ކުޅިވަރު

ވިކްޓްރީގެ ޗެއާޕަސަން ކަމަށް ނަޒީމް އިންތިހާބު ކޮށްފި

Jan 2, 2017
1

ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ޗެއާޕާސަން ކަމަށް ކުރިން ބޯޑު މެންބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ނަޒީމް އިންތިހާބު ކޮށްފިއެވެ.

ޗެއާޕާސަން ކަމުގެ އިތުރުން ބޯޑުން ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ވެސް ވަނީ ދެ ބޭފުޅަކު އިންތިހާބު ކޮށްފައެވެ. އެއީ ވިކްޓްރީގެ ކުރީގެ ކުޅުންތެރިޔާ އަދި އެކުލަބުގެ އޮފިޝަލެއްގެ ގޮތުގައިވެސް މަސައްކަތް ކުރި އަހްމަދު އަރީޝް އާއި ހ. ސަރަނގުހިޔާ، އިބްރާހިމް އާދަމް މަނިކެވެ.

ރައީސް އާއި ބޯޑު މެންބަރު ކަމަށް ވޯޓަށް އާހަފައިވަނީ ގަނޑު ކޮށެވެ. އިންތިހާބީ ޖަލްސާއަށް ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މަގާމުތަކަށް މީހުން އައްޔަން ކޮށްފައެވެ.

ނަޒީމް ޗެއާޕާސަން ކަމަށް އިންތިހާބު ކުރުމުން ބޯޑް މެންބަރެއްގެ ގޮތުގައި އޭނާ ހުރި މަގާމު ވަނީ ހުސްވެފަ އެވެ. އެ މާގަމަށް އަލުން މީހަކު އިންތިހާބު ކުރަން އިންތިހާބެއް އިއުލާން ކުރާނެ ކަަމަށް ވިކްޓރީން ވަނީ ބުނެފަ އެވެ.

ޗެއާޕަސަން ކަމަށް މިރޭ ނަޒީމު އިންތިހާބު ވުމާއެކު އޭނާ ވެފައިވަނީ މިދިޔަ އެއް އަހަރުތެރޭ ވިކްޓްރީގެ ޗެއާމަންކަމަށް އިންތިހާބުވި ތިން ވަނަ ޗެއާޕާސަނަށެވެ.

މިދިޔަ އަހަރު ކުރީކޮޅު ބޭއްވި ވިކްޓްރީގެ އިންތިހާބުގައި ޗެއާޕާސަން ކަމަށް އެންމެ ފުރަތަމަ އިންތިހާބު ކުރީ ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އަސްއަދެވެ. ވިކްޓްރީ ހިންގުމުގައި ވަގުތު ދެވެން ނެތް ކަމަށް ވިދާޅުވެ މިދިޔަ އަހަރު ޖުލައި މަހު އޭނާ ވަނީ އިސްތިއުފާ ދެއްވާ އެވެ.

އެއްފަހު މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބު އޮކްޓޫބަރު މަހު ހޯމް މިނިސްޓްރީން ބާތިލު ކުރީ ވިކްޓްރީގެ ދެ ނައިބު ރައީސުން ކަމަށްވާ ޔޫތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އަބްދުލް މުހުސިން (ޖޭފޯ) އާއި އަހްމަދު މައުމޫން އަށް ނޭނގި ބާއްވާފައިވާތީ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަމަވެސް މިރޭ ބޭއްވި އިންތިހާބު ބާއްވާފައިވަނީ ދެ ނައިބު ރައީސުން ސޮއިކޮށް، އިންތިހާބުގެ ކަންކަން ވިކްޓްރީގެ ބޯޑް މެންބަރު އިބްރާހިމް ޝިނާޒުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމުގައި އިއުތިރާޒެއް ނެތްކަމަށް ހޯމް މިނިސްޓްރީއަށް ސިޓީ އެއް ހުށަހަޅައިގެން ކަމަށް ވިކްޓްރީން ބުނެއެވެ.