މާރާމާރީ ހިންގުން

މިދިއަ އަަހަރު މާރާމާރީއާއި ވައްކަމާއި ޖިންސީ ގޯނާ މަދު: ޕޮލިސް

Jan 1, 2017

ދެހާސް ފަނަރަ ވަނަ އަހަރު ފުލުހަށް ހުށަހެޅުނު މައްސަލަތަކާއި އަޅާބަލާއިރު މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު މަދު ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އަހަރު ނިމުމާއެކު އެ އިދާރައިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ ގޮތުގައި 2015 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 13،729 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު 2016 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހުށަހެޅީ 13،568 މައްސަލައެވެ.

މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކަށް ބަލާލާއިރު މާރާމާރީއާއި ވައްކަމާއި ޖިންސީ ގޯނާގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި މުދަލަށް ގެއްލުންދިނުމާއި ހިޔާނާތުގެ މައްސަލަތައް ހުށަހެޅުނު އަދަދު މަދު ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން މާރާމާރީގެ 778 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު 2015 ވަނަ އަހަރު ހުށަހެޅިފައިވަނީ 932 މައްސަލައެވެ. ވައްކަމުގެ 3994 މައްސަލައެއް 2015 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 3616 މައްސަލައެވެ. ޖިންސީ ގޯނާގެ މައްސަލަތަކަށް ބަލާލާއިރު މިދިޔަ އަހަރު 466 މައްސަލައެއް ހުށަހެޅިފައިވާއިރު 2015 ވަނަ އަހަރުގެ މިފަދަ 534 މައްސަލައެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާލާއިރު 2015 ވަނަ އަހަރު 341 މައްސަލައެއް ވަނީ ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 304 މައްސަލައެވެ. މުދަލަށް ގެއްލުން ދިނުމުގެ 535 މައްސަލައެއް 2015 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 356 މައްސަލައެވެ. ހިޔާނާތުގެ މައްސަލަތަކަށް ބަލާލާއިރު 2015 ވަނަ އަހަރު 743 މައްސަލައެއް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 521 މައްސަލައެވެ.

ދެހާސް ފަނަރަ ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު ފޭރުމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ޓްރެފިކް މައްސަލަތަކާއި ކައުންޓަފީޓް އަދި ފޯޖަރީގެ މައްސަލަތަކާއި ޗެކް ބައުންސްގެ މައްސަލަތަކާއި ގެއްލިގެން ހުށަހެޅޭ ތަކެތީގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

އެގޮތުން ފޭރުމުގެ 545 މައްސަލައެއް 2015 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 716 މައްސަލައެވެ. މަސްތުވާތަކެތީގެ 2079 މައްސަލައެއް 2015 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު 2016 ވަނަ އަހަރު ހުށަހެޅިފައިވަނީ 2378 މައްސަލައެވެ.

ޓްރެފިކް މައްސަލަތަކަށް ބަލާލާއިރު 2015 ވަނަ އަހަރު 2044 މައްސަލައެއް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 2242 މައްސަލައެވެ. ކައުންޓަރފިޓް އަދި ފޯޖަރީގެ 91 މައްސަލައެއް 2015 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު 97 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އަދި 2015 ވަނަ އަހަރު ޗެކް ބައުންސްގެ 179 މައްސަލައެއް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ޗެކް ބައުންސްގެ 265 މައްސަލައެއް ހުށަހެޅިފައިވެއެވެ. ގެއްލިގެން ހުށަހެޅޭ ތަކެތީގެ 1721 މައްސަލައެއް 2015 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވަނީ 1829 މައްސަލައެކެވެ.