ރާއްޖެ ކުޅިވަރު

ނިޒާމްބެ ޓީސީގެ ކޮންޓްރެކްޓް އާކޮށްފި

Jan 2, 2017

މިދިޔަ ދެ ސީޒަންގައި ޓީސީ އަށް ކޯޗް ކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) އަންނަ ސީޒަންގައި ވެސް ޓީސީގެ ކޯޗްގެ ގޮތުގައި އެޓީމުގެ ކޮންޓްރެކްޓް އާ ކޮށްފި އެވެ. ޓީސީއާ އެކު ހެދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ނިޒާންބެ އާ ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

އޭނާގެ ކޯޗް ކަމުގެ ދަށުން ޓީސީ ވަނީ މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ހޯދުމުގެ އިތުރަށް އަނެއް ދެ މުބާރާތުގެ ފައިނަލުގައި ކުޅެފަ އެވެ.

ކުރިން އަވަސް އަށް ދިން އިންޓަވިއުގައި ނިޒާމް ބުނީ އޭނާ ހުށަހަޅާ ހުށަހެޅުންތައް ޓީސީގެ މެނޭޖްމެންޓުން ފުރިހަމަ ކޮށްދޭނަމަ ޓީސީގައި ދެމި ހުރުން ގާތް ކަމަށެވެ.

އެ ހުށަހެޅުންތަކަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ބުނީ އެއީ އެކަށޭނެ ރަނގަޅު ސްކޮޑެއް އޮތުމާއި ޓީމެއް ބިނާ ކުރަން ފުރުސަތު ދިނުން ކަމަށެވެ.

މިދިޔަ ސީޒަންގައި އެޓީމަށް ކުޅުނު މުހިންމު ހަތަރު ކުޅުންތެރިޔަކު ވަނީ އެޓީމު ދޫކޮށްލާފަ އެވެ. އެއީ އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު އަބްދުﷲ (ލިލީ) އާއި ގޯލްކީޕަރު މުހައްމަދު އިމްރާން (ކުޑަ އިމްރާން) ގެ އިތުރުން އަހްމަދު ނިޒާމް އެވެ.

ކުޑަ އިމްރާން ދޫކޮށް ލުމަށް ފަހު އެ ޓީމުން ވަނީ ނޭޕާލްގެ ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ކެމްޖޮންގް ގެންނަން ނިންމާފަ އެވެ.