އަތޮޅުތަކު ތެރެއަށް ގެންދާ މުދާ ކްލިއާ ކުރުމުގެ މަސައްކަތް ހުޅުމާލޭ ވިޔަފާރި ބަނދަރަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްއިން ގެނައި 9.1 މިލިއަން ޑޮލަރުގެ ވެހިކަލްތައް ތައާރަފް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖުނައިދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ގެންދަން ގެންނަ ކޮންޓެއިނަރުތައް ކްލިއާ ކުރުމުގެ މަސައްކަތް މާލޭގެ ބަނދަރުން ކުރުމަކީ އެކުންފުންޏަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި އޭގެ ސަބަބުން މާލެ ބަނދަރު ތޮއްޖެހި ގިނަ ދަތިތަކަކާ ކުރިމަތިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ކޮންޓެއިނާތަކުގައި ހުރި މުދާތަކުގެ ތަފްސީލް މައުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި އެހެންކަމުން އަތޮޅުތަކަށް ގެންދާ ކޮންޓެއިނަރުތައް ދެން ގެންދާނީ ހުޅުމާލަށް ކަމަށެވެ.
"ރާއްޖެތެރެއަށް ގެންދާ ކޮންޓެއިނަރުތައް ހުޅުމާލެއިން ކްލިއާ ކުރުމުން ލިބޭނެ ފަސޭހައަކީ އެމްޕީއެލްގެ މަސައްކަތްތައް 24 ގަޑިއިރު ކުރިޔަށް ގެންދެވޭ ގޮތްވާނެ. އޭރުން ރާއްޖެ ތެރެއަށް ދާ ހުރިހާ މުދަލަކާއި ރިސޯޓުތަކުގެ ޕްރޮޖެކްޓުތަކަށް ދާ މުދާ ކްލިއާ ކުރުމުގެ މަސައްކަތް 24 ގަޑިއިރު ކުރެވިގެން ދާނެ. އަދި މާލޭ ބަނދަރަށް ވަރަށް ބޮޑު ލުއިއެއް ލިބިގެން ދާނެ،" ޖުނައިދު ވިދާޅުވި އެވެ.
އެމްޕީއެލްއިން އަލަށް ގެނައި ވެހިކަލްތަކުގެ ތެރޭގައި ކޮންޓެއިނާ އުފުލާ ހަ ރީސްޓިކާ ހިމެނެއެވެ. ޖުނައިދު ވިދާޅުވީ އޭގެ ތެރެއިން އެއް ރީސިޓާ ހުޅުމާލޭ ޕޯޓުގައި ބޭނުން ކުރުމަށް ގެންދާނެ ކަމަށާއި އޭގެ ސަބަބުން އެ ސައިޓުގެ މަސައްކަތްތަކަށް ބޮޑު ލުއިއެއް ލިބިގެންދާނެ ކަމަށެވެ. މާލޭ ވިޔަފާރި ބަނދަރުގެ ފެންވަރު ރަނގަޅު ކުރުމަށް އެމްޕީއެލްއިން އިތުރަށް ގެނެސްފައި ވަނީ ދެ ފޯކް ލިފްޓާއި ޓްރަކު އަދި ހަތަރު އެމްޓީ ކޮންޓެއިނަރު ހޭންޑްލާ އެވެ.