މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ވިޔަފާރި ބަނދަރު ބޮޑުކުރަން އީވައިސީއިން ހުއްދަދީފި

ވިޔަފާރި ބަނދަރުގެ ޖާގަ ބޮޑު ކުރުމުގެ އާ މަޝްރޫއެއް ފަށަން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ) ހުއްދަ ދީފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލްއިން އަލަށް ގެނައި ވެހިކަލްތައް ތައާރަފް ކުރުމަށް މިރޭ ބޭއްވި ހަފްލާގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ރާއްޖޭގެ މައި ބަނދަރު ހާލަތު ދެރަކޮށް އޮތުމުން ރާއްޖޭގެ މުޅި އިގްތިސޯދަށް އަސަރު ކުރާނެ ކަމަށާއި ނަމަވެސް ފަހަކަށް އައިސް ޕޯޓްސްއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި ވިޔަފާރިވެރިންނަށް ފަސޭހަތަކެއްވަމުން އަންނަ ކަމަށެވެ.

ނަމަވެސް މިހާރު އޮންނަ ބަނދަރުގައި އެޅެނީ އެންމެ ބޯޓެއް ކަމަށާއި އޭގެ ސަބަބުން އެމްޕީއެލްއިން ހިދުމަތް ދޭން ބޭނުންވާ ސްޕީޑުގައި ނުދެވޭ ކަމަށް ޖުނައިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަނދަރު ބޮޑު ކުރުމަށް އީވައިސީއަށް ހުށަހެޅުމުން އެކަން ކުރުމަށް ހުއްދަ ލިބިފައިވާ ކަމަށާއި އެ މަޝްރޫއު ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

"މިހާރު އޮތް ބަނދަރަކީ ކުޑަކުޑަ ތަނެއް. ބަނދަރުގައި އެޅެނީ އެންމެ ބޯޓެއް. އެންމެ ބޯޓެއް އަޅައިގެން މި ބަނދަރުން ދޭން ބޭނުންވާ ހިދުމަތެއް ނުދެވޭނެ. ކޮންޓެއިނާތައް އެކަށީގެންވާ ވަރަށް ލޯޑު ކުރެވޭނީ ޖެޓީގައި އިތުރު ބޯޓެއް އެޅޭނެ ޖާގައެއް އޮތުމުން،" ޖުނައިދު ވިދާޅުވި އެވެ. "ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއު އީވައިސީއަށް ޕްރެސެންޓު ކުރުމުން އެ ބޭފުޅުން މިހާރު ވަނީ އެ މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާ ކަމުގެ ސިޓީއެއް ފޮނުވާފައި. ވަރަށް އަވަހަށް މަސައްކަތް ފަށާނަން،" ޖުނައިދު އިތުރަށް ވިދާޅުވި އެވެ.

އެމްޕީއެލްއިން ބުނެފައިވާ ގޮތުގައި ބަނދަރު ބޮޑު ކުރުމަށް މައި ތޮށި 600 މީޓަރު ބޭރަށް ޖައްސާ ބޮޑު ސަރަހައްދެއް ހިއްކާނެ އެވެ. އަދި އޭގެ ސަބަބުން 15-20 އަހަރުވެސް މާލެ ވިޔަފާރި ބަނދަރަށް ބޭނުންވާ ޖާގަ އޮންނާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.