ލީގްގެ އެއް ވަނައިގައި އޮތް ޗެލްސީއާ ދެކޮޅަށް އަންނަ ބުދަ ދުވަހު ކުޅޭ ޓޮޓަންހަމް ހޮސްޕާ ކުޅޭ މެޗްގައި، ޗެލްސީ ބަލިކުރަން ހުރިހާ ޓީމެއް ޓޮޓަންހަމް އަށް ސަޕޯޓް ކުރާނެ ކަމަށް އެޓީމުގެ ކޯޗް މައުރީޝިއޯ ޕޮޝެޓީނޯ ބުނެފިއެވެ.
ރޭ ވަޓްފޯޑް އަތުން 4-1 މޮޅުވެ ޓޮޓަހަމް ވަނީ ޗެލްސީއާ 10 ޕޮއިންޓަށް ގާތް ކޮށްފަ އެވެ. ޓޮޓަންހަމް މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ.
ސްޓޯކް ސިޓީއާ ދެކޮަޅަށް ކުޅުނު މެޗުން މޮޅުވެ ޗެލްސީ ވަނީ ޕްރިމިއާ ލީގްގެ 13 މެޗުން މޮޅުވެ އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑާ އެއް މެޗާ ގާތް ކޮށްފަ އެވެ. ޕްރިމިއާ ލީގްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް އޮތީ އާސެނަލް އަތުގަ އެވެ. އެޓީމު ވަނީ 2001/2002 ސީޒަންގައި 14 މެޗުން މޮޅުވެފަ އެވެ.
ޕޮޝެޓީނޯ ބުނީ ޓޮޓަންހަމްއިން ޗެލްސީ ބަލި ކުރުމަކީ ލީގްގެ ހުރިހާ ޓީމުތަކަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށާއި ލީގްގެ ގެޕް ކުޑަ ވުމަކީ އެކަމުގެ ސަބަބުން ލީގަށްވެސް ފައިދާ ކުރަނެ ކަމެއް ކަމަށެވެ.
"ޗެލްސީ އަންނަނީ ރަނގަޅު ފޯމެއްގައި އޮވެގެން އަހަރެމެން ވެސް މިއޮތީ ރަނގަޅު ފޯމެއްގައި އެ މެޗް ވެގެންދާނީ ވަރަށް އުނދަގު ގޭމަކަށް އަދި އެޓީމަށް ޕޮއިންޓް މަދު ކުރުމަށާއި ގެޕް ކުޑަ ކުރުމަށްޓަކައި އަހަރެމެންނަށް އޮތް ވަރަށް ރަނގަޅު ފުރުސަތެއް މިއީ. އަހަންނަށް ހީވަނީ ޕްރިމިއާ ލީގަށް ރަނގަޅު ކަމެއް ކަންނޭންގެ އަހަރެމެން އެޓީމު އަތުން މޮޅުވުން، އަހަރެމެންނަށް އޮތް ޗެލެންޖަކަށް ވަނީ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުން،" ޕޮޝެޓީނޯ ބުންޏެވެ.
ވަޓްފޯޑް އަތުން މޮޅުވެ ޓޮޓަންހަމް ވަނީ ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެފަ އެވެ.
"ރޭގެ މެޗަކީ ވަރަށް ފުރިހަމަ ގޭމެއް ހަމައެކަނި އޮތް ދެރަ ކަމަކީ އަހަރެމެން ކޮޅަށް އެންމެ ފަހު ވަގުތު ގޯލެއް ވަނުން އެކަނި، ނަމަވެސް އެއަށްވުރެ ޕޮސެޓިވް ކަންކަން އެމެޗްގައި ހުރި އަހަރެން މިހުރީ ވަރަށް އުފަލުން،"
ޗެލްސީ މެޗަށް ތައްޔަރުވާން އަހަރެމެންނަށް މިއޮތީ ދޭއް ނުވަތަ ތިން ދުވަސް އަހަރެމެން އެންމެ ފުރިހަމައަށް އެ މެޗަށް ތައްޔަރު ވާނަން."