "ދިވެހިންގެ އެއާޕޯޓް ދިވެހިން" އަތުލާފައިވަނީ 2013 ވަނަ އަހަރެވެ. މީގެ ބަދަލު ހޯދުމަށް ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް މައްސަލަ ވެއްދި އެވެ. އަދި އެންމެ ފަހުން ނިމިދިޔަ އަހަރު ވަނީ އެ މައްސަލަ ނިންމާފަ އެވެ. މައްސަލަ ނިމިގެން ދިޔައީ 271 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ޖީއެމްއާރަށް ދައްކަން ޖެހިގެންނެވެ. އެ ފައިސާ ސަރުކާރުން ވަނީ ދައްކާ ހަލާސް ވެސް ކޮށްފަ އެވެ. އެހެންވެ އެއާޕޯޓުގެ ނަން "ވެލާނާ" އަށް ބަދަލުކުރި ސަބަބެއް ކަމަށް ޖީއެމްއާރުގެ ހަނދާންތަކާ ދުރުވުމަކީ ވެސް ވުންގާތް ކަމެކެވެ.
އާ އެއާޕޯޓެއް، އާ ނަމެއް
ދެހާސް އަށާރަ ވަނަ އަހަރު އާ އެއާޕޯޓެއް ފެނިގެންދާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. އެހެންވެ އެއާޕޯޓުގެ ނަން ބަދަލު ކުރުމުގެ އަނެއް ސަބަބަކީ އެއާޕޯޓު ނިމެންވާއިރަށް ރީ-ބްރޭންޑިން ޖެއްސުން ކަމަށް ވެދާނެ އެވެ. ނަމަވެސް އަމިއްލަ ނަޒަރުން ބަލާއިރު، މި ނަން ބަދަލު ކުރަން އެންމެ ރަނގަޅު ވަގުތަކީ އެއާޕޯޓު މަޝްރޫއު ނިމި ހުޅުވާއިރެވެ. މިއީ ހިޔާލެކެވެ. ކޮންމެއަކަސް އެންމެ ފުރަތަމަ "ހުޅުލޭ އެއާޕޯޓް" ގެ ނަމުގައި ހިންގި އެއާޕޯޓްގެ ނަން "މާލޭ އިންޓަނޭޝަނަލް އެއާޕޯޓް" ގެ ނަމަށް ބަދަލު ކުރުމަށްފަހު، "އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް"ގެ ނަމުން "ވެލާނާ އިންޓަނޭޝަނަލް" އަށް މި ވަނީ ބަދަލުކޮށްފަ އެވެ.