ރާއްޖެ ކުޅިވަރު

މިއަހަރު ގައުމީ ޓީމަށް ފީފާ ފްރެންޑްލީ މެޗްތައް ގިނަ

Jan 2, 2017

ރާއްޖޭގެ މިއަހަރު ފުޓްބޯޅަ ކަލަންޑަރުގައި ފީފާ ފްރެންޑްލީ ގިނަ މެޗްތަކެއް ގައުމީ ޓީމަށް ހާއްސަ ކޮށްފައިވާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ އޭއެފްސީގެ ލަފާގެ މަތިން އޭއެފްސީގެ މެޗްތަކަށްވެސް ކަލަންޑަރުގައި ވަގުތު ހުސްކޮށްފައި ވާނެ ކަމަށެވެ.

އެފްއޭއެމްގެ ކަލަންޑަރު މާދަމާ ނެރޭ ގޮތަށް އެފްއޭއެމުން ވަނީ ތަވަލު ކޮށްފަ އެވެ. މިއަހަރަކީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން ގިނަ މެޗްތަކެއް ކުޅޭނެ އަހަރެކެވެ.

"އޭޝިއަން ކަޕް ކޮލިފައިން މެޗްތަކުގެ އިތުރުން އިންޓަނޭޝަނަލް ފްރެންޑްލީ މެޗްތައްވެސް ގައުމީ ޓީމުތައް ވާނީ ހުސްކޮށްފަ،" ޖަވާ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ފްރެންޑްލީ ބައެއް މެޗްތައް ރާއްޖޭގައިވެސް ކުޅޭ ގޮތަށް ބައެއް ގައުމުތަކުގެ ފެޑްރޭޝަންތަކާ އެކު ވަހަކަ ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން އަވަސް އަށް ވިދާޅުވެފައިވަނީ އެފްއޭއެމްގެ ކަލަންޑަރުގައި ގައުމީ ޓީމަށް މެޗްތައް ހުސް ކުރާއިރު އެ މެޗްތަކަށް ތައްޔާރުވުމަށް ޕްރެކްޓިސް ކުރުމަށް މަދުވެގެން ހަފުތާއެއް ލިބޭނެ ގޮތަށް ކަލަންޑަރު އެކުލަވާލާނެ ކަމަށެވެ.

މިއަހަރު ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް އޮތުމާއެކު އެމުބާރާތަށް ފޯކަސް ކޮށްގެން ގިނަ ބައިނަލްއަގުވާމީ މެޗްތަކެއް ހޯދާނެ ކަމަށް ޖަވާ ވިދާޅުވި އެވެ.

ނިމިދިޔަ އަހަރު ރަސްމީ މެޗްތަކުގެ އިތުރުން ފީފާ ފްރެންޑްލީ މެޗްގެ ގޮތުގައި ރައްޖެއިން ކުޅެފައިވަނީ އެންމެ މެޗެކެވެ. އެއީ ބަނގުލަދޭޝްއާ އެއްކޮށް ޖޫން މަހު އެއް ވަނަަ ދުވަހު މާލޭގައި ކުޅުނު މެޗެވެ. އެމެޗް ރާއްޖެ ކާމިޔާބު ކުރީ 5-0 އިން ނެވެ.