ސަންޑަލޭންޑުގެ ޑެފޯ ކާމިޔާބު ކުރި ދެ ޕެނަލްޓީން އެ ޓީމު އަތުން 2-2 އެއްވަރުވެ ލިވަޕޫލް ހުއްޓުވުމަކީ ގަބޫލު ކުރަން އުނދަގޫ ކަމެއް ކަމަށް އެޓީމުގެ ކޯޗް ޔާގަން ކޮލެޕް ބުނެފިއެވެ.
ސަންޑަލޭންޑުން ދެ ޕަންލޓީވެސް ކާމިޔާބު ކުރީ ލިވަޕޫލް ލީޑްގައި ވަނިކޮށެވެ.
ޑެނިއަލް ސްޓަރިޖް މެޗްގެ 19 ވަނަ މިނެޓްގައި ލީޑް ނަގާފައިވަނިކޮށް ސަންޑަލޭންޑުން އެއްވަރު ކުރީ އޭގެ ފަސް މިނެޓް ފަހުން ލިބުނު ޕެނަލްޓީ ގައެވެ. ސްޓަރިޖް ޖެހި ލަނޑަކީ މި ސީޒަންގެ ޕްރިމިއާ ލީގްގައި އޭނާ ޖެހި ދެ ވަނަ ލަނޑެވެ.
ލިވަޕޫލަށް ދެ ވަނަ ފަހަރަށް ލީޑް ނަގައި ދިނީ ސެޑިއޯ މާނޭ 72 ވަނަ މިނެޓް ގައި ކާމިޔާބު ކުރި ލަނޑުން ނެވެ. އެ ލަނޑަށްފަހު ލިވަޕޫލަށް ހަމަނޭވާއެއް ލެވިދާނެ ކަމަށް ބެލެވުނު ނަމަވެސް ސަންޑަލޭންޑްގެ ސަބެސްޓިއަން ލާސަން ޖެހި ހިލޭ ޖެހުމެއްގައި ފޮނުވާލި ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން މާނޭ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީގައި ޑެފޯ އަނެއްކާ އެއްވަރު ކޮށްދިނީ މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށެވެ.
މެޗަށް ފަހު ކޮލެޕް ވަނީ ރެފްރީގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހޭކަން ފާޅު ކޮށްފައެވެ. ނަމަވެސް އޭނާ ބުނީ ދެ ޕެނަލްޓީ ދިނީ ރަނގަޅަށް ކަމަށެވެ.
އަށްޑިހަ ފަސް ވަނަ މިނެޓްގައި ސަންޑަލޭންޑަށް، ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ބޭރުން ދިން ހިލޭ ޖެހުމާ މެދު ކޮލެޕްވަނީ ސުވާލު އުފައްދާފަ އެވެ. ސަންޑަލޭންޑަށް ދެ ވަނަ ޕެނަލްޓީ ލިބުނީ ލާސަން ޖެހި ހިލޭ ޖެހުމުގައި ބޯޅަ އަށް ހުރަސް އަޅަށް ވޯލްގައި ހުރި މާނޭގެ އަތުގައި ޖެހުމުން ނެވެ.
"އަހަރެމެން ޖެހި ދެ ވަނަ ގޯލް އަހަރެމެންނަން ހައްގުވޭ ދެން އަހަރެން ބުނާނީ އެއީ ފައުލެއް ނޫނޭ ނަމަވެސް ފްރީ ކިކެއް ދިން އެވަރުގެ ކަމެއް އެތަނުގައި ނުހިނގާ އޭގެފަހުން ހޭންޑް ބޯލްވީ 2-2 އެއްވަރު އެއީ މިކަން ދިޔަ ގޮތް،" ކޮލެޕް ބުންޏެވެ.
"އަހަރެން މިބުނަނީ ރަނގަޅަށް އަހަރެން ހިތްހަމައެއް ނުޖެހޭ އެއީ ޕޮއިންޓް ގެއްލުނީމައެއް ނޫން އެއީ މެޗެއްގައި ދެ ޕެނަލްޓީ ލިބުމުން. ދެ ޕެނަލްޓީ ލިބުމަކީ ގބޫލު ކުރަން އުނދަގޫ ކަމެއް."
މެޗްގެ 74 ވަނަ މިނެޓްގައި ސްޓަރިޖަށް ކުރި ފައުލާ ގުޅިގެން ރެފްރީ ހިލޭ ޖެހުމެއް ނުދިނުމުންވެސް ކޮލެޕް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިޕްލައި އިން ފެންނަ ގޮތުގައި ސްޓަރިޖަށް ވަނީ ފައުލު ކޮށްފައެވެ. ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ކޮރު ޖަހަމުން ސްޓްރިޖް ދަނޑުން ފޭބީ އެ ފައުލަށް ފަހު އެވެ.
"ސަތޭކަ ޕަސަންޓް ޔަގީން ޑެނިއަލް ސްޓަރިޖަށް ކުރީ ފައުލެއްކަން އެއީ އޭގެ ކުރިން ސަންޑަލޭންޑަށް ލިބުނު ހިލޭޖެހުމާ އެއްގޮތް ކަހަލަ ހާލަތެއް އަހަރެމެންނަށް އެ ހިލޭ ޖެހުން ދިން ނަމަ ކޮންމެވެސް މީހެއްގެ އަތަށް ޖަހަންވެސް ފުރުސަތު ލިބުނީސް،" ކޮލެޕް ބުންޏެވެ.
ލިވަޕޫލް މި މެޗުން އެއްވަރުވުމުން ޖެހިޖެހިގެން މޮޅުވަމުން އައި ޓީމަށް ހުއްޓުމެއް އެރީއެވެ. ރޭގެ މެޗްގެ ކުރިން އެޓީމު ވަނީ ޖެހިޖެހިގެން ހަތަު މެޗުން މޮޅުވެފަ އެވެ. އެއްވަރުވުމުން އެއްވަނައިގައި އޮތް ޗެލްސީއާ ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ގެއްލިގެން ދިޔައީ އެވެ. މިހާރު ޗެލްސީއާ މެދު ފަސް ޕޮއިންޓޤގެ ފަރަގެއް އެބަ ހުއްޓެވެ.