މި ފެށުނު އަހަަރަކީ ބާސެލޯނާގެ ރައީސް ޖޯސްފް މާރިއާ ބާޓޮމޭ އާއި ބާސާގެ ބޯޑް ޑައިރެކްޓަރުންނަށް ކުލަބުގެ މަސައްކަތްތަކުގައި ބިޒީ އަހަރަކަށް ވެގެންދާނެ އެވެ. މިއަހަރު މެނޭޖްމެންޓް ސައިޑުން ގިނަ ޓާސްކް ތަކެއް ފުރިހަމަ ކުރުމަށް ބާސާއިން ވަނީ އަމާޒު ހިފާފައެވެ.
މިއަހަރު އެޓީމުގެ އެންމެ ބޮޑު ޓާގެޓަކަށް އޮތީ ބާސާގެ ތަރި ލިއޮނަލް މެސީގެ ކޮންޓްރެކްޓް އާ ކުރުމަށެވެ. ބާސާ އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބާސާއިން ވަނީ މިދިޔަ އަހަރު ޖޫން މަހުވެސް މެސީ އަށް އާ ކޮންޓްރެކްޓްެއް ހުށަހަޅާފަ އެވެ. ނަމަވެސް މެސީ ވަނީ އޭރު ކޮންޓްރެކްޓަށް ނޫނެކޭ ބުނެފަ އެވެ. މިދިޔަ އަހަރު ލިބުނު ބައެއް ރިޕޯޓްތައް ބުނާ ގޮތުން މެސީ ގެންދަން މެންޗެސްޓާ ސިޓީ އާއީ ޕީއެސްޖީއިން ދަނީ މަސައްކަތް ކުރަމުން ނެވެ.
މެސީގެ ކޮންޓްރެކްޓަށް ވުރެ ބާސާގެ ކޯޗް ލުއިސް އެންރިކޭގެ ކޮންޓްރެކްޓް އާ ކުރުން ބާސާގެ ބޯޑަށް ވަކި ކުޑަ އެއް ނޫނެވެ. ބާޓޮމޭގެ ޓާގެޓަކީ މިއަހަރު ނިމުމުގެ ކުރިން އެންރީކޭގެ ކޮންޓްރެކްޓް އާ ކުރުމެވެ.
ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަ ތަކަށް މިއަހަރު އިތުރު ވާނީ ކެޕްޓަން އަންދުރޭ އިނިއެސްޓާ އާއި އިވާން ރެކިޓިޗް ކޮންޓްރެކްޓް އާ ކުރުމެވެ.
ބާސާ އަށް މިދިޔަ އަހަރު ކުރިމަތިވި އަނެއް މައްސަލަކީ މި ސީޒަންގެ ފުރަތަމަ ޕީރިއަޑްގައި ނޭމަ އަށް ޖެހުނު ލަނޑުގެ އަދަދު މަދު ވުމެވެ. އަށާރަ މެޗްގައި ނޭމާ އަށް ޖެހިފައި ވަނީ ހަ ލަނޑެވެ. އެންރީކޭ ގަބޫލު ކުރާ ގޮތުގައި ނޭމާ،24 އަށް އަލުން ގޯލް ސްކޯރިން ޗާޓްގެ ތެރެއަށް ވަދެވޭނެ އެވެ. އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑް އަތުލުމަށްޓަކައި ނޭމާގެ ފަރާތުން ގިނަ ލަނޑުތަކެއް ފެނުމަކީ ޓީމަށް މުހިންމު ކަމެކެވެ.
ބޯޑްގެ އާ އަހަރުގެ ޕްލޭންގެ ހައިރާކީ ދަށުން އެންމެ ފަހު ކަމަކަށް އަންނަނީ ބާސާގެ ކަނާތު ޑިފެންސަށް އިތުރު ހައްލެއް ހޯދުމެވެ. ސާޖީ ރޮބާޓޯ ބަދަލު ކުރެވޭނެ އިތުރު ކުޅުންތެރިޔަކު ހޯދުމަކީ ބާސާގެ ޓެކްނިކަލް ޑައިރެކްޓާ ރޮބާޓޯ ފެނާންޑޭޒްގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ.
އެޖާގަ ފިލް ކުރުމަށް، ހިނގަމުންދާ ޓްރާންސްފާ ޕީރިއަޑްގައި ކޮރޭޝިއާގެ ކެޕްޓަން ޑަރިޔޯ ސަރުނާ ގެންނަން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަ ވެފައެވެ. ނަމަވެސް އެއީ ވަގުތީ ހައްލަކަށެވެ. ދާއިމީ ހައްލަކަށް ބާސާގެ ކަޅި އަމާޒު ވަނީ ވެލެންސިއާ އަށް ކުޅޭމުންޑާ ޕޯޗްގަލްގެ ޒުވާން ޑިފެންޑަރު ޖޯއާ ކެންސޭލޯ އަށެވެ.